އުފާވެރި ދިރިއުޅުމަކަށް ތަނަވަސްކަމަށްވުރެ މުހިންމީ ލޯބި! ކޮންމެ ދެމަފިރިއަކުވެސް ފަޤީރު މިދެމަފިރިން އެއުޅޭގޮތަށް އުޅޭނަމަ އުފަލުން ފުރިގެން ތިބެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
އުފާވެރި ދިރިއުޅުމަކަށް ތަނަވަސްކަމަށްވުރެ މުހިންމީ ލޯބި! ކޮންމެ ދެމަފިރިއަކުވެސް ފަޤީރު މިދެމަފިރިން އެއުޅޭގޮތަށް އުޅޭނަމަ އުފަލުން ފުރިގެން ތިބެވޭނެ! އިން ޝާ ﷲ

"އަޅުގަނޑުމެންނަކީ ފަޤީރު ދެމަފިރިންނެވެ.

އުޅެންޖެހެނީ އަސާސީ ބޭނުންތައްވެސް ނުފުއްދިގެންނެވެ. އެކަމަކު ދުވަހަކުވެސް ދެބަސްވެ ޒުވާބެއް ނުކުރަމެވެ. އުޅެނީ ވަރަށް ލޯބިންނެވެ. ޖެހިގެން ހުރި ފުލެޓުގައި އުޅެނީ ފުދިގެން އުޅޭ ދެމަފިރިންނެވެ. ދެބަސްވެ ޒުވާބުކުރާ އަޑު ނުއިވޭ ދުވަހެއް ނުދެއެވެ. އެކަމާއިމެދު ޙައިރާންވަމެވެ." 

މިފަދަ ގޮތްތައް މެދުވެރިވަނީ އެތައް ސަބަބެއް އެކުވެގެންނެވެ. ވީމާ އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރެއްވުމެވެ.  

މުޅި ދުނިޔެއަށް ބެލިނަމަވެސް އެންމެ ގިނައީ ފަޤީރުންނެވެ. ކިރިޔަކިރިޔާ ދެކޮޅު ޖެއްސޭ ޙާލުގައި އުޅޭ މީހުންނާއި ދެކޮޅު ނުޖެއްސި ދަތިޙާލުގައި ދިރިއުޅޭ މީހުންނެވެ. އެހެންކަމާއިއެކުވެސް ލޯބިން އެކުގައި ޒަވާޖީ ޙަޔާތް ވޭތިކުރާ މީހުން ގިނައީވެސް ހަމަ ފަޤީރުންގެ ތެރޭގައެވެ.  

މިއީ މުޅި ދުނިޔެވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. އެކަމުން އެނގެނީ ތަނަވަސްކަން ކިތަންމެ މުހިންމު ނަމަވެސް އުފާވެރިކަން ލިބުން އޮތީ ހަމައެކަނި ތަނަވަސްކަން ލިބުމުން ނޫންކަމެވެ. ތަނަވަސްކަމާއި އުފާވެރި ދިރިއުޅުމަކާއި މިއީ މުޅިން ތަފާތު ދެކަމެއް ކަމެވެ.    

ދިރިއުޅުމުގައި ތަފާތު މައްސަލަތައް ޖެހެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބާއި އެކަމަށް އޮތް ވަރަށް ރަނގަޅު ޙައްލެއް ތިރީގައިވާ ވާހަކައިން އެނގިލައްވާނެއެވެ. އިން ޝާ ﷲ. ޢަޖުމަ ބަލައިލަން ނަމަވެސް ނިކަން މިކަން ތަޖުރިބާކޮށްލަބަލާށެވެ!  

އެއީ އެކުގައި ކިޔެވި ދެ މީހުންނެވެ. ކަންދިމާވިގޮތުން އެކަކު ވަޒީފާއަދާކުރަމުން ގޮސް މިލިއަނަރުންގެ ދަރަޖައަށް ފައިސާވެރިވިއެވެ. އަނެކާއަށް އުޅެންޖެހުނީ ވަރަށް އާދައިގެ ޙާލަތެއްގައެވެ. ހަމަ އެންމެ އާދައިގެ ފަޤީރުންގެ ދަފްތަރުގައި ނަން ބާއްވައިގެންނެވެ. އެހައިވެސް ނިކަމެތި ޙާލަތުގައެވެ.  

ދެމީހުން ބައްދަލުނުވެ އަހަރުތަކެއް ފާއިތުވުމަށްފަހު ތަނަވަސް މީހާ އަނެކާއަށް ގުޅައި ދުވަސް ހަމަޖައްސައި ކެއުމަކަށް އެއް ރޭ އެގެއަށް ދިއައެވެ. އޭނާ ދިރިއުޅޭ ޙާލަތުފެނުމުން ވަރަށް އަސަރުކުރިއެވެ.  

ކާމޭޒަށް ބަލައިލިއިރު މޭޒުގެ ފެންވަރު ކިތަންމެހައިވެސް ދެރައެވެ. ނަމަވެސް މޭޒުމަތީގައި އަތުރާފައިހުރި ކާތަކެތި ވަރަށް ތާޒާވެފައި ރަހަވަރަށް މީރެވެ. އަގުބޮޑު އެއްގަމު މަހެއް ނެތެވެ. އޮތީ ހަމައެކަނި ރޯސްކުރި ކުކުޅެކެވެ.  

އޭނާ ކިޔައިދިނެވެ. "ތިއަ ތަރުކާރީއަކީ އަހަރެމެން ގޭގައި ހައްދާ ބާވަތްތަކެވެ. ކުކުޅުވެސް ތިއައީ ހަމަ ގޭކޮށިންނެވެ. ގަނަގެން ތަކެތި ކައިބޮއިހަދާނެ ފެންވަރެއް ނެތެވެ. ދެމީހުންގެ މަސައްކަތުން ލިބޭ މުސާރައިން ހަމައެކަނި ކޮށްލެވޭ ކަމަކީ ކުދިންނަށް ފޮތްފަންސުރު ހޯދާލަދިނުމާއި ބިލްތައް ދެއްކުމެވެ."  

ކައިނިމިގެން ދެއަންހެނުން ވާހަކަދައްކަމުން ބޭރަށް ދިއުމުން ތަނަވަސްމީހާ ބުންޏެވެ. "ވިހަން ހަދައިގެން އަނބިމިހާގެ ސިފަގެއްލިއްޖެ ނޫންހެއްޔެވެ؟ ބަދަލުކޮށްލާކަށް ނުވިސްނަން ހެއްޔެވެ؟"  

ޖަވާބުގައި އެކުވެރިޔާ ބުންޏެވެ. "ތިއަދިއައީ މާމައްޗަށެވެ. ތިއަބާވަތުގެ އެއްވެސް ވާހަކައެއް މިގޭގައި ދެއްކުން މުޅިން މަނާވާނެ އެވެ. އަނބިމީހާއަށް އެބަދަލުތައް އައީ ދެމީހުން އެކުގައި އުޅެނިކޮށް ނޫންހެއްޔެވެ؟ ވިހެއީ އަހަރެންގެ ދަރިން ނޫންހެއްޔެވެ؟ އަދި ބުނަން ހެއްޔެވެ؟ މިގޭގައި އަދި މިހައިތަނަށް އެންމެ ފަހަރަކުވެސް އެއްވެސް ކަމެއްގައި ދެބަސްވެ ޒުވާބުކޮށްފައެއް ނުވާނެއެވެ. އެންމެ ކުޑަމިނުން އެކަކު އަނެކަކަށް ކުނި މޫނު ދެއްކުމަކީވެސް މިގޭގައި އެއްގޮތަކަށްވެސް ކުރާކަމެއް ނޫނެވެ. އަބަދު މިތިބެނީ ހިނިތުންވެގެންނެވެ."  

އެހިސާބަށް ބުނާއިރަށް ތަނަވަސްމީހާ ފުންމައިގެންތެދުވެ ބޭރަށް ނުކުމެ އަނބިމިހާއަށް ގޮވައި ގެނެސް ގޮނޑީގައި ބައިންދައިފިއެވެ. އަދި ކުރިން މޭޒުގައި އެކުވެރިޔާ ދެއްކި ވާހަކަތައް ދައްކަން ބުނުމުން ހަމަ އެވާހަކަތައް ހަމަ އެގޮތަށް ކިޔައިދީފިއެވެ.  

ތަނަވަސް މީހާ އޭނާގެ އަނބިމިހާއަށް ބުންޏެވެ. "ކޮބާ އަޑު އިވިއްޖެ ހެއްޔެވެ؟ ކަލެއަށް މިގޮވީ އަހަރެން އަޑުއަހައިފައެވެ. އަހަރެމެންނަކީ ތަނަވަސްކަން ލިބިގެންތިބި ބައަކީމުއެވެ. އަހަރެމެންގެ ދިރިއުޅުން މުޅިން ތަފާތެވެ. އަބަދު މިއޮންނަނީ ކުނިމޫނު ދެއްކުމާއި ދެބަސްވުމާއި ޒުވާބުކުރުމެވެ. ދެމީހުންވެސް ހަމަ އެހައި ބިޒީއެވެ. ތަނަވަސްކަން ނެތީމާ މާރަނގަޅެއް ނޫންހެއްޔެވެ؟ ދިރިއުޅުން މާއުފާވެރިނޫންހެއްޔެވެ؟"

ކޮންމެއަކަސް ތަނަވަސް ދެމަފިރިން އެރޭ އެގެއިން ނުކުތީ ވަރަށް ވަރުގަދަ ފިލާވަޅުތަކެއް ޙާޞިލުކޮށްގެނެނެވެ. ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޢަޒުމް ކަނޑައަޅައިގެންނެވެ. އެކުވެރި ދެމަފިރިންނަށް ރަނގަޅު ހަދިޔާއެއްވެސް ދީފައެވެ.   

ދެމަފިރިންނަށް އުފަލުގައި ދިރިއުޅެވޭނީ ތަނަވަސްކަން ލިބިގެންކަމަށް ޤަބޫލުކުރާ މީހުންނަށް މިވާހަކަ ޢިބްރަތަކަށްވާނެކަމަށް އުންމީދުކުރަމެވެ.

 

- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން