އެއީ ކައިވެނިކޮށް ދަރިއަކުވެސް ލިބިފައިވާ މީހެކެވެ. މަސައްކަތްކުރަނީ ކުންފުންޏެއްގެ މެނޭޖަރުގެ މަޤާމުގައެވެ. ކައިވެނިކޮށްގެން ހުރިކަމާ ދަރިއަކު ލިބިފައިވާކަން ސިއްރުކޮށްގެން ހުރެ މަސައްކަތްކުރަމުން ދިއައީ ކުންފުނީގައި މަސައްކަތްކުރާ، ވެރިމީހާގެ ދައްތަ އަތުއަޅުވައިލުމަށެވެ.
އެކަމަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއްވެސް ލިބުނެވެ. ދެމީހުންގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މަޝްހޫރު ރެސްޓޯރަންޓެއްގައެވެ. ކާންފެށިތަނުން ފެނުނީ އަނބިމީހާ އާއި ދަރިފުޅު ވަދެގެން އަންނަތަނެވެ.
ފިރިމީހާ ފެނުމާއިއެކު އަނބިމީހާ ދަރިފުޅުގެ އަތުން ދޫކޮށްލިއެވެ. ދޫކޮށްލުމާއިއެކު ބައްޕާއެވެ. ގޮވަމުންގޮސް ބައްޕަގެ އުނގަށް ވަދެއްޖެއެވެ. އަނބިމީހާވެސް މަޑުމަޑުން އައިސް ފިރިމީހާގެ ގާތުގައި ހުއްޓުނެވެ. އައިރުޅީގައި ދަރިފުޅު ހޫރާލަން ބޭނުންވިއެވެ. އަނބިމީހާއަށް އެއްޗެތިގޮވަން ބޭނުންވިއެވެ.
މިހިނގާ ކަންކަން "ދައްތަ"އަށް ވިސްނެއެވެ. އެހެންވެ އަނގައިން ނުބުނެ އިނދެފައި ބުންޏެވެ. "ދެމައިން" އަވަހަށް އިށީންނާށެވެ! ކައި ރަނގަޅަށް ނުނިމެނީސް ބިލްގެނުވައި ބިލްދައްކާފައި ދައްތަ ނުކުމެގެންދިއައީއެވެ. ދަމުން ހަމައެކަނި ބުނެލިހައިވެސް ބަހަކީ ޢާއިލާއާއި ބައްދަލުކޮށްދިނީތީ ވަރަށް އުފާކުރަމެވެ.
ރެސްޓޯރަންޓަށް އަންނަން އެނގުނު ގޮތަކާއިބެހޭގޮތުން ސުވާލުކުރުމުން ބުނީ އޮފީހުގެ ފޯނުން ގުޅާފައި ދަރިފުޅު ގޮވައިގެން އަންނަން ފިރިމީހާ ބޭނުންވާކަމަށް ބުނީ ކަމަށެވެ. ނަންބަރު ބެލިއިރު އެއީ އެންމެން ބޭނުންކުރާ ނަންބަރަކަށްވުމުން ގުޅީ ކާކުކަން އެނގޭނެ ގޮތެއް ނުވިއެވެ.
ހެނދުނު އޮފީހަށް ދިއުމުން ރިސިޕްޝަނުން ދިނީ ސިޓީއެކެވެ. ވަޒީފާއިން ވަކިކުރީކަމަށާއި މިމަހުގެ މުސާރަ ޖަމާކޮށްފައިވާނެ ކަމަށެވެ. އެތެރެއަށް ވަދެ ކެބިނަށް ވަންނަން ބެލިއިރު ކެބިން ހުރީ ތަޅުލައިފައެވެ. ވެރިމީހާއާއި ބައްދަލުކުރަން މަސައްކަތްކުރުމުން ފުރުޞަތެއް ނުދިނެވެ.
އެނބުރި ގެއަށް ދިއުމުންވެސް ލިބުނީ ނޯޓެކެވެ. "ވަފާތެރި އަންތބެއްގެ ގޮތުގައި ހޭދަކުރި 5 އަހަރަށް އަގުލިބިއްޖެއެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ!" އަނބިމީހާއަށް ގުޅާގުޅައި ފޯނެއް ނުނެގިއެވެ. ނަގަންވީ ކީއްކުރަން ހެއްޔެވެ؟ އާދައިގެ ވަޒީފާއެއްގައި ހުއްޓައި އެމަޤާމް ހޯދައިދިނީ އަނބިމީހާގެ ބޭބެއެވެ. އެވަރުންވެސް ޝުކުރުވެރިވެ ރިވެތި އުޅުމެއް އުޅެން ނުއެނގުނީއެވެ. އަނބިމީހާ އެގޮތަށް ކަންތައް ކުރީ ބޭބެ ހުރިހާ ޒިންމާތަކެއް ނަގާނެ ކަމަށާއި އަވަހަށް އެނބުރި ގެއަށް އަންނަން ބުނީމައެވެ.
އަޅުގަނޑުގެ ބޭނުމަކީ ހެޔޮލަފާ އަނބިންނަށް ދެރަގޮތް ހަދައި ނިކަމެތިކުރާ ފިރިންނަށް ވިސްނައިދިނުމެވެ. ލިބޭ ނިޢުމަތަށް ޝުކުރުވެރިނުވާނަމަ އުފަލުގައި ނުއުޅެވޭނެކަން ވިސްނައިދިނުމެވެ.
- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް