ކާބޯތަކެތި ހަލާކުނުވެ ގިނަ ދުވަހަށް ބެހެއްޓޭގޮތަށް ތައްޔާރުކުރަން ބޭނުންކުރާ ގިނަބާވަތްތަކެއްގެ ސަބަބުން ހަކުރުބައްޔާއި ކެންސަރު ޖެހުމަށް މަގުފަހިވާކަން މިހާރުވެސް ވަނީ ޔަޤީންކުރެވިފައެވެ. ދާދިފަހުން އެއްލައްކަ މީހުން ބޭނުންކޮށްގެން ކުރިދިރާސާއަކުން ވަނީ 8 ބާވަތެއް ލިސްޓަށް އިތުރުވެފައެވެ. ތަފްޞީލުހޯދަން ބޭނުންވާ މީހުންނަށް ދިރާސާ ރިޕޯޓްތައް އެހުރީ ފެންނާށެވެ!
އަހަރެން މިއުޅެނީ އެބާވަތްތަކުގެ ވާހަކަ ދައްކާކަށް ނޫނެވެ. ކުރެވޭ ކޮންމެ ދިރާސާއަކާއިއެކު އިތުރު ބާވަތްތަކެއް އަންނަނީ ފާހަގަކުރެވެމުންނެވެ. ވީމާ އެއީ މިގޮތަށް ދައްކާލައިގެން ފުއްދައިލެވެން އޮތް ވާހަކައެއް ނޫނެވެ.
އަހުރެންގެ އިލްތިމާސަކީ ގިނަދުވަހަށް ބެހެއްޓޭގޮތަށް، އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ކާބޯތަކެތި ބޭނުންކުރުން ވީހާމަދުކުރުމެވެ. އުނދަގުލަސް ތާޒާކާނާގެ ބާވަތްތައް އަމިއްލައަށް ރޯފިލުވައިގެން ކެއުމެވެ. އަދި އަނގައަށް މީރުނޫނަސް ރޮލަށް ކެވެން ހުންނަ ބާވަތްތައް ރޮލަށް ކެއުން ގިނަކުރުމެވެ.
އަނގައަށް މީރުތަކެތި، ފަސޭހައިން ކައިލެވޭ ތަކެތި ކާންހަދައިގެން ކެންސަރާއި ހަކުރުބަލި ފަދަ ބަލިތައް ޖެހުނީމާ ކާންޖެހެނީ މީރުބޭސްހެއްޔެވެ؟ ރޭޑިއޭޝަން ނޫނީ ކީމޯ ނަގަންޖެހުނީމާ ހަށިގަނޑަށްވަނީ އަރާމުހެއްޔެވެ؟
ފަރުވާ ބާއްވާށެވެ! އަތުގައި ފައިސާހުރިނަމަ ޚަރަދުވެސް ކުރެވިދާނެއެވެ. އަހަރެން ނަޞީޙަތްދޭނީ އަމިއްލަ ފުރާނަ ދެކެ ލޯބިވުމަށެވެ. ފަރުވާއަށް ޚަރަދުނުކުރެވިގެން މަރުވުމުގެ އިތުރަށް ބޮޑު ޚަރަދުކޮށްގެން ފަރުވާކުރަނިކޮށްވެސް ޝިފާނުލިބި މަރުވާ މީހުން ގިނަވާތީއެވެ!
- މަޢުލޫމާތު: ޞިއްޙީ ޚަބަރު