ދުޢާކުރުމުން ޙާޞިލުނުކުރެވޭނެ ކަމެއް ނެތްކަން ޔަޤިންކޮށްލަން ބޭނުންވާ މީހުންނަށް ޢިބްރަތަކަށް ފުދޭނެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
ދުޢާކުރުމުން ޙާޞިލުނުކުރެވޭނެ ކަމެއް ނެތްކަން ޔަޤިންކޮށްލަން ބޭނުންވާ މީހުންނަށް ޢިބްރަތަކަށް ފުދޭނެ ޙާދިސާއެއްގެ ވާހަކަ-

ގިނަ ބައަކަށް އެންމެ ބޮޑު މާޔޫސްކަމެއް ލިބެނީ ބޮޑުބައްޔެއް ޖެހުމުން ފަރުވާކުރެވޭނެ ގޮތެއް ނެތްނަމައެވެ. ތަނަވަސްކަން ނެތްނަމަ ލިބޭ މާޔޫސްކަން ވަކިން ބޮޑުވެއެވެ. އެހެންވެ ބައެއް މީހުންނަށް ދުޢާކުރުންވެސް ހުއްޓައިލެވެއެވެ. އެހެންވެ މިގެނެސްދެނީ ވިސްނައިލުން ވަރަށް މުހިންމު ޙާދިސާއެއްގެ ވާހަކައެވެ. އިން ޝާ ﷲ  

އެމީހަކު ބޭނުންވާ ކަންކަމަށް އެދިގެން ދުޢާކުރަމުން ގެންދާށެވެ. އެއީ ކޮންމެ ދުވަހަކުވެސް ކުރަން އޮތް ކަމެކެވެ. ކުރަން އޮތް އެންމެ މުހިންމު ކަންތައްވެސްމެއެވެ. ދުޢާކުރުމުގެ ހުރިބާރު އެއްވެސް މީހަކަށް ތަޞައްވުރުވެސް ނުކުރެވޭނެއެވެ.  

ދުޢާކުރުމަށްފަހު އިތުބާރުކުރަން ބައެއް މީހުންނަށް އުނދަގޫކަމަކަށްވެއެވެ. ދުޢާ ޢިޖާބަކުރެއްވެވިކަން އެނގުން ލަސްވުމުން ނުވަތަ އެކަމެއް ހިންމަވައިދެއްވެވެވުން ލަސްވުމުން ކުރި ދުޢާއާއިމެދު އިތުބާރުވެސް އެބަ ކަނޑައިލައެވެ. އެފަދަ މީހުން މިކިޔައިދޭ ވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ! މިވާހަކަ މިހާރުވެސް ވާނީ ކިޔައިދެވިފައެވެ. ގިނައިން މިކިޔައިދެނީ ޙާޞިލުކުރަންޖެހޭ ޢިބްރަތް ބޮޑުކަމުންނެވެ. ކަނުލައި އަޑުއަހާށެވެ!

އެއީ ޕާކިސްތާނުގެ ވަރަށް ޚާއްޞަ ޑޮކްޓަރެކެވެ. އެންމެ މަޤްބޫލް ނިޔުރޮލޮޖިސްޓް ޑޮކްޓަރެވެ. އެހެން ކަމުން ޢާންމުގޮތެއްގައި އޭނާގެ އެޕޮއިންޓްމަންޓެއް ލިބެނީ 6 މަސްދުވަސްވަރު އިންތިޒާރުކޮށްގެންނެވެ.  

ޑޮކްޓަރު އެހެން ސިޓީއަކަށް ކުރި ދަތުރެއްގައި ފްލައިޓަށް ކަމެއް ދިމާވެގެން ރަށްފުށު އަވަށެއްގެ އެއާޕޯޓުގައި ޖައްސަން ޖެހުނެވެ. އެއީ ފްލައިޓް މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރެވޭ އެއާޕޯޓަކަށް ނުވުމުން ފްލައިޓަށް ޖެހުނީ އެހެން ފްލައިޓެއްގައި އިންޖިނޭރުން އަންނަންދެން މަޑުކުރާށެވެ.  

ޑޮކްޓަރު ބޭނުންވީ އެ ވަގުތުކޮޅުގައި އަވަށުތެރެއަށް ގޮސް މީހުންގެ ހާލަތު ބަލައިލުމަށެވެ. ކާރެއް ވެސް ލިބެން ނެތުމުން ޑޮކްޓަރު ދަތުރު ފެށީ އޮޓޯ ރިކްޝާއެއްގައެވެ. ދަތުރުކުރަނިކޮށް މޫސުން ގޯސްވެ ވައިގަދަވެ ގުގުރައި ވިދައި ވާރޭ ވެހެން ފެށުމުން ޑޮކްޓަރު ބޭނުންވީ އެހިސާބުގައި ހުރި ގެއަކަށް މަޑުކޮށްލައި ނަމާދުކޮށް ކަންކަން ކޮށްލުމަށެވެ.  

އެހެންކަމުން އެ ސަރަހައްދުގައި ހުރިގެއަކަށް މަޑުކޮށް މެހްމާން ދާރީ އަށް އެދުމުން އެގެއިން މަރުހަބާކިއެވެ. ޑޮކްޓަރު ނަމާދުކޮށް ނިމިގެން ބަލައިލިއިރު ވަރަށް ބަލި ކުއްޖަކު އޮތެވެ. އެ ކުއްޖާ އާއިމެދު ސުވާލުކުރުމުން އެގެއިން މަރުޙަބާކީ މުސްކުޅި އަންހެން މީހާ ރޮމުން ބުންޏެވެ. 

"ސާހިބާއެވެ! ތިއައީ ޔަތީމް ކުއްޖެކެވެ. ތިއަ ކުއްޖާ ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކައިފީމެވެ. ރަނގަޅުވާނެ ގޮތެއް އަދި ނުވެއެވެ. ޑޮކްޓަރުން ބުނަނީ އޭނާއަށް ފަރުވާ ކުރެވޭނެ ހުރީ އެންމެ ޑޮކްޓަރެއް ކަމަށެވެ. އެ ޑޮކްޓަރު އުޅެނީ ވަރަށް ދުރުގައެވެ. އެހެންކަމާއިއެކުވެސް އެޕޮއިންޓްމަންޓެއް ހަދައިފީމެވެ. ނަމަވެސް ލިބުނީ 6 މަސް ދުވަސް ފަހަށެވެ. އެހެންވެ އެދުވަހުން ފެށިގެންދަނީ އެކަން ލުއި ފަސޭހަކޮށް ދެއްވެވުން އެދި ﷲ ތައާލާއަށް ދުޢާ ކުރަމުންނެވެ."  

އެއީ ކޮން ޑޮކްޓަރެއްތޯ ޑޮކްޓަރު ސުވާލުކުރުމުން ބުނީ އެއީ ޑޮކްޓަރު އިޝާން ކިޔާ ޑޮކްޓަރެއް ކަމަށެވެ. އަންހެން މީހާގެ ޖަވާބާއިއެކު ޑޮކްޓަރަށް ރޮވެން ފެށިއެވެ. ޑޮކްޓަރު ބުންޏެވެ. "ދައްތަގެ ދުޢާ ﷲ ތައާލާ އިޖާބަ ކުރައްވަވައިފިއެވެ. އަހަރެންނަކީ ތިއަ ބުނާ ޑޮކްޓަރު އިޝާން އެވެ. އަހަރެން ދަތުރުކުރި ފްލައިޓަށް މައްސަލަ ދިމާވެ މި އަވަށުގައި ޖައްސަން ޖެހުމާއި އޮޓޯ ރިކްޝާއެއްގައި މިހިސާބަށް އައިތަނާ މޫސުން ގޯސްވެ މިގެއަށް ވަންނަން މެދުވެރި ކުރެއްވެވީ ދައްތަ ކުރި ދުޢާގެ ސަބަބުން ﷲ ތަޢާލާއެވެ."  

މިފަދަ ހާދިސާތަކުން އެނގިގެންދަނީ ﷲ ތައާލާއަށް ކުރާ ދުޢާ އިޖާބަ ކުރައްވަވާނެ ކަމެވެ. ބައެއް ޙާލަތްތަކުގައި އާދައާއި ޚިލާފް ގޮތްގޮތަށްވެސް ކަންކަން މެދުވެރިކުރައްވަވާ ކަމެވެ. އަހަރެމެންނަށް ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމާއިއެކު ﷲ ތަޢާލާގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމާއިއެކު އަދި ފުރިހަމަ ޔަޤީންކަމާއިއެކު ﷲ ތައާލާއަށް ދުޢާކުރުންމަތީގައި ދެމިތިބުމެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން