ރަނގަޅަށް ވިސްނައި ސަމާލުކަން ދޭތި! ތިބާއަށް ވަފާތެރި، ތަޤްވާވެރި ބައިވެރިޔާ ދެކެ ފޫހިވެވޭނަމަ އެކަން އެއަންނަނީ ޝައިޠޯނާގެ ކިބައިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ރަނގަޅަށް ވިސްނައި ސަމާލުކަން ދޭތި! ތިބާއަށް ވަފާތެރި، ތަޤްވާވެރި ބައިވެރިޔާ ދެކެ ފޫހިވެވޭނަމަ އެކަން އެއަންނަނީ ޝައިޠޯނާގެ ކިބައިން!

ގިނަ މީހުންނަކީ ދުނިޔަވީ ކަންކަމުގައި ޚިޔާލު ތަފާތު ބައެކެވެ. އެކަން ދެމަފިރިންގެ މެދުގައިވެސް އޮވެއެވެ. ވީމާ ހަޔާތުގެ ބައިވެރިޔާއަކީ ހެޔޮލަފާ މީހަކު ކަމުގައިވަނީ ނަމަ ދުނިޔަވީ ކަންކަމުގައި ޚިޔާލު ތަފާތު ނަމަވެސް އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! އެމީހަކީ ތަޤްވާވެރއެއް ނަމަ ދުނިޔަވީ ކަންކަމުގައި ޚިޔާލުތަފާތުވިނަމަވެސް އެމީހާގެ ސަބަބުން ތިބާގެ ޢާޚިރަތަށް ލިބޭނެ ގެއްލުމެއް ނުއޮންނާނެއެވެ. ކުރާނީ ފައިދާއެވެ. ހަޤީޤަތުގައި އެންމެ ކާމިޔާބު މީހުންނަކީ ޚިޔާލު ތަފާތު މީހުންނާއިއެކު އުޅުމުގެ ކުޅަދާނަކަން ލިބިގެންވާ މީހުންނެވެ.  

ޚިޔާލު ތަފާތުވި ނަމަވެސް ހެޔޮލަފާ މީހުންނާއި (ބައިވެރިޔާ ނޫން ނަމަވެސް) ދުރުނުވާށެވެ! ރުޅި ނުވާށެވެ! ރަނގަޅު ހެޔޮލަފާ މީހުންނާއި ރުޅިކުރުވަނީ ޝައިޠާނާއެވެ. ޝައިޠާނާގެ މަސައްކަތަށް އިޖާބަދީ ރަނގަޅު ހެޔޮލަފާ މީހަކާއި ރުޅިވާއިރަށް މާ ހެޔޮއެދޭ މިތުރެއްގެ ގޮތުގައި ޝައިޠާނަކު ދައްކާނެއެވެ. އެހިސާބުން ތިމާގެ ހުރިހާ ކަމެއް ދާނީ ގޯހުން ގޯހަށެވެ.

ނަމަވެސް ޚިޔާލުތަފާތުވުން މައްސަލައަކަށްހަދައި ވަކިވެ ޝައިޠާނަކާއި ގުޅެވިއްޖެނަމަ ތިބާގެ އާޚިރަތް ގެއްލިގެން ދިއައީއެވެ. އެހިސާބުން ހުރިހާ ކަމެއް ގެއްލިގެން ދިއައީއެވެ. ދާދި އަވަހަށް ތިބާއަކީ ހިލަ ހިތެއް ލިބިފައިވާ މީހަކަށް ބަދަލުވެދާނެއެވެ. އެއީ ވަރަށް ބިރުހުރި ކަމެކެވެ.  

ގުޅުން ބަހައްޓައި އެކުގައި އުޅެން މަސައްކަތްކުރަން އޮތީ އާޚިރަތް ލިބިގަތުމަށް މަސައްކަތްކުރާ މީހުންނާއި އެކުގައެވެ. ވީމާ ދުނިޔަވީ ކަންކަމުގައި ކިތަންމެ ޚިޔާލު ތަފާތުނަވެސް އާޚިރަތް ލިބިގަންނަން މަސައްކަތްކުރާ އަދި ތިބާއަށް ޢާޚިރަތް ހޯދައިދޭން މަސައްކަތްކުރާ އެއްވެސް މީހަކާއި ދުރުނުވާށެވެ. އެންމެ މުހިންމު ކަމަކީ އާޚިރަތް ލިބިގަންނަން މަސައްކަތްކުރުމެވެ.  

ޚިޔާލު ކިތަންމެ ތަފާތު ނަމަވެސް ހެޔޮލަފާ ތަޤްވާވެރިއަކާއިއެކު ދުނިޔޭގައި އުޅޭނަމަ ތިބާއަށް ރަނގަޅު މަގު ދައްކައިދޭނެއެވެ. ހަމައެކަނި ޙަޔާތުގެ ބައިވެރިއަކަށްވެސް ނޫނެވެ. އެކުވެރިންގެ ގޮތުގައި ގެންގޫޅޭ މީހުންނާއިމެދު ހަމަ މި ވިސްނުމުން ވިސްނަންވާނެއެވެ.

 

- -އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން