ކޮންމެ ޕާޓީއެއްގައި ތިބި ނަމަވެސް އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ އަދި މަސައްކަތް ކުރައްވާނީ ވެސް ކޯލިޝަނުގެ ގުޅުން މި 5 އަހަރު ބަދަހި ކަމާއިއެކު ދަމަހައްޓަން ކަމަށް މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.
2 މެނަބަރުން ޖުމްހޫރީ ޕާޓީ އާއި ގުޅުމަށް މިރޭ ޖޭޕީގެ މައި މަރުކަޒް މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި އަމީތު ވިދާޅުވީ އޭނާ އަކީ އަބަދުވެސް ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށާއި އޭނާގެ ސިޔާސީ ހަޔާތުގައި ގޮންޖެހުންތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތީވެސް އެ ސަބަބަށްޓަކައި ކަމަށެވެ.
ޢަބްދުﷲ ވިދާޅުވީ އޭނާ ޕާޓީ ބަދަލުކުރެއްވި މަޤްޞަދު ވަނީ ޙާޞިލު ކުރެއްވިފައި ކަމަށާއި ޕާޓީ ބަދަލުކުރެއްވީ 2014 ވަނަ އަހަރުގެ އިންތިޚާބުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވަން ކަމަށެވެ.
ޢަބްދުﷲ ވިދާޅުވީ ޖޭޕީ އާއި ގުޅިވަޑައިގަތީ ކޯލިޝަނުގެ 4 ލީޑަރުންނާއި ވެސް މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށާއި އަދި ރައީސް މުޙައްމަދު ނަޝީދު ދެއްވި އިރުޝާދަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޢަބަދުﷲ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތަށް ވެރިކަންކުރެވޭނީ އަދި މި 5 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ ވެސް ކޯލިޝަނުގެ 4 ލީޑަރުން އެކުގައި ތިއްބަވައިގެން ކަމަށެވެ. އެހެންކަމުން އެނޫން ދުވަހެއް މި 5 އަހަރު ރައްޔިތުންނަށް ތަޖުރިބާކުރަން ނުޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޖޭޕީގެ ޕީޖީ ގްރޫޕުގެ ނައިބް ލީޑަރު ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ އަމިތު އާއި ޢަބްދުﷲ އާއި ދެބޭފުޅުންނަކީވެސް ވަރަށް ސާބިތުކަމާއިއެކު ނުކުމެވަޑައިގެން ރައްޔިތުންގެ ހައްޤުގައި އެތައް ގިނަ މަސައްކަތްތަކެއް ކުރެއްވި 2 މެނަބަރުން ކަމަށާއި 2 މެނަބަރުންވެސް ޖޭޕީ ޢާއި ގުޅިވަޑައިގަތުމަކީ ޖޭޕީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.