ބައިވެރިއަކަށް ކިތަންމެ ބޮޑަށް ބޭނުންވިނަމަވެސް ޙަލާލު ނޫން ގޮތެއްގަ އުފާލިބިނުގަންނަ މީހުންނަށް ލައްވަވާ ރަޙްމަތް މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ބައިވެރިއަކަށް ކިތަންމެ ބޮޑަށް ބޭނުންވިނަމަވެސް
ޙަލާލު ނޫން ގޮތެއްގަ އުފާލިބިނުގަންނަ މީހުންނަށް ލައްވަވާ ރަޙްމަތް މާބޮޑުވާނެ!
އިން ޝާ ﷲ


ނަފުސް އެދޭއިރަށް އެކަމެއް ކުރަން ބޭނުންވާ މީހުން އަންނަނީ ގިނަވަމުންނެވެ. ކައިވެނިނުކޮށް ތިބެގެންނާ ކައިވެނީގެ ބޭރުން އުފާތައް ޙާޞިލުކުރަން ބޭނުންވާ މީހުންވެސް އަންނަނީ ގިނަވަމުންނެވެ. ޒިނޭކުރުން ގިނަވަމުން އަންނަނީ އެފަދަ މީހުން ގިނަވާތީއެވެ.  

މިފަދަ ޒަމާނެއްގައި ޒިނޭނުކޮށް ހުރެވޭނީ ކިހިނަކުންހެއްޔެވެ؟ މިއީ މިއަދު ގިނަބައަކުކުރާ ސުވާލެކެވެ. ސުވާލަށްދޭން އޮތް އެއް ޖަވާބަކީ މިހައިތަނަށްވެސް ޒިނޭނުކޮށް ހުރިފަދައިންނެވެ. އަދިވެސް ކެތްތެރިވެލާށެވެ! ކައިވެނިކޮށް ޙަލާލުގޮތުގައި ބޭނުންތައް ފުއްދޭނެ ގޮތް މެދުވެރިވަންދެން ކެތްތެރިވެލާށެވެ!

މިސުވާލުކުރާ ބައެއް މީހުންނަކީ ނަމާދުކޮށް ހެޔޮގޮތުގައި އުޅޭ މީހުންނެވެ. އެމީހުން ނަމާދުކޮށް ހެޔޮޢަމަލުތައް ކުރަނީ ޘަވާބުހޯދާށެވެ! ސުވަރުގެވަންނަން ބޭނުންވާތީއެވެ. އެމީހުންނަށް ނުވިސްނޭކަމަކީ ފާފަ ނުކުރުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެއްކަމެވެ.

ފާފަކުރަން ޝައިޠޯނާ ވަސްވާސްދޭނެއެވެ. އެވަސްވާސްތަކަށް ފުރަގަސްދީ ފާފަނުކުރުމުން ﷲ ތަޢާލާ އެމީހަކަށް ޘަވާބު ދެއްވަވާނެތެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވީތީއެވެ. ހަވާނަފްސް އެދޭ ކަންކަމަށް ދެކޮޅުހެދީތީއެވެ. ޝައިޠޯނާ ދެރަކޮށް ނިކަމެތިކޮށްލީތީއެވެ.  

ހަށިގަނޑު އުފެދިފައިވާ ގޮތުން އަވަހަށް (ހަގުޢުމުރުގައިވެސް) ކަންކަމަށް ބޭނުންވާ މީހުން ތިބޭނެއެވެ. އެއީ އެއްވެސް މީހަކަށް ބަދަލުކުރެވޭނެ ކަމެއްވެސް ނޫނެވެ. ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެވޭނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވެވިއްޖެނަމަ ފާފަނުކޮށް ކެތްތެރިވެވޭނެއެވެ. ހަށިގަނޑުގައި ބޭނުންތައް ލެއްވެވި ފަދައިން ކެތްތެރިވުމުގެ ބާރުވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އަދި ކެތްތެރިވުމުން ދެއްވަވާ ނިޢުމަތަކީ އެންމެ މަތިވެރި ނިޢުމަތް ކަމުގައިވެސް ވަނީ ލައްވަވައިފައެވެ.  

"ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި" ކަމަށް އޮތް ވަޙީބަސްފުޅުން މިދެއްކި ވާހަކަތަކަށް ދަލީލް ލިބިގެންދާނެއެވެ. އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނަމަ އެމީހަކަށް ޙާޞިލުނުކުރެވޭނެ ނިޢުމަތެއް ނުއޮންނާނެކަން ޔަޤީންކުރާށެވެ. އިން ޝާ ﷲ 

--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން