ކަންބޮޑުނުވާށެވެ! ކޮންމެ އުނދަގޫކަމަކާއެކު ފަސޭހަކަންވެއެވެ!: ބިލާލް އައްސަދް

ކިޔުމަށް ހޭދަވާނީ 4މ 21ސ
ކަންބޮޑުނުވާށެވެ! ކޮންމެ އުނދަގޫކަމަކާއެކު ފަސޭހަކަންވެއެވެ!: ބިލާލް އައްސަދް

ޢާއިޝަތު ރަފާޙް ޢަލީ 

 

"ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ." މި އާޔަތުގެ މާނައަށް ފުންކޮށް ވިސްނާލުން މުހިންމެވެ. މި އާޔަތުން އަންގައިދެނީ އުނދަގުލަށްފަހު ފަސޭހަކަން އަންނަ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި، އުނދަގުލާ "އެކުގައި" ފަސޭހަކަން ވާކަމެވެ. މިއީ މާތްﷲގެ ކުޅަދުންވަންތަކަމެވެ. ދަތިކަމާއި ލުއިފަސޭހަކަން އަންނަނީ އެކުއެކީގައެވެ. 

އަޅުގަނޑުމެންގެ ދިރިއުޅުމަކީ ތަފާތު އިހުސާސްތަކާއި ހާލަތްތައް މަސްހުނިވެފައިވާ ދަތުރެކެވެ. މިއީ ހަމައެކަނި އުފަލާއި އަރާމުން ފުރިގެންވާ ތަނެއް ނޫނެވެ. ހަމައެފަދައިން، މިއީ ހުސް ހިތާމައާއި ދަތިކަމުން ފުރިގެންވާ ތަނެއްވެސް ނޫނެވެ.  

މާތްﷲ މި ދުނިޔެ ފަރުމާކުރައްވާފައިވަނީ ފުރިހަމަ ތަރުތީބަކުންނެވެ. އަޅަކަށް އިމްތިހާނެއް ކުރިމަތިކުރައްވާއިރު، އެކަމަށް ކެތްކުރުމުގެ ގާބިލުކަމާއި ހިތްވަރުވެސް އެކަލާނގެ މިންވަރުކުރައްވައެވެ. އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކެތްނުކުރެވޭވަރުގެ ބުރައެއް އެކަލާނގެ ނުޖައްސަވައެވެ. 

އެހެންނަމަވެސް، ދަތި އުނދަގޫ ހާލަތްތަކުގައި، އޭގެ ތެރޭގައިވާ ފަސޭހަކަން ދެނެގަތުމަކީ އަޅުގަނޑުމެންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. އެކަން ފާހަގަނުކުރެވެނީ ކީއްވެގެންތޯއެވެ؟ އޭގެ ސަބަބަކީ ކުރިމަތިވާ މުސީބާތުގެ ތެރޭގައި އަޅުގަނޑުމެން ބަންދުވެ، ފިކުރުތައް އެކަމަކަށް ހުސްވާތީއެވެ. ލޮލަށް ފެންނަ ކޮންމެ ދިމާލަކުން އެ މުސީބާތުގެ އަސަރު ފެންނަން ފަށައެވެ. ތަދުވާ ދިމާލަށް މާބޮޑަށް ސަމާލުކަން ދެވޭތީ، އެހެން ނިއުމަތްތައް ފެންނަ ހިސާބަށް އަޅުގަނޑުމެންގެ ވިސްނުމެއް ނުދެއެވެ. 

މިގޮތަށް މުސީބާތުގެ ތެރެއަށް ގެނބިގެންދާއިރު، އެކަމާ އެކުގައިވާ ފަސޭހަކަން އަޅުގަނޑުމެންގެ ލޯމަތިން ގެއްލެއެވެ. ފަސޭހަކަން އެބައޮތެވެ. ނަމަވެސް އަޅުގަނޑުމެންގެ ހިތް އަމާޒުވެފައިވަނީ ކޮން ދިމާލަކަށްތޯ ބެލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހިތުގެ ސަމާލުކަން މާތްﷲ ފިޔަވައި އެހެން ކަމަކަށް ހުއްޓޭ ކޮންމެ ހިނދަކު، އެ ހިތަށް ތަކުލީފު އިހުސާސްވާނެއެވެ. ހަގީގަތަކީ، ހިތާއި މާތްﷲއާ އޮތް ގުޅުން ކެނޑި، ދުނިޔަވީ ކަންކަމާ ހިތް މާބޮޑަށް ގުޅޭ ހިނދު، ހިތުގެ ހަމަޖެހުން ގެއްލިގެންދާ ކަމެވެ. 

ދިރިއުޅުމުގައި އެކި ކަހަލަ ދަތިތަކާ ކުރިމަތިވެދާނެއެވެ. މާލީ ދަތިކަމެއް، އާއިލީ މައްސަލައެއް، ވަޒީފާގެ ހާސްކަމެއް ނުވަތަ ބަލިމަޑުކަމެއްވެސް މެއެވެ. އިންސާނީ ތަބީއަތަކީ، މިފަދަ ކަމެއް ދިމާވުމާއެކު މުޅި ސަމާލުކަން އެ މައްސަލައަކަށް ހުސްކޮށްލުމެވެ. ހުރިހާ ޖަޒުބާތަކާއި ނަފްސާނީ ހަކަތައެއް އެ މުސީބާތަށް ހޭދަކުރެވެއެވެ. ރެޔާއި ދުވާލު ފިކުރު ކުރެވެނީ އެކަމާ މެދުގައެވެ. 

މިސާލަކަށް، މީހަކު ސީދަލަށް ބަލަހައްޓައިގެން ހުއްޓާ ކުއްލިއަކަށް ބާރު އަޑެއް އިވިއްޖެނަމަ، އިޚުތިޔާރުން ބޭރުގައި އެ ދިމާލަށް ބަލައިލެވޭނެއެވެ. ދަތި އުނދަގޫތަކުގައިވެސް ކަންވަނީ މިހެންނެވެ. މާތްﷲގެ ހަނދުމަކުރުމުގައި ހިތް އޮތްނަމަވެސް މުސީބާތެއް ކުރިމަތިވެއްޖެނަމަ، ވަގުތުން ސަމާލުކަން އެކަމަށް އެނބުރެއެވެ. މުޅި މީހާ އެ މައްސަލައިގެ ތެރެއަށް ޣަރަގުވެއެވެ. 

ނަމާދުގެ ވަގުތުތަކުގައިވެސް މިކަން ފާހަގަކުރެވެއެވެ. މާތްﷲއަށް ހިތް ހާޒިރުކުރަން އުނދަގޫވެ، ސަޖިދައިގައި އޮންނައިރުވެސް ސިކުނޑި ދަތުރުކުރަނީ މައްސަލަ ހައްލުކުރާނެ ގޮތަކާ މެދުގައެވެ. ތަފާތު ފިކުރުތަކުން މުޅި ނަމާދު ފުރިގެންދާއިރު، ހާސްކަމުގެ ބުރު އެނބުރެމުންދެއެވެ. 

އެއްފަހަރާ ދެ ދިމާލަކަށް ބަލައިލުމަކީ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ހިތުގެ ހާލަކީވެސް މިއީއެވެ. ހުރިހާ ސަމާލުކަމެއް މުސީބާތަށް ހުސްކުރުމުން، މާތްﷲގެ ހަޟްރަތުން ހިތް އެނބުރިގަނެއެވެ. އަޅުގަނޑުމެންނަށް އިހުސާސްކުރެވޭ ފުން ތަދުގެ އަސްލަކީ މިއީއެވެ. ހަގީގީ ތަކުލީފަކީ ހަމައެކަނި އެ މުސީބާތެއް ނޫނެވެ. އޭގެ ބަދަލުގައި، އެ މުސީބާތުގެ ސަބަބުން މާތްﷲއާ އޮތް ގުޅުން ކެނޑިގެންދިއުމެވެ. 

މިފަދަ ހާލަތްތަކުގައި ކަންކަމާ ނުވިސްނާ ހުރުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ. ބިލްތައް ނުދެއްކި، ލޯބިވާ މީހަކު ބަލިވެ، ނުވަތަ އާއިލީ ގުޅުންތައް ރޫޅެމުންދާއިރު، ސިކުނޑި ބޭނުންވާނީ އެކަމާ މެދު ވިސްނާށެވެ. ނަމަވެސް ހަގީގީ ކާމިޔާބީ ފެށެނީ މި ހިސާބުންނެވެ. 

ގިނަ ފަހަރަށް އަޅުގަނޑުމެން މަސައްކަތްކުރަނީ އަމިއްލަ ބާރުގައި ހުރިހާ ކަމެއް ހައްލުކުރާށެވެ. ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީން ބާރުއަޅާ ކަމެކެވެ. ނަމަވެސް މައްސަލައަކީ، ހަމައެކަނި އަމިއްލަ ބާރާއި އިލްމުން ކަންކަން ހައްލުކުރަން އުޅުމެވެ. އެ ބުރަ އެކަނި އުފުލަން އުޅުމުން މާޔޫސްކަމާއި ހާސްކަން އިތުރުވެއެވެ. އަޅުގަނޑުމެންނަށް ކުރެވޭ ކުށަކީ، އުފުލުމުގެ ގާބިލުކަން ލިބިފައި ނުވާ ބޮޑު ބުރައެއް އަމިއްލަ ކަނދުރާގައި އަޅުވަން އުޅުމެވެ. 

އެ ބުރަ އުފުލަން ހުރިހާ ހަކަތައެއް ހޭދަކުރުމުގެ ބަދަލުގައި، ހިތް މާތްﷲއާ ގުޅުވައި، އެކަލާނގެއަށް ވަކީލުކުރުމަށް އެ ހަކަތަ ބޭނުންކޮށްފިނަމަ، ހިތަށް ލުއިކަން ލިބޭނެއެވެ. މައްސަލައަށް ހައްލު ފެންނާނެއެވެ. ހަގީގީ ހައްލު ދެއްވާ ފަރާތާ ހިތް ގުޅުވުމުގެ ބަދަލުގައި، މައްސަލައިގެ ތެރެއަށް ގެއްލިގެން ދިއުމަކީ ހައްލެއް ނޫނެވެ. 

އެހެންކަމުން، ދިރިއުޅުމުގެ މައްސަލަތަކަށްވުރެ ބޮޑަށް، އެ މައްސަލަތައް ހައްލުކޮށްދެއްވާ ފަރާތަށް ސަމާލުކަން ދިނުން މުހިންމެވެ. އަމިއްލަ ނަފްސުގެ ނިކަމެތިކަން ގަބޫލުކޮށް، ހުރިހާ ބުރައެއް އަމިއްލައަށް އުފުލުމުގެ ބަދަލުގައި މާތްﷲއަށް ވަކީލުކުރާށެވެ. ނޫންނަމަ، ހަކަތަ ހުސްވެ، ވަރުބަލިވެ، ދިރިއުޅުމުގެ އާންމު ކަންކަންވެސް ނުކުރެވޭ ހިސާބަށް ކަންކަން ދާނެއެވެ. މިއީ އުފުލަން ނުޖެހޭ ބުރައެއް އުފުލަން އުޅުމުގެ ނަތީޖާއެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން 

- މިއަދުނޫސް

 

                   

މިއަދު އޮންލައިން