ބިރުގަންނަންވީ ކައިވެނީގެ ބޭރުން ދަރިއަކު ދިނުމުން އަވަލާ ބިރުވެރި ރޫޙޫތަކަށްތަ؟ ދެން އޮތީ މާބޮޑު ނުރައްކަލެއް ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 29ސ
ބިރުގަންނަންވީ ކައިވެނީގެ ބޭރުން ދަރިއަކު ދިނުމުން އަވަލާ ބިރުވެރި ރޫޙޫތަކަށްތަ؟ ދެން އޮތީ މާބޮޑު ނުރައްކަލެއް ނޫންތަ؟

"އަޅޫގަނޑަކީ ވަރަށް ނިކަމެތި އަންހެނަކީމެވެ.

އަޅައިލާނެ އެއްވެސް މީހަކު ނެތެވެ. ދުވާލު ކާނެ އެތިކޮޅެއް ދޭނެ މީހަކު ނުވެއެވެ. ޢިޝާނަމާދުން ފައިބާއިރަށް އެހީހިފައިގެން މީހުން އައުދެއެވެ. އެކަމަކު ދޮރެއް ނުހުޅުވަމެވެ. ދެން އޮތީ ކައިވެނީގެ ކަންތަކެވެ. ލޯބިވާކަމަށް ބުނާމީހުން ބައިވަރެވެ. އަވަހަށް ހެކިވެރިން ފޮނުވަން ބުނީމާ ދާގޮތަކަށް އެނބުރި ނައުދެއެވެ."

މިފަދަ ޘާބިރުކަން ހުރި ކުދިންވެސް އެބަތިބިކަން އެއީ ވަރަށް ބޮޑު ހިތްވަރެކެވެ. ލޯބިގެ އަވާގައި ޖެހި ގޯޅިއެޅޭކުދިންނަށް ތިރީގައިވާ ލިޔުމުން ފައިދާކުރާނެއެވެ. އިން ޝާ

މިވާހަކައަށް ބަލައިފިނަމަ 2 ޙާދިސާގައިވެސް ކައިވެނި ނުކުރެވުނީ މައިންބަފައިން ނުޤަބޫލުވެގެންނެވެ. ނަމަވެސް އެއީ ޢުޒުރަކަށް ނުދެއްކޭނެއެވެ. ކައިވެނިނުކޮށް ގުޅުން ހިންގީ ކީއްވެގެން ހެއްޔެވެ؟  

ކަމުގެ އަޞްލަށް ބަލައިފިނަމަ މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ލޯބިވެގެން އުޅެމުން ގުޅުންހިންގައި ބަލިވެ އިނުމުން ލޯބިވެރިޔާ އެއްލައިލާ މީހުންވެސް މަދެއް ނޫނެވެ. އެކަމުގެ ސަބަބުން ފަޟީޙަތްވެ ނިކަމެތިވާ އަންހެނުންވެސް މަދެއް ނޫނެވެ. ޙައްލުކުރެވެން އޮތީ އެންމެ ގޮތަކުންނެވެ. އެއީ އަންހެނުން ހޭލުންތެރިވުމެވެ. ލޯބިވުމާ ގައިގޯޅިވުމާ އެއީ ތަފާތު ދެކަމަކަށް ހަދައިގެންނެވެ. ކިތަންމެ ބޮޑަށް ލޯބވީނަމަވެސް ކައިވެނިކުރުމުގެ ކުރިން ގައިގަ ބީހުނަ ނުދީ ހިފަހައްޓައިގެންނެވެ.  

މިވާހަކައިގައި އެ ދެ އަންހެނުންނަށް ކުރިމަތިވިފަދަ ނިކަމެތި ޙާލަތުން ސަލާމަތްވެ ތިބެވޭނީ މިކަންކަމަށް ސަމާލުކަންދިނުމުންނެވެ.  

މިވާހަކައިގައި އެއުޅޭ ފަދަ ރޫޙެއް ފަހަތުން އަޅައިނުގަތުމަކީ އަދި ސަލާމަތްވެވުމެއްވެސް ނޫނެވެ. ކައްވަޅުގައާއި ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނެ ކަންކަން މާބިރުވެރިވާނެއެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވައި ހޭލުންތެރިވެލައްވާށެވެ!  

އެއީ ވަރަށް ޢަޖައިބުވާންޖެހޭ ކަންތައްތައް ހިނގާ ގެއެކެވެ. އެގޭގައި ބައަކު ދިރިއުޅެން ފަށާއިރަށް ރޭގަނޑު ކުޑަކުއްޖަކު ރޯއަޑު އިވެންފަށާނެއެވެ. ބައެއް ފަހަރު އަންހެނަކު ރޯއަޑުވެސް އިވިދާނެއެވެ. އެހެންވެ އެއްވެސް ބައަކަށް އެގޭގައި ފިރިއުޅެވޭނެ ގޮތެއް ނުވެއެވެ.  

އެގެއާއިމެދު މީހުން ބުނަނީ އެގޭގައި ދިރިއުޅުނީ ވަރަށް ނިކަމެތި އަންހެންކުއްޖަކު ކަމަށެވެ. އެކުއްޖާއާއި ވަރަށް ތަނަވަސް މީހެއްގެ ދަރިއަކު ލޯބީގެ ގޮތުން ގުޅުނެވެ. ނަމަވެސް ކައިވެނިކުރަން މައިންބަފައިން އެއްބަސްނުވުމުން ކައިވެނިނުކުރެވުނީއެވެ.  

އެހެންއުޅުމުގެ ތެރޭގައި ކުއްޖާ ބަލިވެއިނެވެ. ބަލިވެއިނުމުން ގެއަކުން ނުނުކުމެއެވެ. އަބަދުއިނީ ގޭގައެވެ. ފަހުން އޭނާގެ ލޯބިވެރިޔާ ކުރިއާދޭހަށް އޭނާގެ މައިން ބަފައިން ރުހިގެން ކުއްޖާ އާއި ބައްދަލުކުރަން އައިއިރު އޭނާ އޮތީ މަރުވެފައެވެ.  

މިއީ އެސަރަހައްދުގައި ދިރިއުޅޭމީހުން ބުނާ ގޮތެވެ. އެނގޭ ކަމަކީ އެތައްބައަކު މަސައްކަތްކޮށްގެންވެސް އެގޭގައި ދިރިނުއުޅެވުނުކަމެވެ. އެހެންވެ އެގެއަކީ ބިރުވެރި ތަނެއްކަމަށް ބަލައި ރޭގަނޑު އެއްވެސް މީހަކު އެގެއާއި ކައިރިވެސް ނުވާނެއެވެ.  

އަހަރެންނަކީވެސް އެގެއާއި ވަރަށް ގާތުގައި ދިރިއުޅޭ އަންހެނެކެވެ. އެގޭގައި ބައަކު އުޅޭކަން އެނގިފައެއް ނެތެވެ. ނަމަވެސް އެގޭގެ ބޮތްކެއް ދިއްލިފައި ހުންނަން ފަށައިފިއެވެ. ދަންވަރު ކުއްޖަކު ރޯއަޑުވެސް އިވެންފަށައިފިއެވެ.  

2،3 ރޭ އެގޮތަށް ދިމާވުމުން ބިރުކަނޑާލާފައި ބޮޑު ޓޯޗެއް ދިއްލައިގެން ގޮސް އެގެއަށް ވަނީމެވެ. ވަދެ ކޮޓަރިތައް ބަލަމުން ދަނިކޮށް ވަރަށް އެތެރޭގައި ހުރި ކޮޓަރިއެއްގައި ޒުވާން އަންހެންކުއްޖަކާއި ތުއްތުތުއްތު ކުޑަކުއްޖަކު ތިއްބައި ފެނިއްޖެއެވެ. އަހަރެން ފެނުމުން ފުރަތަމަވެސް ބުންޏެވެ. "ހެޔޮނުވާނެ! އަހަރެން މިގެއިން ނުނެރޭ! ދާނެ އެއްވެސް ތަނެއް ނެތް! އަހަރެމެން ދެމައިންގެ ނިކަމެތި ޙާލަށް ހަމްދަރުވެދީ!"  

އަހަރެންގެ ހިތުގައި ދެމައިންނަށް ހަމްދަރުދީ އުފެދުނެވެ. އެގޭގެ ނުރައްކައުތެރިކަން ކިޔައިދިނީމެވެ. އޭނާ ބުނީ އޭނާ ބިރުނުގަންނަ ކަމަށާއި އެބާވަތުގެ އެއްވެސް ކަމެއް އޭނާއަށް އަދި ކުރިމަތިނުވާ ކަމަށެވެ.  

"އަހަރެންނަކީވެސް ހަމަ ތިއަފަދަ ގޮތެއް މެދުވެރިވި އަންހެނެއް. އަހަރެންނަކީ ނަރުހެއް. މަސައްކަތްކުރުމުގެ ތެރޭގައި ބައްދަލުވި ޒުވާނަކު ދެކެ ލޯބިވެވުނީ. އޭނާވެސްވީހަމަ ވަރަށް ތަނަވަސް މީހެއްގެ ދަރިއަކަށް. ކައިވެނިކުރެވޭނެ ގޮތެއް ނުވި. އަހަރެންނަކީ ފަޤީރެއްވީމަ އޭނާގެ މައިންބަފައިން ވެސް އަހަރެން ބަލައި ނުގަތީ. މިހާރު މިގޭގައި އުޅޭތާ ހަފްތާއެއްހައި ދުވަސްވެއްޖެ. ވިހެއީވެސް އެކަނި އޮވެ މިގޭގަ. އަހަރެންނަކީ ނަރުހަކަށްވީމަ ކަންކަންކުރަންވާ ގޮތް އެނގޭތީ އެކަނި އޮވެ ވިހެއީ. ކޮންމެ ހޮސްޕިޓަލަކަށް ދިއަ ނަމަވެސް އަހަރެންނަކީ ކާކުކަން އެނގޭނެ. އެހެންވެ ލަދުން ދާންނުކުރުނީ. މިހާރު އަތަކު އެންމެ ފައިސާފޮތްޗެއްވެސް ނެތް. ވަކިލާރިއެއްގެ މިންވަރުވެސް ނެތް. މިއަދުވެސް މިއިންނަނީ ނުކައި. ހަމައެކަނި ފެންފޮދެއް ބޯލައިގެން."  

އަހަރެން އޭނާއަށް އެހީތެރިވާންފެށީމެވެ. ކާންދީ އެހެންބޭނުންތައްވެސް ފުއްދައިދިނީމެވެ. އެއީ ވަރަށް އަޚްލާޤް ރަނގަޅު ކުއްޖެކެވެ. ދުވަސްކޮޅަކަށްފަހު އޭނާ ގޮވައިގެން ރުޤްޔާކުރާ މީހެއްގެ ގާތަށް ގޮސް އޭނާ އުޅޭ ގޭގެ ވާހަކަތައް ކިޔައިދިނީމެވެ. އަދި ކުރިން ފެނުނު އެއްވެސް ކަމެއް އޭނާއަށް ނުފެންނަނީ ކީއްވެގެންތޯ ސުވާލުކުރީމެވެ.  

ވަރަށް ބޮޑަށް ވިސްނާފައި އޭނާ ބުންޏެވެ. "ހީވަނީ މީނާފަދަ އެގޭގެވެރި ކުއްޖާއަށް ޖެހުނު ޙާލުޖެހިފައިހުރި އަންހެންކުއްޖަކު އޭނާއަށް ޖެހުނު ފަދަ ޙާލެއް ޖެހިގެން އެގޭގައި ދިރިއުޅެން ފެށުމުން އެގޭގައި އުޅުނު ރޫޙްތައް ގެއިން ނުކުމެގެން ދިއައީހެން. އެކަމަކު އެގޭގައި ފިރިހެނަކު ދިރިއުޅެން ފަށައިފިނަމަ އެނބުރި އައުން ވަރަށް ގާތް. އެއީ ގިނަފަހަރު އެފަދަ ރޫޙް ފިރިހެނުން ދެކެ ވަރަށް ރުޅިއަންނާނެ."  

ކަންތައްމެދުވެރިވީވެސް ހަމައެހެންނެވެ. އޭނާ ކައިވެނިކޮށްގެން އެގޭގައި ނިދާތާ 2 ވަނަ ރޭ އެއަޑުތައް އަލުން އިވެން ފަށައިފިއެވެ. އެހެން އެކަންވާން ފެށުމުން އެމީހުން އަހަރެންގެ ގެއަކަށް ބަދަލުކުރީއެވެ. އެއިގެ ފަހުން އެގޭގައި މިހައިތަނަށް އެއްވެސް މީހަކު ދިރިއުޅުނުކަމެއް ނުއެނގެއެވެ.  

ކަންކަން މިފަދައިން ލޯމައްޗަށް ފެންނަމުނަދާއިރުވެސް އެއްވެސް ރަޙުމެއް ނެތި ނިކަމެތި އަންހެންކުދިން ޝިކާރަކޮށްލުމަށްފަހު ފިލަން ފިރިހެނުން ބިރެއް ނުގަނެއެވެ.  


- މިއަދުނޫސް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން