ހުކުރު ދުވަހަކީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ކުރައްވަވާފައިވާ ދުވަހެވެ. އެދުވަހު މަސައްކަތްކުރަންވީ ދުވަހުގެ މާތްކަން ލިބިގަތުމަށެވެ.
ފުރަތަމަ ކަމަކަށްވެސް ކަހްފި ސޫރަތް ކިޔަވައި ﷲ ތަޢާލާ ދެއްވަވާ ނޫރު ލިބިގަންނާށެވެ! ދެވަނަ ކަމަކަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ.
ޤިޔާމަތް ދުވަހުން ރަސޫލް ބޭކަލުންނާއި ނަބީ ބޭކަލުންވެސް ހިމެނޭ ގޮތުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޔަވައި އެހެން އެންމެން އުޅޭނީ އެމީހެއްގެ ނަފްސް ނަރަކައިން ސަލާމަތް ނުކުރެވިދާނެ ކަމުގެ ބިރަށެވެ. މިއުންމަތުގެ ނަބިއްޔާ ފިޔަވައި އެހެން އެންމެންގެ ބަހަކަށްވާނީ ނަފްސީ ނަފްސީއެވެ.
އެކަލޭގެފާނުގެ ޙަދީޘްކުރައްވާނީ އުންމަތީ އުންމަތީއެވެ. ވީމާ ރަޙްމަތުގެ ނަބިއްޔާގެ މައްޗަށް ސަލަވާތް ކިޔުން އަބަދުވެސް ގިނަކުރާށެވެ! ހުކުރު ދުވަހު ގިނަކުރާށެވެ! ކިތަންމެ ކުރު ޞަލަވާތެއްނަމަވެސް 1000 ފަހަރު ނުވަތަ އެމީހަކަށް ކިޔެވުނުހައި ގިނައިން ކިޔަވަން މަސައްކަތްކުރާށެވެ!
ހުކުރު ދުވަހުގައި ޤިޔާމަތުގެ ތާޅަފިލީގެ އަޑު އަތުވެދާނެކަމަށް ބިރުން ސަމާލުކަން ދީގެން ޖަނަވާރުތައް ތިބެއެވެ. ޤިޔާމަތާއިމެދު ޖަނަވާރުންގެ ހުންނަ ހޭވެރިކަންވެސް އަޅުގަނޑުމެންގެ ގިނަ އިންސާނުންގެ ނުހުރެއެވެ. އުޅެނީ ދުނިޔަވީ ކޮންމެވެސް އުފަލެއް ޙާޞިލްނުކުރެވިގެންނެވެ. ޕިކްނިކް ނުދެވިގެންނެވެ. މީރުކޮށް ނުކެވިގެންނެވެ. އުފަލާއި މަޖާ ނުކުރެވިގެންނެވެ.
މިނުބައި އާދަތައް ދޫކޮށްލަމާހިނގާށެވެ! ހުކުރު ދުވަހަކީ އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރާ ދުވަކަށްހަދަމާ ހިނގާށެވެ! ހުކުރު ދުވަސް އެންމެ ފައިދާހުރި ގޮތުގައި ލިބިގަންނަން ކުރަންހުރި މަސައްކަތްކުރަމުންވެސް ހުކުރުދުވަހުގެ އުފާވެރިކަންހޯދޭނެއެވެ. ބުއްދިވެރިވުމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން