ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
قال رسول الله صلى الله عليه وسلم:تركتُ فيكم أَمْرَيْنِ لن تَضِلُّوا ما تَمَسَّكْتُمْ بهما : كتابَ اللهِ وسُنَّةَ نبيِّهِ صلَّى اللهُ عليهِ وسلَّمَ
މާނައީ: ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދެ އެއްޗެއް ދޫކުރެއްވީމެވެ. އެދޭތީގައި ތިޔަބައިމީހުން ހިފައިފިނަމަ ތިޔަބައިމީހުން މަގުފުރެދިގެން ނުދާނެއެވެ. އެއީ ﷲ ގެ ފޮތާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔެ މައްޗަށް ފޮނުއްވި ހުރިހާ ރަސޫލުންނާއި ނަބިއްޔުން ގޮވާލެއްވީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަށެވެ. ހަމަ އެހެންމެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވެސް ގޮވާލެއްވީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަށެވެ.
ﷲ ތަޢާލާ ނަޙްލު ސޫރަތުގެ 36 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
(وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولاً أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ فَمِنْهُمْ مَنْ هَدَى اللَّهُ وَمِنْهُمْ مَنْ حَقَّتْ عَلَيْهِ الضَّلالَةُ فَسِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ)
“ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، ﷲ ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް ޙައްޤުވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ!”
މީގެ އިތުރުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޚުލްޤުފުޅަކީ ކީރިތި ޤުރްއާނެވެ.
ޢާއިޝަތުގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ ޚުލްޤުފުޅާޢި ބެހޭގޮތުން ސުވާލުކުރެއްވުމުން ވިދާޅުވީ كان خُلُقُه القُرآنَ. (އެކަލޭގެފާނުގެ ޚުލްޤުފުޅަކީ ކީރިތި ޤުރްއާން ކަމަށެވެ.)
އަދި ކީރިތި ޤުރްއާނުގެ ޤަލަމް ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿٤﴾
މާނައީ: އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ. (4)
އެހެންކަމުން އަޅުގަނޑުމެން މިސާލަކަށް ބަލަން ވާނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚުލްޤުފުޅަށެވެ. ކާމިޔާބު ލިބޭނީ ﷲ ތަޢާލާއާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބަޢަވެގެންކަން ޔަގީނެވެ.
މި ޙަދީޘުން ލިބޭ ފައިދާތައް:
· ސުންނަތައް ތަބަޢަވުމުގެ މުހިއްމުކަމާއި އޭގައި ހިފެހެއްޓުމުގެ މުހިއްމުކަން
· ﷲ ތަޢާލާ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުތަކަށް އަޑުއަހާ ކިޔަމަންވުމުގެ މުހިއްމުކަން
· ރަސޫލާއަށް ތަބަޢަވާ މީހަކު މަގުފުރެދިގެން ނުދާނެކަން
· ދީނުގައި ދުރުހެލިވުމަށް އަންގަވާފައިވާ ކަންކަމާ ދުރުހެލިވުން އަދި ނަހީ ކުރައްވާފައިވާ ކަންކަމާ ދުރުހެލިވުން
· އަޅުގަނޑުމެން އުޅެނވީ ގޮތް އަންވާފައިވާ ފޮތަކީ ކީރިތި ޤުރްއާންކަން