ނިކަމެތި އަންހެނުންނާ ކައިވެނިކުރުމަށްފަހު ބާކީކޮށްލައި އަނިޔާވެރިވާ މީހުންނަށް ނިކަމެތިކަން ލިބި ސަލާންޖަހަން ޖެހުމަކީ މެދުވެރިވާ ކަމެއް! މިއީވެސް އެފަދަ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ނިކަމެތި އަންހެނުންނާ ކައިވެނިކުރުމަށްފަހު ބާކީކޮށްލައި އަނިޔާވެރިވާ މީހުންނަށް ނިކަމެތިކަން ލިބި ސަލާންޖަހަން ޖެހުމަކީ މެދުވެރިވާ ކަމެއް! މިއީވެސް އެފަދަ ޙާދިސާއެއްގެ ވާހަކަ-

މުސްލިމުންނަކީ އެއްވެސް މީހަކަށް ދެރައެއް ދީގެންވާނެ ބައެއް ނޫނެވެ. ޚާއްޞަކޮށް ނިކަމެތިންނަށް އެހީތެރިކަން އިތުރުކުރަންޖެހެއެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ހެޔޮގޮތްތައް މެދުވެރިކުރައްވަވައެވެ. ނަމަވެސް އެކަމަށް ވިސްނައިނުލާ މީހުން ބައިވަރެވެ. އެހެންކަމުން މިއީ ގިނަގިނައިން ހަނދުމަކޮށްދޭނެޖެހޭ ކަމެކެވެ.  

ނިކަމެތި ޙާލުގައި އުޅެންޖެހިފައިވާ އަންހެނުންނާއި ކައިވެނިކުރުމަށްފަހު ފޫހިވުމުން ނުވަތަ އެހެން  އަންހެނަކާއި ކައިވެނިކުރަން ބޭނުންވުމުން އޭނާގެ އެއްވެސް ކުށެއް ނެތި ވަރިކޮށްލަނީ މަދަކުން ނޫނެވެ. އަނެކާއަށް މިދެވެނީ ކިހައި ބޮޑު އަނިޔާއެއް ކަމާއިމެދު ވިސްނައިވެސް ނުލައެވެ.  

މިފަދައިން އަނިޔާވެރިވާ ގިނަ މީހުންނަށް ދުނިޔޭގައިވެސް އެކަމުގެ ހިތާމަކުރަން ޖެހެއެވެ. ތިރީގައި އެވަނީ އެގޮތުން ވިސްނާލުން ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.  

އަހަރެންނާއި އަހަރެންގެ ފިރިމީހާ އާއި ދެމީހުން ލޯބިން ދުވަސްތަކެއް ހޭދަކުރުމަށްފަހު ކައިވެނިކުރިތާ 2 ވަނަ އަހަރު އެއްދުވަހު ގެއަށް އައިސް ބުނީ އަހަރެން ވަރިކުރީ ކަމަށާއި ގެއިން ނުކުމެގެން ދިއުމަށެވެ. ވަރިކުރީ އަހަރެން ކޮން ކުށެއްކޮށްގެނަ ކަމެއްވެސް ނުބުނެއެވެ.

ދާނީ ކޮން ތަނަކަށް ހެއްޔެވެ؟ މައިންބަފައިންނަކީވެސް ޖިފުޓިއެއްގައި އުޅުނު ފަޤީރުންނެވެ. ކައިވެނިކުރިތަނުން އެދެމަފިރިންވަނީ ނިޔާވެފައެވެ. އެޖިފުޓީގައި މިހާރު އުޅެނީ އެހެން ބައެކެވެ.  

އެހެންވެ ދާނެ ތަނެއް ނެތުމުން ހެދުންކޮޅު ދަބަހަކަށް އަޅައިގެން ނުކުމެ މަގުމަތީގައި ދިރިއުޅެން ފެށީމެވެ. ސަލާންޖަހާ އެހެން މީހުން ފަދައިން ސަލާންޖަހާ މީހަކަށްވީމެވެ. އެޙާލުގައި އުޅޭތާ އެއީ 8 ވަނަ ދުވަހެވެ. ބަނޑުހައިވެގެން ހުރީ މަރުވާވަރުވެފައެވެ. ފެންބޮވައިގަނެގެން ކެތްނުކުރެވޭވަރުވުމުން ރެސްޓޯރަންޓަކަށްވަދެ ފެންތަށްޓަކަށް އެދުނީމެވެ. އަހަރެންނަކީ ސަލާންޖަހާ އަހެނަކަށްވުމުން ފެންފޮދެއްވެސް ނުދީ އަހަރެން އެތަނުން ބޭރުކޮށްލީއެވެ.  

ހިނގާނެ ވަރުވެސް ގައިގައި ނެތުމުން ރެސްޓޯރަންޓް ދޮރުން ބޭރުގައި ފާރުކައިރީގައި އިށީނދެލައިގެން އިނީމެވެ. އެހެން އިންނަތާ އިރުކޮޅަކުން އައި މީހަކު އޭނާގެ ފަހަތުން ރެސްޓޯރަންޓަށް ވަންނަން ބުންޏެވެ. އެހެން ބުނުމުން އެތަނަށް ސަލާންޖަހާ އަންހެނުން ނުވައްދާނެ ކަމަށްބުނެ ދެންމެ ކުރިމަތިވި ކަންތައް ކިޔައިދިނީމެވެ.  

"އާދޭ! މިއީ އަހަރެން ހިންގާ ތަނެއް! އަހަރެން ބޭނުން މީހަކު ވެއްދޭނެ!" ކަމަށް ބުނުމުން ފަހަތުން ވަނީމެވެ. މޭޒެއްގައި ބައިންދާފައި ވަރަށް އަވަހަށް ފެންދިނެވެ. އަދި ކާންވެސް ދިނެވެ. ކާން އިންދައި އައިސް މޭޒުގެ އެހެން ގޮނޑިއެއްގައި އިށީދެފައި އަހަރެން ފަދަ ޒުވާން އަންހެންކުއްޖަކަށް މިފަދަ ނިކަމެތި ޙާލެއް ޖެހުނު ގޮތާއިމެދު ސުވާލުކުރުމުން ކަންކަން މެދުވެރިވި ގޮތް ކިޔައިދިނީމެވެ. ކައިނިމުނީމަ ކާރެއްގައި އަހަރެން ގޮވައިގެން ދިއައީ އޭނާ ދިރިއުޅޭ ގެއަށެވެ. ގެއަށް ގޮސް ކޮޓަރިއެއް ދައްކާފައި އެކޮޓަރީގައި ހުންނަން ބުނެފައި އޭނާ ދިއައީއެވެ. ދަމުން ބުނީ ބަނޑުހައިވެގެން ނުހުރުމަށާއި ބޭނުން އެއްޗެއް ކައްކައިގެން ކާންވީ ކަމަށެވެ.

އޭނާ އެނބުރި އައީ ދަންވަރުއެވެ. އެއީ ހަފްތާއެއްވަންދެން ހަމަނިދި ނުލިބިހުރުމުން ނިދާލާފައި ތެދުވެ ފެންވަރާލައިގެން ނުކުމެ ސިޓިންގ ރޫމްގައި މަޑުކޮށްލި ވަގުތެވެ. ގެއަށްވަނުމާއިއެކު ގޭގައި ހުރި މީހާގެ ހައިޞިއްޔަތުން ތެދުވެ މަރުޙަބާ ކިޔާފައި ލައިގެންހުރި ކޯޓު ބާލައިދިނީމެވެ.  

ކޮޓަރިއަށް ވެދެ ފެންވަރާލައިގެން އައިސް އޭނާގެ ވާހަކަ ކިޔައިދޭން ފެށިއެވެ. "އަހަރެންގެ ބައްޕަ މަންމަ ވަރިކޮށްލިއިރު އަހަރެން އޮތީ މަންމަގެ ބަނޑުގައެވެ. އަހަރެންގޮވައިގެން މަންމަ އުޅުނީ މަގުމަތީގައެވެ. އެހެން އުޅެނިކޮށް ބައްދަލުވި މީހަކު މަންމައަށް އެހީތެރިވެ ގެންގުޅުނީއެވެ. ވިހެއުމުން ވެސް ގެންގުޅެ ބޮޑުކުރީ އެމީހާއެވެ. އެމީހާ މަރުވީ އޭނާގެ ތަނަވަސްކަން އަހަރެންނަށް ދީފައެވެ. މިގެއާއި ރެސްޓޯރަންޓަކީ އޭނާގެ ތަންތަނެވެ. އަހަރެން މިހުންނަނީ މަގުމަތިވެފައިވާ އަންހެނަކަށް އެހީތެރިވާނެ ފުރުޞަތަކަށް ބަލަބަލައެވެ. ކަންދިމާވިގޮތުން ދެމީހުން ބައްދަލުވީއެވެ. އެހެންވީމާ ބޭނުންހައި ދުވަހަކު މިގޭގައި އިންނާށެވެ. ކާންބޯން ލިބޭނެއެވެ. ބޭނުންތައްވެސް ފުއްދައިދޭނަމެވެ."  

ލިބުނު ބޮޑު ނިޢްމަތަށް ޝުކުރުވެރިވެ އެގޭގައި އިނީއެވެ. އޭނާއަށް ޚިދުމަތްކުރުމުގައެވެ. އެއީ ވަރަށް ރަނގަޅު މީހެކެވެ. ހަޑިވާހަކައެއްވެސް ނުދައްކައެވެ. ދެމީހުން އެކުގައި އުޅޭތާ 2 ވަނަ އަހަރު އާދައިގެމަތިން ދަންވަރު ގެއަށް އައިސް ވާހަކަދައްކަން އިނދެފައި ބުނީ އަހަރެންގެ ސިފަވެސް ކަމުދާ ކަމަށާއި ސިފައަށްވުރެ ރީތިކަންބޮޑީ އެތެރޭގެ ސިފަ (އަޚްލާޤް) ކަމަށެވެ. އެހެންވެ ބޭނުންނަމަ ކައިވެނިކުރަން ބޭނުން ކަމަށެވެ. 

އަހަރެން ވަގުތުން އެއްބަސްވީމެވެ. އަހަރެންނަށްޓަކައި އޭނާއަކީ މަލާއިކަތެއްފަދަ މާތް މީހަކަށްވީތީއެވެ. ކައިވެނީގައި 5 އަހަރުވީއިރު 2 ދަރިން ވަނީ ލިބިފައެވެ. ހުކުރު ދުވަހެއްގެ ހަވީރު 2 ކުދިން ގޮވައިގެން ގޮސް ރެސްޓޯރަންޓްގައި އުޅެނިކޮށް ސަލާންޖަހާ މީހަކު ވަދެ ބާކީވެފައި ހުރި ކާއެތިކޮޅަކަށް އެދުނެވެ. އޭނާގެ އަޑުން ވައްތަރުވެގެން ބަލައިލިއިރު އެއީ ކުރީގެ ފިރިމީހާއެވެ. ވެއިޓަރެއް ގާތުގައި ބުނެގެން ޕާރުސަލެއް ހަދާފައި ދިނީމެވެ. ނަމަވެސް އޭނާއަކަށް އަހަރެންގެ މޫނެއް ނުދައްކަމެވެ. އޭނާ ޕާރުސަލް ހިފައިގެން ދިއުމުން ދެންވެސް އޭނާ އަތުވެއްޖެނަމަ ކާނެ އެއްޗެއް ދިނުމަށް ބުނީމެވެ.  

އެޙާލު އޭނާއަށް ޖެހެން މެދުވެރިވި ސަބަބެއް ނުއެނގެއެވެ. ކޮންމެއަކަސް އެފަދަ ނިކަމެތި ޙާލެއް އޭނާއަށް ޖެހުނީތީ ދެރަވެއެވެ. އެއީ އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރިވާން ނުއެދެވޭތީއެވެ.  

އަހަރެން ބުނަން ބޭނުންވަނީ ހަމަ އެކަކުވެސް އެއްވެސް އިންސާނަކަށް ދެރައެއް ނުދޭށެވެ. ކުށެއް ނެތި އަނބިން ވަރިކޮށްލައި އެއްލައިނުލާށެވެ! އެއަނިޔާވެރިކަން އެމީހަކާއި ބައްދަލުކުރާނީ ކޮން ވަގުތަކު ކޮން ގޮތަކަށްކަމެއް ނުއެނގޭނެއެވެ. އުޅެ ނިމި ދާންޖެހޭނީ ކޮން ޙާލެއްގައިކަމެއް ނުއެނގޭނެއެވެ. އަދި އަނިޔާ ލިބުނު މީހާއަށް ލައްވަވާނެ ރަޙްމަތެއްވެސް ނުއެގޭނެއެވެ.

 

- ފައުޒިއްޔާ ބޭގަމް / ފައިސަލް އާބާދު ، ޕާކިސްތާން

މިއަދު އޮންލައިން