ލޯބިވެރިޔާއަށްޓަކާ ގެދޮރު ވިއްކާލުމުން ބޮޑުފައިދާއެއްކުރި އަންހެނެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ލޯބިވެރިޔާއަށްޓަކާ ގެދޮރު ވިއްކާލުމުން ބޮޑުފައިދާއެއްކުރި އަންހެނެއްގެ ވާހަކަ!

ފައިސާދެކެ ނުވަތަ ތަނަވަސްކަމަށް ލޯބިވާ މީހުން ކިތަންމެ ގިނަ ނަމަވެސް އެނޫން މީހުންވެސް މަދެއް ނޫނެވެ. ތިރީގައިވާ ވާހަކައަކީ އޭނާ ލޯބިވީ ޒުވާނާދެކެ ލޯބިވީ ތަނަވަސްކަމަށް ނޫންކަން ޢަމަލުން ޘާބިތުކޮށް ދައްކައިދިން އަންހެން ކުއްޖަކަށް ލިބުނު ތަނަވސްދިރިއުޅުމުގެ ވާހަކައެވެ. ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

ލޯތްބަކީ ފައިސާކަމަށްބުނާ މީހުން ވަރަށް ގިނަވާނެއެވެ. އެއީ ގިނަ ފަހަރަށް އެކަން އެގޮތަށް މެދުވެރިވާތީއެވެ. ނަމަވެސް މިކިޔައިދެނީ މުޅިން ތަފާތު ވާހަކައެކެވެ.  

އެޒުވާނާއަކީ މުއްސަނދި ޢާއިލާއެއްގެ ދަރިއެކެވެ. އޭނާގެ ވަށައިގެން އަބަދުވެސް އަންހެންކުދިންތައް އެނބުރެއެވެ. ނަމަވެސް އެއް އަންހެން ކުއްޖަކު ހުންނަނީ ވަރަށް ދުރުގައެވެ. އޭނާ އާއި ގުޅުން އުފައްދަން އެއްވެސްވަރަކަށް މަސައްކަތެއް ނުކުރެއެވެ. އެކަންވީ އެޒުވާނާއަށް ވަރަށް ބޮޑުކަމަކަށެވެ.  

ޒުވާނާ އޭނާގެ އެކުވެރިންގާތު ބުންޏެވެ. "ބަލަންތިބޭށެވެ. އަހަރެންގެ މަޅީގައި އޭނާ ޖައްސުވާނަމެވެ. އަދި އޭނާއަށް ލަނޑެއްވެސްދޭނަމެވެ. އޭނާއަށް އެހުންނަނީ އޭނާ ފެނިފައެވެ."  

ޒުވާނާގެ މަސައްކަތުން އޭނާ އާއި ގާތް ގުޅުމެއް އުފެއްދުނެވެ. އެގުޅުން ލޯތްބަށްވެސް ބަދަލުވިއެވެ. އޭނާއާއި ވަކިނުވާންވެސް ނިންމިއެވެ. ނަމަވެސް ޒުވާނާގެ ޢާއިލާއިންވެސް އަދި އެކުވެރިންވެސް ބުނަމުންދިއައީ އެއީ ރަނގަޅު ކުއްޖެއް ނޫން ކަމަށާއި އޭނާ އެއުޅެނީ ތަނަވަސްކަމުގެ ދަހިވެތިކަމުގައި ކަމަށެވެ. އެހެންވެ އެކަމުގެ ޙަޤީޤަތް ބަލައިލަން ޒުވާނާ ބޭނުންވިއެވެ. 

ދެމީހުން ބައްދަލުކުރަން ހަމަޖެހިފައި އޮތް ދުވަހަކު ޒުވާނާ ނުދެއެވެ. އެހެންވެ ފޯނުކުރުމުން ބުނީ މިއުޅެނީ ވަރަށް ބޮޑު ބައްޔަކާއި ކުރިމަތިވެގެން ކަމަށާއި ބޭސްފަރުވާއަށް ވަރަށް ގިނަ ފައިސާ ބޭނުންވާތީ ކަންބޮޑުވެގެން ކަމަށެވެ. މިޙާލަތުގައި ރަނގަޅުވާނީ ދެމީހުން ވަކިވުން ކަމަށެވެ. ޖަވާބުގައި އޭނާ ބުނީ ފަހުން ބައްދަލުކުރާނެ ކަމަށެވެ.

2،3 ދުވަސްވީއިރުވެސް އަންހެންކުއްޖާގެ ޚަބަރެއް ނުވުމުން އެންމެން ޒުވާނާއަށް މަލާމާތުގެ ބަސްތައް ބުންޏެވެ. އެއީ ފައިސާގެ ދަހިވެތިކަމުގައި އުޅޭ ކުއްޖެއްކަން އެނގި ޔަޤީންވެއްޖެ ކަމަށްވެސް ބުނަމުން ދިއައެވެ. އެކަމުގެ ސަބަބުން ޒުވާނާއަށް ވަރަށް އަސަރުކުރިއެވެ.  

ހަފްތާއެއްފަހުން އަންހެންކުއްޖާ ޒުވާނާ އާއި ބައްދަލުކޮށްފައި ފައިސާތަކެއް ޙަވާލުކޮށްފައި ބުންޏެވެ. "އަހަރެންގެ މާމަ އަހަރެންނަށް ދީފައިހުރި ގެއެއް އެހެން ސްޓޭޓެއްގައި ހުރެއެވެ. މިއައީ އެސްޓޭޓަށް ގޮސް ގެވިއްކާލާފައެވެ. ލިބުނު ފައިސާ އެކުގައި ކަލެއަށެވެ. އަހަރެންނަށް އެންމެ މުހިންމީ ކަލޭގެ ޞިއްހަތެވެ. ކަލޭ ނެތް ދުނިޔެއެއްގައި ބޮޑު ގެއެއް ބޭނުމެއް ނޫނެވެ." 

އެހިސާބުން އަންހެންކުއްޖާގެ ޙަޤީޤަތް އެންމެންނަށް އެނގި އެންމެންގެ ތައްރީފްލިބުނެވެ. ދެމީހުންގެ ކައިވެނިވެސް ކުރެވުނެވެ. ލޯބިވެރިޔާއަށްޓަކާ ވިއްކައިލި ގޭގެ ބަދަލުގައި އެފަދަ ގެއެއްވެސް އޭނާއަށް ގަނެދިނެވެ. 

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ލޯތްބަކީ ފައިސާކަމަށް ކިތަންމެ ގިނަ ބައަކު ޤަބޫލުކުރިނަމަވެސް އެކަން އެގޮތަށް ޤަބޫލުނުކުރާ ބައަކުވެސް އެބަތިބިކަން ހާމަކުރާށެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކިތަންމެ ގިނަ ފައިސާ ހޭދަކުރިނަމަވެސް ލޯތްބެއް ނުގަނެވޭނެއެވެ. އަދި ފައިސާގެ ދަހިވެތިކަމުގައި އުޅޭ މީހަކަށް ލޯތްބެއްވެސް ނުދެވޭނެއެވެ. ލޯތްބާއި ފައިސާއަކީ މުޅިން ތަފާތު ދެއެއްޗެކެވެ. ދެބައި އެއްކުރަން ކިތަންމެވަރަކަށް އުޅުނަސް އެކަމެއް ނުކުރެވޭނެއެވެ. އެއްކުރަން އުޅުނުވަރަކަށް ތަޣައްޔަރުވެ ކުނިވާނީއެވެ.  

މިހާދިސާގެ އަނެއްކޮޅަށް ހިނގާ ކަންކަންވެސް މަދެއްނޫނެވެ. ގެދޮރު ވިއްކައިގެން ބައިވެރިޔާއަށް އެހީތެރިވީމާ ސައްޕުޖަހައި ފޮނުވާލުން އެއީވެސް ހަމަ ހިނގަމުން އަންނަ ކަންކަމެވެ. އޮތް ހަމައެކަނި ޙައްލަކީ އެކަކު އަނެދެކެ ލޯބިވާއިރު މާތް ﷲ އަށްޓަކައި ލޯބިވުމެވެ. އެއިރުން ދެރައެއް ދެވޭނެ މީހަކު ނުހުންނާނެއެވެ. އިން ޝާ ﷲ

 

- ލީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

– ޢިބްރަތްތެރި ވާހަކަ-

 

 

މިއަދު އޮންލައިން