ބަލިވެއިން އަންހެނާ ކައިވެނިކުރުމުގަ ޢަމަލުކުރަންޖެހޭ، އެންމެ ރައްކައުތެރި ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ބަލިވެއިން އަންހެނާ ކައިވެނިކުރުމުގަ ޢަމަލުކުރަންޖެހޭ، އެންމެ ރައްކައުތެރި ގޮތް!

ލޯބިވެގެން އުޅުމުގެ ތެރޭގައި ގުޅުން ހިންގުމުން ބަލިވެ އިނުމުގެ މައްސަލަ ދިމާވެގެން ލަދުވެތިކަމުން ސަލާމަތްވުމަށް ކައިވެނިކުރެއެވެ. މިޙާލަތުގައި ޢަމަލުކުރަންވީ ގޮތާއިބެހޭ ގޮތުން ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ މަޢުލޫމާތު ހިމެނޭ ލިޔުމެކެވެ.   

"އަޅުގަނޑުގެ ވަރަށް ގާތް ބައެއް އެކުވެރިންވެސް ބަލިވެ އިނުމަށްފަހު ކައިވެނިކޮށްގެން އެބަ އުޅެއެވެ. އަދި ވިހެއުމަށްފަހު އަލުން ކައިވެންޏެއްވެސް ނުކުރެއެވެ. މިޘާލަކަށް ކުޜިގެ ކައިވެނިމަތީގައި ތިބީއެވެ. މިކަމުގެ ޙުކމަކީ ކޮބައިތޯ؟"

ޖަވާބު:   

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

ފުރަތަމަ ކަމަކަށް ޒިނޭކުރާ ފިރިހެނަކަށްވެސް އަދި އަންހެނަކަށް ވެސް އެކަމުން ތައުބާވުމުގެ ކުރިން ކައިވެންޏެއް ނުކުރެވޭނެއެވެ. ކައިވެނީގެ ކުރިން ޒިނޭ ކުރުމުން ތައުބާވެ ޠާހިރުވާން ޖެހޭނެއެވެ. 

ސުވާލުގައި އައިސްފައިވާ މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ޙަނަފީ އަދި ޝާފިޢީ މަޛުހަބުގައި ބަލިވެއިން އަންހެންކުއްޖަކާއި އޭނާ ޒިނޭކުރި ފިރިހެނާ ކައިވެނިކުރުން ހުއްދައެވެ. އެހެންނަމަވެސް އެނޫންމީހަކަށް އެކުއްޖަކާއި ކައިވެނިކުރެވޭނީ އޭނާ ވިހެއުމަށްފަހުގައެވެ. 

އެހެން ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ބަލިވެއިން އަންހެންކުއްޖަކާއި ކައިވެނީގެ ޢަޤުދެއް ނުކުރެވޭނެއެވެ. ވުމާއެކު މިކަމުގައި އެންމެ ރައްކާތެރިކަންބޮޑު ގޮތަކީ ވިހެއުމުގެ ކުރިން އަނބިފިރިކަމުގެ ގުޅުން ނުހިންގާ މަޑުކުރުމެވެ. އަދި ވިހެއުމަށްފަހުގައި ކައިވެނީގެ ޢަގްދު އާކުރުމެވެ. 

ޒިނޭކުރި އަންހެންމީހާ ކައިވެނި ކުރިތާ ހަމަސްފަހުން ވިހައިފިކަމަށްވަނީ ނަމަ ފިރިމީހާއަށް ދަރިލައްވާނެއެވެ. ކައިވެނިކުރި އިރުގައި އަންހެންކުއްޖާ އިނީ ބަލެވެ ކަމުގައިވީނަމަވެސް މެއެވެ.  މި ޙާލަތުގައި ފިރިމީހާ އޭނާގެ ދަރިއެއްނޫން ކަމަށް ޘާބިތުކޮށްދޭން ބޭނުންވެއްޖެނަމަ އެކަމަށް އޮތް މަގަކީ ލިޢާނު ކުރުމެވެ. އެނޫންގޮތަކުންނަމަ ދަރިލައްވާނީ ފިރިމީހާއަށެވެ. އެހެންފިރިހެނަކު އަންހެންމީހާ އާއި އެކު އެއްދާންކުރި ކަމަށް ދަޢުވާކުރިކަމުގައިވީނަމަވެސް މެއެވެ. 

އަންހެންމީހާ ކައިވެންޏެއް ނުކޮށްހުއްޓާ ވިހައި، އޭނައާއި އެކު ޒިނޭކުރި ފިރިހެންމީހާ އެދަރިފުޅަކީ އޭނާގެ ދަރިފުޅެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ ދަރިލައްވާނެތޯ ނުވަތަ ނޫންތޯ، މިކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ. 

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މި ޙާލަތުގައި ފިރިމީހާއަށް ދަރިއެއް ނުލައްވާނެއެވެ. އެބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާގެ ޙަދީޘްފުޅެވެ. (الولدللفراش، وللعاهرالحجر)މާނައަކީ: ދަރިލައްވާނީ ތަންމައްޗަށެވެ.(މަންމައަށެވެ). ޒިނޭކުރި ފިރިހެންމީހާއަށް އޮތީ ހިލަގަނޑެވެ.( އޭނާ އަކަށް އެއްޗެއް ނެތެވެ)." އަދި ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޒިނޭގެ ދަރިންގެ މައްސަލަ އެއްގައި އެކުދިންގެ ބައްޕަ އިޢުތިރާފުވެފައިވަނިކޮށްވެސް، ބައްޕަ އަށް ދަރިނުލައްވައެވެ. 

ނަމަވެސް އަލްއިމާމު ޙަސަނުލް ބަޞްރީ އާއި އިބްނު ސީރީން، ނަޚަޢީ-ރަޙިމަހުމު ﷲ- ދެކިލައްވާ ގޮތުގައި ފިރިމީހާގެ މައްޗަށް ޒިނޭގެ ޙައްދު ގާއިމް ކުރެވިއްޖެނަމަ ދަރިލައްވާނެއެވެ، އަދި ފިރިމީހާގެ މުދަލުން ވާރުތަވެސް ކުރާނެއެވެ. އެބޭކަލުންގެ ދަލީލަކީ ޖާހިލިއްޔަ ޒަމާނުގައި ވިހެއި ޒިނޭގެ ކުދިންތަކެއް، ޢުމަރުގެފާނު އެކުދިންގެ ބައްޕަ އަށް ލެއްވި ކަމެވެ. 

އަލްއިމާމް އަބޫޙަނީފާ-ރަޙިމަހު ﷲ- ވިދާޅުވަނީ ފިރިހެންމީހާ އޭނާގެ ދަރިއެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ އޭނާ އަށް ދަރިލައްވާނެ ކަމަށެވެ. 

ޖުމްހޫރުންގެ (ގިނަ ޢިލްމުވެރިންގެ) ބަހުން ދޭހަވާގޮތުން ޒިނޭގެދަރި ނިސްބަތްވާނީ މަންމައަށެވެ. މަންމަގެ ފަރާތުން ވާރުތަވެސް ކުރާނެއެވެ. އަދި މަންމަގެ އެހެންކުދިންނަކީ އެކުދިންގެ އެއްބަނޑު ކުދިންނެވެ. އަދި އެކުދިން ބައްޕަ އަށް ނިސްބަތެއް ނުކުރެވޭނެއެވެ. އެކުދިންނަކީ އެފިރިހެންމީހާގެ ދަރިޔެކޭވެސް ނުބުނެވޭނެއެވެ. އެފަދަކުދިން ވާނީ އެފިރިހެންމީހާގެ ދޮންދަރިންނަށެވެ. އެހެންނަމަވެސް އެފިރިހެންމީހާއާއި ކައިވެނި ޙަރާމްވާނެއެވެ. އަދި އެފިރިހެންމީހާގެ އެހެންކުދިންނާވެސް ކައިވެނި ޙަރާމްވާނެ އެވެ. ކައިވެނި ޙަރާމްވިނަމަވެސް މަޙްރަމަކަށް ނުވާނެއެވެ. ކައިވެނި ޙަރާމްވާ ކޮންމެ މީހަކީ މަޙްރަމެއް ނޫނެވެ.والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން