ތިމާއަށް އެންމެ ފައިދާކުރާނެ ހެޔޮ ޢަމަލު އެނގެން އޮއްވައި ހޯދަން އުޅެނީ ކީއްވެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިމާއަށް އެންމެ ފައިދާކުރާނެ ހެޔޮ ޢަމަލު އެނގެން އޮއްވައި ހޯދަން އުޅެނީ ކީއްވެތަ؟

ކޮންމެ މުސްލިމަކުވެސް ބޭނުންވާނީ އެންމެ ހެޔޮ ޢަމަލުތައް ކުރުމަށެވެ. އެންމެ ގިނަ ޘަވާބު ދެއްވަވާ ޢަމަލުތައް ކުރުމަށެވެ. އެހެންކަމުން ކުރަން އެންމެ ފައިދާހުރި އެންމެ ހެޔޮ ޢަމަލަކީ ކޮބައިކަމާއިމެދު ވަރަށް ގިނަ ބައަކު ސުވާލުކުރެއެވެ.  

އެފަދަ މީހުންނަށް ބުނަން އޮތީ އިތުރު ކަންކަން ހޯދަން އުޅުމުގެ ބަދަލުގައި ޙަދީޘްފުޅުތަކުން އެންމެ ފަސޭހައިން ފެންނަން ހުރި ޢަމަލުތައް ކުރަން އަވަހަށް ފަށާށެވެ! އެއަށްފަހު ދެންވެސް ފެންނަ ހެޔޮ ޢަމަލުތައް ކުރަމުން ގެންދާށެވެ.  

މިސާލަކަށް ބުނާނަމަ ފަރުޟު ނަމާދަށް ރައްކައުތެރިވުމާއި މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަކީ އެންމެ ހެޔޮ އަމަލު ކަމުގައި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީއިރު ފުރަތަމަ ކަމެއްގެ ގޮތުން އެޙަދީޘްފުޅަށް ޢަމަލުކުރަން ފެށުން ކީއްހެއްޔެވެ؟  

މިއީ ހަމައެކަނި ޙަދީޘްފުޅެއްވެސް ނޫނެވެ! ﷲ ތަޢާލާގެ އަމުރުފުޅެއްވެސް މެއެވެ. ކީރިތި ޤުރްއާނުން ފެންނަން ހުރި ކަންކަމެވެ. ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ބޮޑުވެގެންވާ ވާޖިބެކެވެ. ސުވަރުގެ ލިބިގަތުން އެދިގެން ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ.  

ކޮންމެ މީހަކުވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ޖަމާޢަތުގައި ފަރުޟު ނަމާދުކުރުމަށެވެ. އަންހެނުންނަށް އޮތީ ގޭގައި ނަމާދުކުރުމަށް އަވަސްވެގަތުމެވެ. އިޚްލާޞްތެރިކަމާއިއެކު ފަރުޟު ނަމާދުތައް އެނަމާދެއްގެ ވަގުތުގައި އަދާކުރަމުން ދާން ފެށުމުން އެމީހެއްގެ ހިތަށް ހިތްހަމަޖެހުން ލިބެންފަށާނެއެވެ. ކުރިމަތިވާ ތަކްލީފްތަކަށް ކެތްތެރިވުމުގެ ހިތްވަރު ދެއްވަވާނެތެވެ. އެމީހާއަށް އިތުރު ކުރިއެރުން ދެއްވަވާނެތެވެ! އިން ޝާ ﷲ  

ވީމާ އެންމެ ހެޔޮކަން ބޮޑު އަޅުކަން ހޯދަން އެންމެ ފުރަތަމަވެސް ކުރަން އޮތް ކަމަކީ ޖަމާޢަތުގައި ފަރުޟު 5 ނަމާދުކުރުމެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން