ބަންގިއާ ގުޅިފައިވާ މިކަންކަމަށް ޢަމަލުކުކުރުމަކީ އެމީހާގެ ބޭނުންތައް ޙާޞިލުކުރުމުގެ ފުރުޞަތުލިބޭ ފައިދާ ބޮޑު ކަމެއް! ގިނަގުނަ ޘަވާބާ ދަރުމަ ދެއްވަވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 6ސ
ބަންގިއާ ގުޅިފައިވާ މިކަންކަމަށް ޢަމަލުކުކުރުމަކީ އެމީހާގެ ބޭނުންތައް ޙާޞިލުކުރުމުގެ ފުރުޞަތުލިބޭ ފައިދާ ބޮޑު ކަމެއް! ގިނަގުނަ ޘަވާބާ ދަރުމަ ދެއްވަވާ ކަމެއް!

ބަންގިއާ ގުޅިފައިވާ ފަސް ސުންނަތެއްވާކަމުގައި އިބްނުލް ޤައްޔިމު رحمه الله އެކަލޭގެފާނުގެ ފޮތް جلاء الأفهام ގައި ވިދާޅުވެފައިވެއެވެ. ކޮންމެ ބަންގިއަކާއެކު މި ސުންނަތްތައް އަދާކުރާނަމަ ކޮންމެ ދުވަހެއްގައި 25 ސުންނަތް ޙާޞިލުވާނެއެވެ.

( جلاء الأفهام لابن القيم (ص: 442 – 445). 

ފުރަތަމައީ: ބަންގި ގޮވާ އަޑުއިވުމުން ބަންގިގޮވާ މީހާ ކިޔާ ފަދައިން ކިޔުން 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

إِذَا سَمِعْتُمُ الْمُؤَذِّنَ، فَقُولُوا مِثْلَ مَا يَقُولُ [رواه مسلم في صحيحه برقم: 11 – (384)] 

މާނައީ: "ބަންގިގޮވާ އަޑު އިވޭ ހިނދު، ބަންގިދޭ މީހާ ކިޔާ ގޮތަށް ކިޔާށެވެ."  

– އެގޮތުން:

الله أكبر، الله أكبر.

الله أكبر، الله أكبر.

أشهد أن إله إلا الله، أشهد أن لا إله إلا الله.

أشهد أن محمدًا رسول الله، أشهد أن محمدًا رسول الله.

الله أكبر، الله أكبر.

لا إله إلا الله. 

މި ޢިބާރާތްތައް ކިޔާނީ އިމާމުމީހާ ކިޔާ ފަދައިންނެވެ. 

– އަދި حيّ على الصلاة ކިޔުމުން ކިޔާނީ: لا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ މިފަދައިންނެވެ. 

އަދި حيّ على الفلاح ކިޔުމުންވެސް ކިޔާނީ: لا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ މިފަދައިންނެވެ. 

ބައްލަވާ: صحيح مسلم، رقم الحديث: 12 – (385). 

އަދި ފަތިސް ނަމާދުގެ ބަންގީގައި الصلاة خير من النوم ކިޔުމުން ކިޔާނީ الصلاة خير من النوم އެވެ. 

ބައްލަވާ: الشرح الممتع لابن العثيمين (2/92)  

ދެވަނައީ އަދި ތިންވަނައީ: ބަންގި ނިމުމުން ބަންގި ދުޢާ ކިޔުން 

ބަންގި ގޮވާ ނިމުމުން ކިޔުމަށް ދެ ދުޢާއެއް ވާރިދުވެފައިވެއެވެ. 

1.    «أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا» [رواه مسلم في صحيحه برقم: 13 – (386)]

މާނައީ: "ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކުނުވާކަމަށާއި، އެއިލާހީ އެއްކައުވަންތަ އިލާހުކަމަށާއި، އެއިލާހަށް އެއްވެސް ޝަރީކަކުނުވާކަމަށް މިއަޅާ ހެކިވަމެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ އެއިލާހު އަޅާކަމަށާ އަދި  ރަސޫލާކަމަށް ހެކިވަމެވެ. ﷲއީ ރައްބުކަމަށާއި މުޙައްމަދުގެފާނީ ރަސޫލާކަމަށާ އަދި އިސްލާމްދީނަކީ ދީންކަމަށް އަހުރެން ރުހިއްޖައީމެވެ." 

2.    «اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ» [رواه البخاري في صحيحه برقم: (614)]

މާނައީ: "އޭ ﷲ! މި ފުރިހަމަ ގޮވާލުމާއި، މިޤާއިމުވާ ނަމާދުގެ ވެރި ރައްބެވެ! މުޙައްމަދުގެފާނަށް ވަސީލަތާއި މަތިވެރިކަން ދެއްވާނދޭވެ! އަދި އިބަﷲ އެކަލޭގެފާނަށް ވަޢުދުކުރެއްވި ޙަމްދު ލިބިގެންވާ މަޤާމަށް އެކަލޭގެފާނު ފޮނުއްވާނދޭވެ!"  

ހަތަރުވަނައީ: ބަންގި ގޮވާ ނިމުމުން ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުން 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«ثُمَّ صَلُّوا عَلَيَّ» [رواه مسلم في صحيحه برقم: 11 – (384)]

މާނައީ: "ދެން އެއަށްފަހުގައި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ." 

އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔުމަށް ވަކި ޞީޣާއެއް މިޙަދީޘްގައި ވާރިދުވެފައި ނުވެއެވެ. އެހެންކަމުން އެ މާނަ ދޭހަވާ ޞީޣާއަކުން ޞަލަވާތް ކިޔެވިދާނެއެވެ. މިޘާލަކަށް: اللهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ މިފަދަ ޢިބާރާތަކުންނެވެ. 

ފަސްވަނައީ: ބަންގިއަށް އިޖާބަދީ، ބަންގި ދުޢާ ކިޔައި އަދި ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ފަހު އެމީހަކު އެދޭކަމަކަށް ދުޢާކުރުން 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«قُلْ كَمَا يَقُولُونَ فَإِذَا انْتَهَيْتَ فَسَلْ تُعْطَهْ» [رواه أبو داود في سننه برقم: (524) وقال الألباني: إسناده حسن صحيح في صحيح أبي داود برقم: (537)]

މާނައީ: "އެބައިމީހުން ކިޔާ ގޮތަށް (އެބަހީ: ބަންގިދޭ މީހުން ކިޔާ ގޮތަށް ބަންގީގެ ޢިބާރާތްތައް) ކިޔާށެވެ. ފަހެ ތިބާ، އެގޮތަށް ކިޔާ ނިމުމުން (ﷲގެ ޙަޟްރަތުގައި) އެދޭށެވެ. އެ އެދުނު ކަމެއް ދެއްވާނެއެވެ."

 

-- ޑރ. އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން