ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 23

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 52ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 23

ޢަމްރު ބިން މަޢްދީކަރިބްގެ ޖެހިލުންކުޑަކަމާއި ހިތްވަރުގަދަކަން

ޤާދިސިއްޔާ ހަނގުރާމައިގައި ބައިވެރިވި މުޖާހިދުންގެ ތެރޭގައި، އާދަޔާޚިލާފަށް ހިތްވަރުގަދަ ފަހުލަވާނުން ހިމެނެއެވެ. ޖެހިލުންކުޑަ ކޮމާންޑަރުން ހިމެނެއެވެ. އެބޭކަލުންގެ ފަންވަރާއި ބުންވަރުގެ ސަބަބުން، އިސްލާމީ ލަޝްކަރުގެ މުޖާހިދުންގެ ހިތްތަކުގައި ޖިހާދުކުރުމުގެ ރޫހު އާލާވެގެންދެއެވެ. މުޖާހިދުންނަށް އިތުރު ހިތްވަރެއް ލިބެމުންދެއެވެ. މިދެންނެވި ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ އެއްބޭކަލަކީ، ބަނޫތަމީމު ވަންހައަށް ނިސްބަތްވާ މަޝްހޫރު ބަތަލެކެވެ. އިސްކޮޅުން ދިގު، ނުހަނު ފިރިހެންވަންތަ ފަހުލަވާނެކެވެ. ނަންފުޅަކީ ޢަމްރު ބިން މަޢްދީކަރިބްއެވެ. ހަނގުރާމައިގެ ތިންވަނަ ދުވަހު އެކަލޭގެފާނު ގޮވައިލެއްވިއެވެ.

[އޭ އެކުވެރިންނޭވެ! ތިމަންކަލޭގެފާނު މިދަނީ އެތްތަކަށާއި އޭގެ ވަށައިގެން ތިބި އީރާނުގެ މީހުންނަށް ހަމަލާދޭށެވެ. ތިމަންކަލޭގެފާނު ދިޔުމުން ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު، ތިމަންކަލޭގެފާނުގެ ފިޔަވަޅުތަކަށް ތަބާވެ ފަހަތުން އަންނާށެވެ. ރަނގަޅަށް ކަނުލާ އަޑުއަހާށެވެ! ތިޔަބައިމީހުން ލަސްވެއްޖެނަމަ، އަބޫ ޘައުރް ގެއްލިދާނެއެވެ (އަބޫ ޘައުރްއަކީ ޢަމްރު ބިން މަޢްދީކަރިބްގެ ކުންޔާއެވެ).] އެކަލޭގެފާނު އިތުރަށް ވިދާޅުވިއެވެ. [ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނާ ހަމައަށް އާދެވުން ލަސްވެއްޖެނަމަ، އަބޫ ޘައުރް ފަދަ ދެވަނަ މީހަކު ދެން ހޯދާނީ ކޮންތާކުން ހެއްޔެވެ؟]

ޢަމްރުއަކީ އާދަޔާޚިލާފަށް ހިތްވަރުގަދަ ބޭކަލެކެވެ. ކެރިވަޑައިގަންނަވާ، ޖެހިލުންކުޑަ ބޭކަލެކެވެ. ހަނގުރާމައިގެ އުކުޅުތައް ދެނެވަޑައިގަންނަވާ، އެކަމުގެ ކުޅަދާނަ މާހިރެކެވެ. ﷲގެ މި ސިންގާ، ދުޝްމަނުންގެ ފައުޖުގެ ތެރެއަށް ވަދެގަތީ، އެކަލޭގެފާނުގެ ހަރަކާތްތައް ފޮރުވުމަށްޓަކައި ހިރަފުހުގެ ފަރުދާއެއް އުފައްދަމުންނެވެ. މުސްލިމުންގެ ލަޝްކަރުގައި ތިބި އެކަލޭގެފާނުގެ އެކުވެރިންނާއި އެކަލޭގެފާނުގެ ގަބީލާގެ މީހުން، އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ. [ތިޔަބައިމީހުން ތިޔަ އިންތިޒާރުކުރަނީ ކޮންކަމަކަށް ހެއްޔެވެ؟ މައިދާނަށް ނުގޮސް މިހާ ލަސްކުރަނީ ކީއްވެގެން ހެއްޔެވެ؟ ޢަމްރު ޝަހީދުވެއްޖެނަމަ، އެއީ މުސްލިމުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އެކަންވާނީ މުސްލިމުންނަށް ލިބޭނެ ފޫނުބެއްދޭވަރުގެ ގެއްލުމަކަށެވެ. އޭރު ގެއްލިގެން އެދިޔައީ މުސްލިމުންގެ މޮޅު ހަނގުރާމަވެރިއެކެވެ. ބިރުކުޑަ، ޖެހިލުންކުޑަ ލީޑަރެކެވެ.]

މިދެންނެވި ވާހަކަތައް ދެއްކުމަށްފަހު، މުޖާހިދުން އަވަސްއަވަހަށް ޢަމްރުގެ ފަހަތުން ދިޔައެވެ. އެބޭކަލުންނަށް ފެނުނީ، ޢަމްރު ޖެހިލުންކުޑަކަމާއެކު ދުޝްމަނުންނާ ހަނގުރާމަ ކުރައްވަނިކޮށެވެ. ޢަމްރު ހަނގުރާމައިގެ މައިދާނުން ކުރިއަށް ޖެހިވަޑައިގެން، އެއްވެސް ޖެހިލުމެއްނެތި، ފުލުފުލުން ދުޝްމަނުންނަށް ހަމަލާތައް އަމާޒުކުރައްވަން ފެއްޓެވިއެވެ. ނަމަވެސް، ކުއްލިއަކަށް އީރާނުގެ ސިފައިން އެކަލޭގެފާނަށް ހަމަލަދީފިއެވެ. އެކަލޭގެފާނު ސަވާރުވެވަޑައިގެން އިންނެވި އަހުން ވައްޓާލައިފިއެވެ. އެބައިމީހުން އެކަލޭގެފާނުގެ އަސް ޤަތުލުކުރިއެވެ.

ޢަމްރު އެކަލޭގެފާނުގެ ކަނޑިކޮޅުގެ ވިދުވަރު ދައްކާލިއެވެ. ނުހަނު ފިރިހެންވަންތަކަމާއެކު އެ ތޫނު ކަނޑީގައި ހިއްޕަވައި، ފަރާތްފަރާތުން އަންމުންދިޔަ ދުޝްމަނުންނާ ކުރިމަތިލައްވަމުން ގެންދެވިއެވެ. ދުޝްމަނުންގެ ފަރާތުން އެކަލޭގެފާނަށް ހިސާބަކަށް ޒަޚަމްތައްވެސް ލިބިވަޑައިގަތެވެ. މި މަންޒަރު ފެނިގެން، އެކަލޭގެފާނުގެ އެކުވެރި މުޖާހިދުން ހަނގުރާމައިގެ މައިދާނަށް ބާޒުތަކެއްގެ ބީދައިން ޖެހިގަނެ، ދުޝްމަނުންގެ ބައިގަނޑު ފަހަތަށް ޖައްސާލިއެވެ. އެވަގުތު، ޢަމްރުއަށް އީރާނުގެ އަސްވާރަކު ފެނިވަޑައިގަތެވެ. އެކަލޭގެފާނު އެ އަހުގެ އެއްފައިގައި ހިއްޕަވައި ދަންމަވައިގަތެވެ. އަހަށް ސަވާރުވެގެން އިން މީހާ އަސް ދުއްވުމަށްޓަކައި އަހުގައި ތަޅާގަތެވެ. ނަމަވެސް، ޢަމްރު ހިފަހައްޓަވައިފައިވާލެއް ބާރުކަމުން އަސް ގުޑައިވެސް ނުލިއެވެ. ދެން އޭނާ ދިފާއުވުމަށްޓަކައި، ޢަމްރުއާ ދިމާއަށް އެނބުރި އޭނާގެ ކަނޑިން ހަމަލަދިނެވެ. ނަމަވެސް، ޢަމްރު އެ އެތިފަހަރުން ރެކިގަތެވެ. އެގޮތުން އެކަލޭގެފާނު ބަލިނުކުރެވޭނެކަން އެނގުމުން، އޭނާ ފުރާނަ ސަލާމަތްކުރަން އަހުން ފުއްމާލައިގެން ދުވައިގަތެވެ. ޢަމްރު ގޮވައިލެއްވިއެވެ. [އެ އަހުގެ ލަގަން ތިމަންނާއަށް ދޭށެވެ.] އެކަލޭގެފާނުގެ އެކުވެރިން އަހުގެ ލަގަން އެކަލޭގެފާނުގެ އަތްޕުޅަށް އެރުވުމުން، އެކަލޭގެފާނު އަހަށް ސަވާރުވެވަޑައިގަތެވެ.

ޙަޤީޤީ ހިތްވަރުގަދަކަމާއި ކެރުމަކީ މިއީއެވެ. ޢަމްރުގެ މި ހިތްވަރުގަދަކަން ފެނި، މުޖާހިދުންގެ ހިތްވަރު އާވެގެންދިޔައެވެ. ކުރިންވެސް މުސްލިމުންނަކީ ދުޝްމަނުންދެކެ ޖެހިލުންވި ބައެއް ނޫނެވެ. ނަމަވެސް، ކޮމާންޑަރުގެ ފަރާތުން ފެނުނު ވަރުގަދަ އަޒުމާއި ހިތްވަރުގެ ސަބަބުން، އިތުރަށް ރޫހު ތާޒާވީއެވެ. ދުޝްމަނުންނަކީ އަޒުމެއްނެތް، ބިރުން ސިހިސިހި ތިބޭ ބައެއްކަން މުސްލިމުންނަށް ވިސްނުނެވެ. އެބައިމީހުން ބަލިކޮށްލުމަކީ ދާދި ފަސޭހަކަމެއްކަން މުސްލިމުންނަށް އެނގުނެވެ. އެހެންކަމުން، މުސްލިމުން އިތުރު ޖޯޝާއި ފޯރިއާއެކު ދުޝްމަނުންނާ ކުރިމަތިލިއެވެ.

- ނުނިމޭ -

މިއަދު އޮންލައިން