އަންހެނަކު އޭނާގެ ލޯބިވެރިޔާ އާއި ސުވާލުކުރިއެވެ.
"ދެމީހުން ލޯބިވެގެން އުޅޭތާ 2 އަހަރުވީއެވެ. މިގުޅުން ފިރިމީހާއަށް އެނގި އަހުރެން ވަރިކޮށްފިއްޔާ އަހުރެންނާއި ކައިވެނިކުރާނަންހެއްޔެވެ؟" ލޯބިވެރިޔާގެ ޖަވާބަކަށްވީ "ނޫނެކެވެ! ދުވަހަކުވެސް ތިބާއާއި ކައިވެނިކުރާކަށް ނެތީމެވެ!"
"އަހުރެން ދެކެ ލޯބިވާކަމަކަށް ނުބުނަން ހެއްޔެވެ؟"
"ލޯބިވުމާއި ކައިވެނިކުރުމަކީ ތަފާތު ދެކަމެކެވެ."
"އަހުރެންނާއި ކައިވެނި ނުކުރާނެކަމަށް ތިއަ ބުނަނީ ކީއްވެގެން ހެއްޔެވެ؟"
"އެއީ ތިބާ ފިރިމީހާއަށް މަކަރުހަދައި އަހުރެންނާއިއެކު އުޅުނީތީއެވެ. އެކަމުން އެނގެނީ ތިބާއަކީ ތެދުވެރިއެއް ނޫންކަމެވެ. ފިރިމިހާއަށް ތެދުވެރިނުވި އަންހެނަކު އަހުރެންނަށް ތެދުވެރިވާނެކަމަށް ޤަބޫލުކުރުމަށްވުރެ ބޮޑު މޮޔަކަމެއް ކުރެވޭނެ ހެއްޔެވެ؟
ބުނަން ހެއްޔެވެ؟ އަހުރެން ކައިވެނިކުރާނީ ބޭވަފާތެރިއަކާއެއް ނޫނެވެ. ވަފާތެރިއަކާއެވެ! އަހުރެން މިކުރިކަމަކީ އަންހެނަކު އަހުރެންނަށް ޚަރަދުކޮށް އަދި ބޭނުންވާ ކަންކަން ކޮށްދޭތީ އެކަމުގެ ފައިދާ ލިބިގަތީއެވެ. އަދިވެސް އަހުރެން ތިބާދެކެ ލޯބިވަމެވެ. އެކަމަކު ދުވަހަކުވެސް ކައިވެންޏެއް ނުކުރާނަމެވެ."
މިއީ އަޅުގަނޑަށް ސޯޝަލް މީޑިއާއިން ފެނިފައިވާ ވާހަކަކޮޅެކެވެ. މިވާހަކަކޮޅުގައި ދެރަ ލިބެނީ އަންހެން މީހާއަށެވެ. ވިސްނަންވީ ހަމަ މިދެރަ މިގޮތަށް އުޅޭ ފިރިހެނުންނަށްވެސް ލިބޭނެ ކަމެވެ. ބައިވެރިޔާއަށް މަކަރުހަދައި ބޭވަފާތެރިވާ މީހަކާ ބުއްދިހުރި އަންހެނަކުވެސް އަދި ފިރިހެނަކުވެސް ނުގުޅޭނެއެވެ.
ދެން ބައެއް އެކުވެރި އަންހެނުން ބުނާނީ ފިރިހެނުންނަށް ދެއަންތބަށް ކައިވެނިކުރެވިދާނެކަމަށެވެ. އެއީ ތެދެކެވެ. އެކަމަކު ކައިވެނިކުރަން ގުޅޭ މީހާ ކައިވެނިކުރާނީއެވެ. ލޯބިވެގެން ފާފަކުރާކަށް ނުގެންގުޅޭނެއެވެ. އަދި ދެވަނަ ކައިވެނުިކުރާކަން އަނބިމީހާއަށް ސިއްރެއްވެސް ނުކުރާނެއެވެ. ފަޅާއަރާނެތީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް