ފިރިމީހާ އެނދުމަތިވި ދުވަހު ކުޑަ ދެދަރިންވެސް އެއްލާލައިފަ ދިއަ މަންމަ ނިކަމެތިވެ ޙާލުގަ ޖެހިގެން އެނބުރި އައުމުން މާމަދަރިން ބެލުމުގެ ވަޒިފާވެސް ނުލިބުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 20ސ
ފިރިމީހާ އެނދުމަތިވި ދުވަހު ކުޑަ ދެދަރިންވެސް އެއްލާލައިފަ ދިއަ މަންމަ ނިކަމެތިވެ ޙާލުގަ ޖެހިގެން އެނބުރި އައުމުން މާމަދަރިން ބެލުމުގެ ވަޒިފާވެސް ނުލިބުނު ޙާދިސާއެއްގެ ވާހަކަ-

އަބަދުވެސް ފާހަގަކުރާ ފަދައިން ގިނަ މައިންނަކީ އެމީހުންގެ ހުރިހާ އުފާތަކެއް ދަރިންނަށްޓަކައި ޤުރްބާންކުރާ ބައެކެވެ. ހުރިހާ އުފާތަކެއް ޤުރްބާންކުރުމުގެ އިތުރުން އެމީހުންގެ އަމިއްލަ ނަފްސްވެސް ޤުރްބާންކުރާ ބައެކެވެ. ނަމަވެސް ކިތަންމެ މަދުންނަމަވެސް މީގެ އިދިކޮޅު މައިންވެސް ތިބޭކަން ޤަބޫލުކުރަންޖެހެއެވެ.  

ތިރީގައި އެވަނީ ވަރަށް އަސަރުގަދަ ވާހަކައެކެވެ. ފިރިމީހާ ބަލިވެ އެނދުމަތިވުމުން 2 ދަރިންނާ ފިރިމީހާ ދޫކޮށްލާފައި ދިއަ އަންހެނަކު އެނބުރި އައުމުން ހަގުދަރިފުޅު ދިން ޖަވާބަކީ އަޑުއަހަން ފަސޭހަވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  

ދަތިޙާލަތެއް ކުރިމަތިވުމުން އެންމެ ބޮޑަށް އެހީތެރިވާންޖެހޭ މީހުންގެ އެހީތެރިކަން ނުލިބުމުން މާޔޫސްވެ ހިތާމަކުރެވޭނެ މިންވަރުވެސް އެނގެއެވެ. އެގޮތުން މައިމީހާގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ވަޤުތު އެހީތެރިކަން ނުލިބުމުން ކުރާނެ އަސަރުވެސް އިޙްޞާޞް ކުރެވެއެވެ. އެހެންކަމާއިއެކުވެސް ބުނެލަން އޮތީ މައިންބަފައިން ނުބައިކޮށް ކަމެއް ކުރިޔަސް ބަދަލުނުހިފާށެވެ! ބަދަލުހިފުމުން ލިބޭ ހިތްހަމަޖެހުމަށްވުރެ ބަދަލު ނުހިފުމުން ﷲ ތަޢާލާ ދެއްވަވާނެ ހިތްހަމަޖެހުން މާބޮޑުވާނެއެވެ.  

މިބާވަތުގެ ވާހަކަތައް ކިޔުންތެރިންނަށް ގެނެސްދިނުމުގެ ބޭނުމަކީ ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތްކުރުމެވެ. ނުވިސްނޭ މަދު ބައަކަށް ނަމަވެސް ހެޔޮ ވިސްނުން ލިބުން އެދިގެންނެވެ.  

ވާހަކަ ވިދާޅުވެލައްވާށެވެ!  

އެއިރު އަޅުގަނޑުގެ ޢުމުރަކީ 14 އަހަރެވެ. ހަގު އަންހެންކޮއްކޮގެ އުމުރަކީ 6 އަހަރެވެ. ކުއްލިއަކަށް ބައްޕަ ބަލިވީއެވެ. އެނދުން ނުތެދުވެވޭތާ މަހެއްހައިދުވަސްވީތަނާ މަންމަ ގެއިން ނުކުމެގެން ހިނގައްޖެއެވެ. ބުނެވެސް ނުލައެވެ. ބާއްވާފައި އޮތް ނޯޓުގައިވަނީ "މިބާވަތުގެ ދިރިއުޅުމެއް ނުއުޅެވޭނެތީ މިދަނީއެވެ. ސަބަބު ފަހުން އެނގޭނެއެވެ."  

އެހިސާބުން ސްކޫލަށް ދިއުން ނިމުނީއެވެ. ބެލެނިވެރިއަކަށްވީއެވެ. ކައިބޮއިހެދީ އަވަށްޓެރިންނަށް މަސައްކަތްކޮށްދީގެންނާއި މީހުންގެ އެހީތެރިކަމުގައެވެ. 2 އަހަރަށްފަހު ބައްޕަ ނިޔާވެއްޖެއެވެ. ދެން އުޅެންޖެހުނީ ކޮއްކޮ ގޮވައިގެންނެވެ.  

ނަޞީބަކުން ގޭކައިރީގައި ހުންނަ ހޮޓަލަކުން ވެއިޓަރެއްގެ ވަޒީފާ ލިބުނެވެ. މުސާރަލިބެންފެށުމުން ކޮއްކޮ ސްކޫލަށް ފޮނުވަން ފެށީމެވެ. ކޮއްކޮގެ މަންމައަކީވެސް ބައްޕައަކީވެސް އަޅުގަނޑެވެ. އަޅުގަނޑަށް ނުކިޔެވުނު ނަމަވެސް ކޮއްކޮއަށް ކިޔަވައިދޭން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރީމެވެ.  

ބައްޕަ ނިޔާވިތާ 2 އަހަރުފަހުން މަންމަ އައެވެ. ހުރީ ވަރަށް އަގުބޮޑު ފޭރާމުގައެވެ. ރަނުގެ ގަހަނާތައްވެސް އަޅައިގެންނެވެ. ބުނީ އުޅެނީ ވަރަށް ތަނަވަސް މީހަކާއި ކައިވެނިކޮށްގެން ކަމަށާއި މިއައީ ކޮއްކޮ ގެންދަންވެގެން ކަމަށެވެ. ކޮއްކޮއަށް ކިޔަވައިދޭނެ ކަމަށެވެ. އަޅުގަނޑަށްވެސް އެހީތެރިވެދޭނެ ކަމަށެވެ.

އެވަގުތު ޖަވާބުދިނީ ކޮއްކޮއެވެ. "ކިތަންމެ ބައިވަރު ކަންކަން ކޮށްދީ ކިތަންމެ ޢިއްޒަތުގައި ގެންގުޅޭނެ ކަމަށް ބުނި ނަމަވެސް ކަލެއާއިއެކުގައެއް ނުދާނަމެވެ. އަހަރެމެންނަށް ކަލޭގެ ބޭނުން އެންމެ ބޮޑަށް ޖެހުނު ވަގުތު އަހަރެމެން ދެބެއިންނާ ބައްޕަ އެއްލާލާފައި ދިއަ އަންހެނެއްގެ ހިތުގައި އަހަރެމެންނަށް އޮންނާނީ ކޮން ލޯތްބެއް ހެއްޔެވެ؟ ތިއައީ މަންމައެއް ކަމަށް ޤަބޫލުކުރަންވެސް ބޭނުމެއް ނޫނެވެ. ތިއަ އުޅޭ ތަނަވަސް ދިރިއުޅުމުގައި އުފަލުގައި އުޅެން އަވަހަށްދާށެވެ. މިހާރު މިއުޅޭ ޙާލުގައި އުޅުން އަހަރެމެންނަށް މާއުފާވެރިއެވެ."  

އަޅުގަނޑުގެ އުމުރުން 20 އަހަރުގައި ކައިވެނިކުރެވުނެވެ. ކައިވެނިކުރީ މަސައްކަތްކުރާ ރެސްޓޯރަންޓުގެ ވެރިމީހާގެ ދަރިފުޅާއިއެވެ. އަހަރެމެން ދިރިއުޅޭ ނިކަމެތި ޙާލުގައިވެސް އަޚްލާޤީ ގޮތުން ޤަދަރު ހިފަހައްޓައިގެން އުޅުނީތީ އޭނާގެ ހިތުގައި ލޯތްބާއި ރަޙުމް އުފެދުނީއެވެ.   

ކޮއްކޮވެސް ކިޔަވައިގެން މަސައްކަތްކުރަންފެށީ ހަމަ އެރެސްޓޯރަންޓްގައެވެ. ފިރިމީހާގެ ބައްޕަ ނިޔާވުމުން އެއިރު އެތަނަކީ ފިރިމީހާގެ ތަނެކެވެ. ވީމާ ތަންހިންގަނީ ޢާއިލާގެ ތަނެއްގެ ގޮތުގައެވެ. ލިބޭ އާމްދަނީވެސް ލިބެނީ ޙަމަ ޢާއިލާއަށެވެ.  

ކޮއްކޮވެސް ބޮޑުވެ ކައިވެނިކޮށް ކޮއްކޮއަށްވެސް ދަރިން ލިބުނު ފަހުން އަނެއްކާވެސް މަންމަ އައެވެ. ފިރިމީހާ ވަރިކޮށްފައި ގެއިން ބޭރުކޮށްލުމުންނެވެ. އެދުވަހުވެސް ގޮތް ނިންމީ ކޮއްކޮއެވެ. ކޮއްކޮ ބުނީ މުސްކުޅި އަންހެނުން ބަލަހައްޓައިދޭ ހޮސްޓެލަކަށް ދިއުމަށެވެ. ދިއުމަށްފަހު ދިއަ ހޮސްޓެލް އަނގައިލުމުން ތިއައީ 2 ބެއިން ވިހޭމީހާ ކަމަށްވާތީ އެތަނުގައި ހުރުމުގެ އަގު ދައްކައިދޭނެ ކަމަށެވެ. "ތިއަ ރަޙުމެއއް ނެތް އަންހެނާގެ ސިފަ ބެލުމުގެ ބާރު އަހަރެންގެ ލޮލަކު ނެތް! އަހަރެންނަށް ކަލޭ ފެންނަނީ "ވިޗެއް"ގެ ސިފައިގަ" ކަމަށްވެސް ބުންޏެވެ.

މަންމަ އެދުނީ މާމަދަރިން ބަލަން ގޭގައި ބައިންދައިދިނުމަށެވެ. ކޮއްކޮ ބުނީ އަމިއްލަ ދަރިން ނުބަލައި އެއްލައިލި އަންހެނަކު ލައްވައި މާމަދަރިން ބައްލުވަން ބޭނުންނުވާކަމަށެވެ. މަންމަ ގޭގައި ބައިންދަން އަޅުގަނޑު ބޭނުންވިއެވެ. ކޮއްކޮ އެންމެ ފަހުން ބުނި ބަސްތަކަށްވެސް ދެރަވިއެވެ. ނަމަވެސް ކޮއްކޮގެ ކުރިމަތީގައި ބަސްބުނާނެ ހިތްވަރެއް އަޅުގަނޑަކަށް ނުލިބުނެވެ. އެއީ މަންމަ ކަންކަންކުރި ގޮތުން އެންމެ ބޮޑަށް އަސަރުކުރީ ކޮއްކޮއަށް ކަމަށްވާތީއެވެ. އެންމެ ގިނައިން ރޮއިކަރުނައެޅީ ކޮއްކޮކަމަށްވާތީއެވެ.  

މިވާހަކިޔާފައި އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. މަންމަ ގެއިން ނުކުމެގެން ދިއުމުން އެދެބެއިން އުޅޭނެ ޙާލާއިމެދު ވިސްނައިލުމުން ރޮވުނެވެ. ދޮށީ ދަރިފުޅުގެ ހިތްވަރަށް ވަރަށް ބޮޑަށް ތަޢްރީފްވެސް ކުރެވުނެވެ.  

މަދުން ނަމަވެސް މިފަދަ ކަންކަން ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަހިނގައެވެ. ދަރިން އުކާލާފައި ގިނައިން ދަނީ ބައްޕައިން ނަމަވެސް ރަޙުމް ކުޑަ މައިންވެސް އެބައުޅެއެވެ. އެކަމުގެ ސަބަބުން ދަރިންނަށް ވަރަށް ނިކަމެތިޙާލުވެސް ޖެހެއެވެ.  

އަޅުގަނޑު އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކައިން ފައިދާކުރާނެ ކަމަށެވެ.

 

- ފަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން