ނަމާދުން ވައްކަންކުރާ މީހަކަށްވެވޭކަން އެނގޭތަ؟ ސަމާލުކަންދީގެން އަވަހަށް އިޞްލާޙްކޮށްލަމާ!

ކިޔުމަށް ހޭދަވާނީ 3މ 36ސ
ނަމާދުން ވައްކަންކުރާ މީހަކަށްވެވޭކަން އެނގޭތަ؟ ސަމާލުކަންދީގެން އަވަހަށް އިޞްލާޙްކޮށްލަމާ!

ޢާއިޝަތު ރަފާޙް ޢަލީ

 

ނަމާދުކުރުމަކުން ނުފުދޭކަމާ ނަމާދަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ޙަދީޘްފުޅުތަކުން އެނގެން އޮތްއިރު އެކަންކަމަށް ސަމާލުކަންނުދެވޭ މީހުން ގިނަވާކަން އެއީ ވަރަށް ދެރަކަމެކެވެ.  

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. 

( أَسْوَأُ النَّاسِ سَرِقَةً الَّذِي يَسْرِقُ مِنْ صَلاَتِهِ قاَلُوْا: ياَ رَسُوْلَ اللهِ وَ كَيْفَ يَسْرِقُ مِنْ صَلاَتِهِ؟ قَالَ: لاَ يُتِمُّ رُ كُوْعَهَا وَلاَ سُجُوْدَهَا ، أَوْ قَالَ :لاَ يُقِيمُ صُلْبَهُ فِى الرُّكُوْعِ وَ السُّجُوْدِ ).

މާނައީ :” މީސްތަކުންގެ ތެރެއިން އެންމެ ނުބައި ވައްކަމެއްކުރާމީހަކީ އޭނާގެ ނަމާދުން ވައްކަންކުރާމީހާއެވެ. ” އަޞްޙާބުބޭކަލުން ދެންނެވިއެވެ. ” އޭނާގެ ނަމާދުން އޭނާ ވައްކަންކުރާނީ ކިހިނަކުންތޯއެވެ؟ ” އެކަލޭގެފާނު ޙަދިޘްފުޅު ކުރެއްވިއެވެ. ” އެއީ ނަމާދުގެ ރުކޫޢާއި ސަޖިދަ  އޭނާ ފުރިހަމަ ނުކުރުމެވެ. ” ނުވަތަ ” ރުކޫޢުގައާއި ސަޖިދާގައި އޭނާގެ ބުރަކަށި އޭނާ ތެދުނުކުރުމެވެ. 

މި ޙަދީޘުފުޅުގައި ނަމާދަށް ރައްކާތެރިވުމުގެ މުހިއްމުކަން ވަރަށް ބޮޑަށް އަންގަވައިދެއްވާފައިވެއެވެ. އެގޮތުން ނަމާދު ކުރާއިރު ޚުޝޫޢަތްތެރިކަމާއެކީ ރަނގަޅަށް ކުރެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޤިޔާމަތް ދުވަހުންވެސް ޙިސާބު ބެއްލެވޭ ޢަމަލެއް ކަމަށް ވާތީ، ނަމާދުގެ ވާޖިބުތައް އެންމެ ފުރިހަމައަށް އަދާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރެއްވާފައިވެއެވެ.

رَأْسُ الْأًمْرِ الْإِسْلاَمُ وَعَمُوْدُهُ الصَّلاَةُ وَذُرْوَةُ سَنَامِهِ اَلْجِهَادُ فِى سَبِيْلِ اللّهِ.

މާނައީ: ކޮންމެ ކަމެއްގެ އަސްލަކީ އިސްލާމް ދީނެވެ. އެދީނުގެ ތަނބަކީ ނަމާދެވެ. އަދި އެދީނުގެ އެންމެ އުސް ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ.

ނަމާދަކީ ޞިއްޙަތު ސަލާމަތުން ހުންނަޙާލުގަޔާއި ބަލިޙާލުގައާއި، މުޤީމު ޙާލުގައި އާއި، ދަތުމަތީގަ އާއި، އަމާންޙާލަތުގައި އާއި، ބިރުވެރިކަމުން ފުރިފައިވާ ހަނގުރާމައިގެ މައިދާނުގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. 

ﷲ ތަޢާލާ މުއުމިނޫން ސޫރަތުގެ 1 ވަނަ އާޔަތާއި ދެވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

قَدْ أَفْلَحَ الْمُؤْمِنُونَ ‎﴿١﴾‏ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ‎﴿٢﴾‏

މާނައީ: مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. (1) އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. (2)

 

 

މިއަދު އޮންލައިން