ތިރީގައި އެވަނީ މައިމީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައިވެސް ވަރަށްމަދު މީހަކު ނޫނީ ނުކުރާނެ ވަރުގެ ބޮޑު ލަދުވެތިކަމެއް ކުރި އަންހެނަކަށް އެކަމުން ކުރި ބޮޑު ފައިދާގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ!
އޭނާއަކީ ތަނަވަސް މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމަގެވެސް ރައްޓެއްސެކެވެ. އެކުވެރިންގެވެސް ރައްޓެއްސެކެވެ. އަހަރެންގެވެސް އެކުވެރިއެކެވެ. އޭނާ އަހަރެންނާއި ކައިރިވާން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން އަބަދުވެސް ބުނަމުން އައީ އެކުވެރިއަކަށްވުރެ ކައިރިނުވާނެ ކަމަށެވެ.
ދުވަސްތަކެއްފަހުން އަހަރެންގެ ކައިވެންޏަށް އެދުމުން ބުނީމެވެ. "އެކުވެރިޔާއެވެ. ތިއަވާހަކަ ނުދައްކާށެވެ. ކަލޭ ތިއަގޮތަށް ވާހަކަދައްކައިގެން ހައްދައި ބޭނުންކޮށްލީ ކިތައްކުދިންކަން ކަލެއަށްވެސް ނުއެނގޭނެއެވެ. ވީމާ ކަލޭގެ ޝިކާރައަކަށްވެ ދެމީހުންގެ އެކުވެރިކަން ވެސް ގެއްލޭކަށް އަހަރެން ބޭނުމެއް ނޫނެވެ."
އެކަމާހުރެ އޭނާ އަހަރެންދެކެ ވަރަށް ރުޅިއައެވެ. އަދި އޭނާގެ ގާތަށް ކަމަކު ދާންޖެހުނު ދުވަހަކުން ރަނގަޅު ލަގާއެއް ދޭނެކަމަށްވެސް ބުންޏެވެ. އެކަންވީވެސް އެހެންނެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަންމަގެ ސިކުނޑިއަށް މައްސަލައެއް ކުރިމަތިވެ ކޯމާއަށް ހިނގައްޖެއެވެ. ކުރަންޖެހޭ އޮޕަރޭޝަނަށް ވަރަށް ގިނަ އަދަދަކަށް ފައިސާ ބޭނުންވެއެވެ. ފައިސާ ހޯދަން ރައްޓެހިންނަށް ސަލާން ޖެހުމުންވެސް އެއްވެސް މީހަކު އެހީއެއް ނުވިއެވެ.
އެޙާލަތަށް ދިއުމުން މަންމަގެ ފުރާނަ ސަލާމަތްކުރެވޭނެ އެހެން އެއްވެސް ގޮތެއް ނެތުމުން ކިތަންމެ ބޮޑު ދެރައެއްދިންނަމަވެސް އެންމެ ރަނގަޅުކަމަށް ޤަބޫލުކޮށް އޭނާގެ ގާތަށް ދިއައިމެވެ. ވަރަށް އެއްޗެތިގޮވާފައި ބުނީ ފައިސާ ދީފާނެ ކަމަށާއި ނަމަވެސް ކުރަންބުނީ އެކަމެއް ކުރުމުން ޢުމުރަށް ލަދުވެތިވާންޖެހޭނެ ކަމެއްގެ ވާހަކައެވެ. އެއީ ނިތްކުރީގައި ބޮޑުއަކުރުން މޮޔައެއް ކަމަށް ލިޔެ ފޮޓޯއެއް ނަގައި ސޯޝަލްމީޑިއާގައި ހާމަކުރުމެވެ.
މަންމަގެ ފުރާނަ ސަލާމަތްކުރަން ބޭނުންވެފައިހުރިވަރުން އެކަންވެސް ކުރީމެވެ. އެކަން ކުރުމަށްފަހު ބައްދަލުކުރުމުން ބުނީ އަހަރެންނަކީ ހަމަ ބޮޑު މޮޔައެއް ކަމަށެވެ. އެންމެ ބޮޑު މޮޔަކަމަކަށް ކުރެވުނު ކަމަކީ އޭނާގެ ބަސް ޤަބޫލުކޮށްގެން މޮޔައެއްކަމަށް ހާމަކުރުން ކަމަށެވެ. އެހެން ބުނެފައި އެއްވެސް ފައިސާއެއް ނުދީ ކޮއްޕާނެރެލާފައި ދޮރުތަޅުލީއެވެ.
ދެރަވީވަރުން އެގޭ ދޮރާށިކައިރީގައި ރޯންއިންދާ އޭނާގެ ބައްޕައަށް ފެނިގެން ސުވާލުކުރުމުން ކަންކަންވީގޮތް ތެދަށް ކިޔައިދިނީމެވެ. ބައްޕައަށް ވަރަށް އަސަރުކުރިއެވެ. މަންމަގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާދީފައި ބުނީ އޭނާއަށް އޭނާގެ ދަރިފުޅާއިމެދު މާބޮޑަށް އިހްމާލުވެވުނީކަމަށެވެ. ނަމަވެސް އެހައި މިންވަރަށް ނުބައިވިކަމަށް ހީވެސް ކުރެވިފައި ނެތްކަމަށެވެ. އެކަމުގެ ޝަޒާ ދަރިފުޅަށް ދޭނެ ކަމަށެވެ.
ފައިސާ ލިބުމުން ހޮސްޕިޓަލަށް ފައިސާ ދައްކައި މަންމަގެ އޮޕަރޭޝަންކުރީއެވެ. އޮޕަރޭޝަން ކާމިޔާބެވެ. ފައިސާ ހޯދަން އަހުރެން ކުރި ކަންތައް އެނގުމުން ފުރަތަމަވެސް ސުވާލުކުރީ އެކަމާއެވެ. ބުނީމެވެ. "މަންމާއެވެ! އެކަމަށް ނުވިސްނާށެވެ! އެންމެ މުހިންމު ކަމަކީ މަންމަ ގަދަވެގެން އަވަހަށް ގެއަށް ދެވުމެވެ."
ހޮސްޕިޓަލުގައި އުޅުނުއިރު ބައްދަލުވާ އެންމެންވެސް އެކަމާއިބެހޭގޮތުން ސުވާލުކުރެއެވެ. ކޮންމެ މީހަކަށްވެސް އެކަމުގެ ހަޤީޤަތް ކިޔައިދިނީމެވެ. ނަރުހަކު ކުރިކަމަކީ އަހުރެންގެ ޕޯސްޓުގެ ޙަޤީޤަތް ހާމަކޮށް އޭނާގެ ފޭސްބުކަށްލީއެވެ. އަހަރެންގެ ފޭސްބުކްޕޭޖަށް ޓެގްވެސް ކުރިއެވެ.
އެކަންވީ ގިނަ ބައަކު ބަލައިގަތް ކަމަކަށެވެ. މަންމައަށްޓަކާ އެވަރުގެ ކަމެއްކުރުންވީ ގިނަ ބައަކު ތައްރީފްކުރިކަމަކަށެވެ. ދެ ދުވަހެއްފަހުން މީހުން މެސެޖްކުރަން ފަށައިފިއެވެ. އެކައުންޓް ނަންބަރުހޯދައިގެން އެހީގެ ގޮތުގައި ފައިސާ ފޮނުވަން ފަށައިފިއެވެ. ހޮސްޕިޓަލަށް އައިސް ބައްދަލުކޮށްފައިވެސް ފައިސާދޭން ފަށައިފިއެވެ.
ބައްދަލުކުރި ވަރަށް ރީތި، ތަނަވަސް ޒުވާނަކު އަހަރެންގެ ކައިވެންޏަށް އެދުމުން އެކަން ޤަބޫލުކޮށް ކައިވެނިކުރީއެވެ. އެއިރު އަހަރެންގެ އެކައުންޓުގައި ބައިވަރު ފައިސާވެސް ހުއްޓެވެ.
ނަރުސްކުއްޖާ އެޕޯސްޓްކޮށްދިން ހިސާބުން އެލަދުވެތިކަމުން ސަލާމަތްވެވުނެވެ. އަމިއްލައަށް ތަނަވަސްކަންވެސް ލިބުނީއެވެ. ތަނަވަސް ، ހެޔޮލަފާ ފިރިއަކުވެސް ލިބުނީއެވެ. ހަމަ މަންމައަށްޓަކައި ވީޤުރްބާނީގެ ސަބަބުންނެވެ.
އަހަރެންގެ އިލްތިމާސަކީ ކޮންމެ މީހަކުވެސް އެމީހެއްގެ މަންމައަށްޓައި (ﷲ އަށް އުރެދުމެއް ނުވާ) ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާށެވެ! އެކަމުގެ ފައިދާ އެމީހަކަށްކުރާނެއެވެ. އިން ޝާ ﷲ
މިވާހަކަ ސޯޝަލް މީޑިއާއިން ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ހިއްޞާ މިކުރީ މަންމަގެ ފުރާނަ ސަލާމަތްކުރަން ދަރިއަކުވީ ބޮޑު ޤުރްބާނީއެއްގެ ވާހަކަ ބުނެލުމަށެވެ. އޭނާއެކުރިކަމުގެ އަސްލަށް ބަލައިފިނަމަ އެއީ ވަރަށް ބޮޑުކަމެކެވެ. މުޅި ޢުމުރަށް އެކަމުގެ ގެއްލުން ލިބިދާނެ ކަމެކެވެ. ވިސްނާލަންވީ އެކަމުގެ ބަދަލު އޭނާއަށް ލިބުނު ފުރިހަމަކަމަށެވެ. ކޮންމެ ދަރިއަކުވެސް ވިސްނަންވީ އޭނާ އެބުނި ބަހަށެވެ.
" އަހަރެންގެ އިލްތިމާސަކީ ކޮންމެ މީހަކުވެސް އެމީހެއްގެ މަންމައަށްޓައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާށެވެ! އެކަމުގެ ފައިދާ އެމީހަކަށްކުރާނެއެވެ. އިން ޝާ ﷲ" މިބަހެވެ. ދަރިން މި އިލްތިމާސް ޤަބޫލުކޮށް ޢަމަލުކުރާނަމަ މައިންބަފައިން ތިބޭނީ ހާދަހައިވާ އުފާވެރިކަމުގައެވެ.
އަޅުގަނޑަކީވެސް 4 ދަރިންގެ މަންމައެވެ. ގިނައީ ތެދުވެ ނުއުޅެވޭ ދުވަސްތަކެވެ. އެއް ގެއެއްގައި އުޅޭއިރުވެސް މަންމަ އޮތީ ކައިގެންތޯ ބަލައިލަނީވެސް މަދުފަހަރަކުއެވެ. އިތުރަށް ދަރިންގެ ވާހަކަ ދައްކާކަސް ނެތީމެވެ.
- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް