ފިރިމީހާ ބޭވަފާތެރިވަމުންދާކަން އެނގުމުން އެވާހަކަދައްކާއިރަށް ބުނަނީ މާބޮޑަށް ޝައްކުކުރަނީ ކަމަށެވެ. އެބާވަތުގެ ވާހަކަ ދެއްކުމުން ބޮލަށް އުނަދޫވާކަމަށެވެ. އެހެންވެ އެވާހަކަ ދެއްކޭނެ ގޮތެއް ނުއޮވެއެވެ.
އެހެންއުޅެނިކޮށް ފިރިމީހާ އާއި ލޯބިވެރިޔާ ރެސްޓޯރަންޓަކުން ފެނުނެވެ. ދެމީހުން ލޯބިކުރާތަންވެސް ފެނުނެވެ. މަންޒަރުބަލަން އިރުކޮޅަކު ހުރެފައި ގޮސް މޭޒުކައިރީގައި ހުއްޓުނެވެ. އެކަމަކު ބަހެއް ނުބުނެއެވެ. ހިނިތުންވެލާފައި ދިއައީއެވެ.
އެރޭ ފިރިމީހާ ގެއަށް ދިއުމަކުންވެސް އެވާހަކައެއް ނުދައްކައެވެ. ކަމެއްވީކަމަކަށްވެސް ނުހަދައެވެ. އަނެއްދުވަހު ހެނދުނުވެސް އެވާހަކަ ނުދެއްކުމުން ފިރިމީހާއަކަށް ކެތެއް ނުކުރެވުނެވެ. އެއީ އަބަދުހެން ޝަކުވާކުރާ މީހަކު އަނގައިންވެސް ނުބުނެހުރުމުންނެވެ. އެހެންވެ މާފަށް އެދި އެވާހަކަދައްކަން އުޅުމުން އަނބިމީހާ ބުންޏެވެ. "ތިއަވާހަކަތައް އަޑުއިވުނީމާ ބޮލަށް އުނދަގޫވެއެވެ. ރަނގަޅީ ތިއަވާހަކަތައް ނުދެއްކުމެވެ. އަހުރެންވެސް ގޮތެއް ހޯދާނަމެވެ."
ފިރިމީހާ އެރޭ އަވަހަށް ގެއަށް ދިއައެވެ. އަނބިމީހާ ގާތު އިތުރު ގޮތެއް ހޯދަން ކުރަނީ ކޮންކަމެއްތޯ؟ ވަރިވަނީތޯ؟ ސުވާލުކުރުމުން އަނބިމީހާ ބުނީ ނިންމާނެ ގޮތެއް އަދި ކަނޑަނުއަޅާ ކަމަށާއި ގޮތެއް ކަނޑައަޅަން ވިސްނަމުންދާ ކަމަށެވެ.
ފިރިމީހާއަށް އޭނާގެ ކުށް ވިސްނުނެވެ. އަނބިމީހާ ވަރިވެގެން ހިނގައްޖެނަމަ ލިބިފައިވާ 3 ދަރިންނަށް ލިބޭނެ ދެރަ އިޙްޞާޞްކުރެވުނެވެ. އެހެންވެ އުޅުން އިޞްލާޙްކޮށް އެކަން ޢަމަލުން ދައްކާފައި މިހާރު މާފުކޮށްފިންތޯ ސުވާލުކުރުމުން ބުނީ އެކަމުގައި ގޮތް ނިންމާނީ އޭނާ ނޫންކަމަށާއި އޭނާގެ ހިތް ކަމަށެވެ. ޢަމަލުކުރާނީ ހިތް ނިންމާ ގޮތަކަށް ކަމަށެވެ.
ކޮންމެއަކަސް އެއިގެ ފަހުން މިހާރު 4 ވަރަކަށް އަހަރުވެދާނެއެވެ. ދެމަފިރިން އުޅެމުން އަންނަނީ އެކުގައެވެ. މައްސަލައެއް ޖެހިފައިވާކަން އުޅުމަކުން ނުފެނެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިޙާދިސާ ކިޔައިދިނުމުގެ ބޭނުމަކީ ބައިވެރިޔާގެ ފަރާތުން ކުށެއް ފެނުނަސް ޙިކުމަތްތެރިކަމާއިއެކު އެކަން ޙައްލުކުރަން މަސައްކަތްކުރުމުން ލިބޭ ކާމިޔާބީ މާފޮނިވާނެ ވާހަކަ ބުނުމަށެވެ. މިހެން ބުނިނަމަވެސް ބޭވަފާތެރިވުން ފަދަ އެންމެ ބޮޑެތި ކުށްތައް ތަކުރާރުކުރާނަމަ އިތުރު ގޮތްތަކަށް ވިސްނަންޖެހޭނެއެވެ.
ދެން ބުނެލަން ބޭނުންވަނީ މިމައްސަލަ އެހާފަސޭހައިން ޙައްލުކުރެވިގެން އެދިއައީ ކުށެއްކުރެވުނަސް ފިރިމީހާއަކީ ހެޔޮލަފާ މީހަކަށްވާތީއެވެ. ދަރިންނާއިމެދު ވިސްނާ މީހަކަށްވާތީއެވެ. އެހެންކަމުން ފިރިންނަށް ބުނެލަން އޮތީ ކުށެއް ކުރެވުނަސް ދަރިންނަށް އިސްކަންދީ ދަރިންގެ މުސްތަޤްބަލަށް ވިސްނާށެވެ. އެފިރިމީހާ ފަދަ ފިރިއަކަށްވާށެވެ.
- ނުޒުހާ / މިއަދުނޫހުގެ ކިޔުންތެރިއެއް