ޢިބްރަތްތެރި ވާހަކަ: ލޮލުން ދެކެނުލާތިއްބާ ދަރިން ބޮޑެތިވާނަމަ ލަދުގަންނަން ޖެހޭފަދަ ކަންކަން ކުރިމަތިވާކަން އެނގޭ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 41ސ
ޢިބްރަތްތެރި ވާހަކަ: ލޮލުން ދެކެނުލާތިއްބާ ދަރިން ބޮޑެތިވާނަމަ ލަދުގަންނަން ޖެހޭފަދަ ކަންކަން ކުރިމަތިވާކަން އެނގޭ ޙާދިސާއެއްގެ ވާހަކަ-

މިޙާދިސާ މިގެނެސްދެނީ ކިޔުންތެރިއެއްގެ އެދުމަކަށެވެ. އޭނާގެ ދަރިފުޅުގެ ޢުމުރުން 15 އަހަރު ފުރުނުއިރުވެސް ދަރިފުޅު ދެކެލަން ބައްޕަ ނުއަންނާތީ އެބައްޕައަށްދޭ މެސެޖެއްގެ ގޮތުގައެވެ.  

ބަލިވެ އިންދާ ވަރިކޮށްފައި ދާގޮތަށް އަޅާނުލުމުން ނުވަތަ ދަރިފުޅު ކުޑައިރު ވަރިކޮށްލާފައި ދާގޮތަށް ލޮލުން ދެކެނުލުމުން އެކުދިން ބޮޑެތިވާފަހުން ފެނުނަސް ވަކިކުރަން ނުއެނގުމުގެ މައްސަލައަކީ ކުރިމަތިވަމުން އަންނަ މައްސަލައެކެވެ. މިއީ ކިތަންމެހައިވެސް ހިތާމަހުރި މައްސަލައެއް ނަމަވެސް ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް އޮތް މައްސަލައެކެވެ.  

ތިރީގައިވާ ވާހަކައަކީވެސް ހަމަ އެފަދަ ބައްޕައެއްގެ ވާހަކައެކެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ބައްޕައަށް ކުރިން ކުށެއް ކުރެވިފައިވީ ނަމަވެސް، 20 އަހަރު ފަހުންނަމަވެސް އޭނާގެ ކުށް ޤަބޫލުކުރިކަމެވެ. ކުރީގެ އަނބިމީހާ އަލުން އަންތބަކަށް ހަދައި ދަރިފުޅަށް ޙައްޤު މަޤާމް ދިންކަމެވެ. އެއީ އުފާކުރަންޖެހޭ ކަމެކެވެ.  

ވާހަކަވިދާޅުވެލައްވާށެވެ!  

އަޅުގަނޑު މިކިޔައިދެނީ ވަރަށް ލަދުވެތި ވާހަކައެކެވެ. މިކިޔައިދެނީވެސް ވަރަށް ލަދުވެތިކަމާއިއެކުގައެވެ. ސަމާލުކަން ދެއްވައިގެން ރަނގަޅަށް އަޑުއައްސަވާށެވެ.  

އަޅުގަނޑުގެ އުމުރަކީ 20 އަހަރެވެ. ގެންގުޅެ ބޮޑުކުރީ މަންމަ އެކަންޏެވެ. މަންމަ އިތުރު ކައިވެންޏެއްވެސް ނުކުރެއެވެ. ބައްޕައާއިބެހޭގޮތުން އެނގޭވަރަކީ ކިޔާނަމެވެ. ދެން އެނގެނީ އަޅުގަނޑަށް ބަލިވެއިންދައި މަންމަ ވަރިކޮށްލާފައި ދިއަކަމެވެ. އެންމެ ކުޑަމިނުން ބައްޕަގެ ފޮޓޯއެއްވެސް ނުދެކެމެވެ. ހޯދާކަށްވެސް ނުއުޅެމެވެ.  

ވަރަށް ބުރަ މަސައްކަތުން މަންމަ ކިޔަވައިދިނެވެ. ކިޔަވައިގެން ވަޒީފާއަކަށްވެސް ވަނީމެވެ. އެތަނުގެ ވެރިމީހާޢަޅުގަނޑަށް ވަރަށް ރަނގަޅެވެ. އަޅުގަނޑު މަސައްކަތްކުރީ ވަރަށް އިޚްލާޞްތެރިކަމާއިއެކުގައެވެ. އެހެންވެ ވެރިމީހާ އެންމެ ބޮޑަށް ގާތްކަން ބާއްވާ މުވައްޒިފުންގެތެރޭގައި އަޅުގަނޑު ހިމެނެއެވެ.  

އެއީ ބާރަދުވަހެވެ. އޮފީސްވެސް ރަސްމީކޮށް ބަންދު ދުވަހެކެވެ. ނަމަވެސް އަނެއް ދުވަހަށް ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތަކެއް ހުރުމުން އޮފީހަށް ނުކުމެ މަސައްކަތުގައި އިންދާ ވެރިމީހާއައެވެ. އަދި އެދުވަހު މެންދުރު އޮފީހުގައި ކެއީ ވެރިމީހާ އާއިއެކުގައެވެ.  

ކާންތިބެގެން ދައްކަމުން ދިއަ ވާހަކައިގެ ތެރެއިން ވެރިމީހާ ސުވާލުކުރީ އެންމެ އެދޭކަމަކީ ކޮބައިތޯއެވެ؟ އެންމެ ބޭނުންވާ ކަންކަން ކިޔައިދެމުން ގޮސް ބުނީމެވެ. "މިހައިތަނަށް ބައްޕައެއް ނުދެކެމެވެ. މިހެން އުޅެފައި ކައިވެނިކުރަން ޖެހޭދުވަހު ވަލީހޯދަން ބައްޕައާއި ބައްދަލުކުރާނެ ގޮތެއްވެސް ނުއެނގެއެވެ. އެކަމާއިވެސް ކަންބޮޑުވެއެވެ."  

ކާންތިބެފައި ވެރިމީހާ އެދުނީ މަންމަގެ ފޮޓޯއެއް ދައްކައިލުމަށެވެ. ބުނީ އަޅުގަނޑުފަދަ ދަރިއަކު މައަކު އެކަނި ގެންގުޅެ ބޮޑުކޮށް ތަރުބިއްޔަތުކުރެވޭނީ ވަރަށް ވިސްނުންތެރި މައަކަށް ކަމަށާއި އެހެންވެ މަންމައަކީ ކާކުކަން އެނގެން ބޭނުންވާ ކަމަށާއި މަންމައާއި ރައްޓެހިކަން ބާއްވަން ބޭނުން ކަމަށްވެސް ބުންޏެވެ.  

އަޅުގަނޑު ފޯނުން މަންމަގެ ފޮޓޯއެއް ދައްކައިލުމުން ވެރިމީހާ ދިއައީ ސިއްސައިގެންނެވެ. ނަމަވެސް އިތުރު ބަހެއް ނުބުނެ އިނދެފައި ބުނީ މަންމަ އާއި ބައްދަލުކުރަން މިރޭ އަޅުގަނޑުމެންގެ ގެއަށްދާނެ ކަމަށެވެ. ގެއަށް ގޮސް އެވާހަކަ މަންމަ ގާތުގައި ބުނުމުން މަންމަ ބުނީ ވެރިމީހާ ގެއަށް ގެނައުމަކީ މައްސަލައެއް ނޫން ކަމަށެވެ.  

ވެރިމީހާ އެރޭ ގެއަށް ދިއައެވެ. ވެރިމީހާ ފެނުމުން މަންމައަށް ގޮތްތަކެއްވިކަން ފާހަގަކުރެވުނެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކުރަމެވެ. ގޭގައި ވާހަކަދައްކަން ތިބެފައި ވެރިމީހާ މަންމަ އާއި ސުވާލުކުރީ އަޅުގަނޑަކީ މަންމަގެ ކޮން ފިރިއަކަށް ލިބުނު ދަރިއެއްތޯއެވެ؟ ޖަވާބުގައި މަންމަ ބުނީ މަންމަކުރީ އެންމެ ކައިވެންޏެއް ކަމަށާއި އިތުރު ކައިވެންޏެއް ނުކުރާ ކަމަށެވެ. އަދި ކައިވެނީގެ ބޭރުން އެއްވެސް ފިރިހެނަކާއި އެއްވެސް ގުޅުމެއް ހިންގާފައި ނުވާނެކަމަށް ހުވާކުރަން ތައްޔާރަށްހުރި ކަމަށެވެ.  

ވެރިމީހާ ވަރަށް ޙައިރާންވެފައި ސުވާލުކުރިއެވެ. "އެހެންވީއިރު މިއީ އަހަރެމެން ދެމީހުންނަށް ލިބުނު ދަރިއެއް ހެއްޔެވެ؟ ވިހެއިކަން އަންގައިވެސް ނުލަމެއް ނޫންހެއްޔެވެ؟" ޖަވާބުގައި މަންމަބުނީ ބަލިވެއިން އަނބިމީހާ ވިހާފައި އެކަން އެންގުމަށްވުރެ މުހިންމީ ވިހާތޯ ބެލުން ކަމަށެވެ. އެކަން ނުކުރީމާ އުނދަގޫކުރަން ބޭނުންނުވީ ކަމަށެވެ. ދަރިފުޅާއިމެދު ޝައްކުކުރެވޭނަމަ ޑީއެންއޭ ހަދާލުމުން ޔަޤީންކުރެވޭނެ ކަމަށެވެ. އަދި އެއީ މިހާރު ކުރަން އެހައި ބޮޑުކަމެއް ނޫނެއްނޫންކަމަށެވެ.   

ވެރިމީހާ (އަޅުގނޑުގެ ބައްޕަ) ބުނީ ޑީއެންއޭ ހަދަން ބޭނުންނުވާ ކަމަށާއި މަންމަ ބުނާ ވާހަކައަށް އިތުބާރުކުރާކަމަށެވެ. އަދި އެއިރު ބައްޕަގެ އަންތބަކާއި ދަރިން ތިބުމުން ދެވަނަ އަންތބެއްގެ ގޮތުގައި މަންމައާއި ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. އެކަމަށް މަންމަ ވަގުތުން ރުހުމުން 20 އަހަރަށްފަހު ދެމީހުން އަލުން ކައިވެނިކުރީ މިއަހަރު ކުރީކޮޅުއެވެ.

އެންމެ ލަދުވެތި ބައަކީ ކައިވެންޏަށްފަހު ބައްޕަ މަންމަ ގާތުގައި ދެއްކި ބައެއް ވާހަކަތަކެވެ. އަޅުގަނޑާއި މަންމަ އާއި ވައްތަރުކަން ބޮޑުކަމުން އުމުރުން ދުވަސްވެފައި ހުރިނަމަވެސް ކޮންމެ ގޮތަކުން ނަމަވެސް އަޅުގަނޑާއި ކައިވެނިކުރަން ވިސްނަމުން އައިކަމަށް ބުނެފައިވާތީއެވެ. ޙަޤީޤަތް ނުއެނގި ލަސްވިނަމަ "އެޕްރޯޗްކުރެވުން" ވަރަށް ގާތްކަމަށްވެސް ބުނެފައިވެއެވެ.  

މަންމަ ވަރިކުރުމަށްފަހު މަންމައާއި އެއްވެސް ގުޅުމެއް ނުބޭއްވިނަމަވެސް އަދި އަޅުގަނޑުގެ ޙާލު ނުބެލިނަމަވެސް މިހާރު ބައްޕަ އަޅުގަނޑަށްވެސް މަންމައަށްވެސް ކަންތައްތައް ކޮށްދެނީ ވަރަށް ރަނގަޅަށެވެ. އޮފީހުގައިވެސް އަޅުގަނޑުވަނީ ވެރިއަކަށްހަދައި ދޮށީދަރިފުޅުގެ ދަރަޖަވެސް ދީފައެވެ.   

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ފިރިހެނުންނަށް ބުނެލަން ބޭނުންވަނީ އަނބިން ބަލިވެއިންދާ އެއްލާލިނަމަވެސް ތިމާމެންނަށް ލިބޭ ދަރިންގެ ޙާލު ނުބަލާނަމަ މިފަދަ ކަންކަން ކުރިމަތިވާނެއެވެ. ކާމިޔާބުނުކުރެވުނު ނަމަވެސް ބައްޕަ އަޅުގަނޑަށް އެޕްރޯޗްކުރި ނަމަ ނުވަތަ ފައިސާގެ ދަހިވެތިކަމުގައި އެފަދަ މަޅިއެއްގައި އަޅުގަނޑަށް ޖެހެވުނުނަމަ ޙާލަކީ ކޮބައިތޯއެވެ؟ މިފަދަ ކަންކަމުގެ ވާހަކަ ދައްކަންކެރޭ މީހުން މަދުވީމާ އަޑުތައް ފެތުރުން މަދުވިނަމަވެސް އަޅުގަނޑަށް މިދިމާވި ފަދަ މައްސަލައަކީ މިއަދު ކުރިމަތިވަމުން އަންނަ މައްސަލަތަކެވެ. އަޅުގަނޑަށްވެސް ބޮޑު ކަންތައްގަނޑަކުން ސަލާމަތްމިވެވުނީ ހަމަކިރިޔާ ނޫންތޯއެވެ؟

 

- ޝަހުދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

 

 

މިއަދު އޮންލައިން