ޢިބްރަތްތެރި ވާހަކަ: ކައިވެނި ރޫޅުމުން ލިބިފަ ތިބޭ ދަރިންނަށް އެކަމުގެ އަދަބުދެވޭކަން އެއީ ހެދޭ ވަރަށް ބޮޑު ގޯހެއްކަމާ ފަހުން ކަރުނައަޅަމްޖެހޭ ކަމެއްކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
ޢިބްރަތްތެރި ވާހަކަ: ކައިވެނި ރޫޅުމުން ލިބިފަ ތިބޭ ދަރިންނަށް އެކަމުގެ އަދަބުދެވޭކަން އެއީ ހެދޭ ވަރަށް ބޮޑު ގޯހެއްކަމާ ފަހުން ކަރުނައަޅަމްޖެހޭ ކަމެއްކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

ކައިވެނި ރޫޅެނީ ލިބިފައި ތިބި ދަރިންގެ ކުށަކުން ނޫނެވެ. ވީމާ އެކަމުގެ އަދަބު ދަރިންނަށް ދިނުމަކީ ކުރެވޭ އަނިޔާއެކެވެ. ބޮޑުފާފައެކެވެ. ނަމަވެސް އެކަންކަމަށް ވިސްނާނުލައި ބައެއް މީހުންނަށް އެބޮޑު ގޯސް ހެދެއެވެ.

މިކަމަކީ މަދުން ނަމަވެސް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ. އެންމެންގެ ސަމާލުކަންވެސް ބޭނުންވެފައިވާ މައްސަލައެކެވެ. ޢާއިލާގެ ތެރޭގައި މިފަދަ ކަމެއް ހިނގާނަމަ އެންމެން އެހީތެރިވެގެން ނަމަވެސް ހުއްޓުވަން އެބަޖެހެއެވެ. ލިބޭ އަނިޔާއިން ދަރިން ސަލާމަތްކުރަން މަސައްކަތްކުރަން އެބަޖެހެއެވެ.  

ވިސްނުންތެރިކަމާއިއެކު ވާހަކަވިދާޅުވެލައްވާށެވެ!  

އަޅުގަނޑު މިކިޔައިދެނީ އެމީހަކުދެކެ އަޅުގަނޑު އެންމެ ލޯބިވާ މީހާ،  އަޅުގަނޑުގެ މައިމީހާ  އަޅުގަނޑާއިމެދު ކަންތައްކުރި ގޮތެވެ. މިވާހަކަ މިކިޔައިދެނީ ވަރަށް އަސަރާއިއެކުގައެވެ.

އަޅުގަނޑުގެ ބައްޕަ، މަންމަ ވެރިކޮށްލާފައި ދިއައީ އަޅުގަނޑުގެ އުމުރުން 8 އަހަރުގައެވެ. އެވަގުތުން ފެށިގެން މަންމަ އަޅުގަނޑުދެކެ ރުޅިއަންނަން ފަށައިފިއެވެ. އެހައިތަނަށް ދުވަހަކުވެސް ނުބުނާފަދަ ބަސްތައް ބުނެ އަދި ކަންކަންވެސް ކުރަން ފަށައިފިއެވެ. މަންމަ ކަންކަންކުރާ ގޮތުންނާއި ބުނާ ބަސްތަކުން ހީވަނީ ބައްޕަ ދިއައީ އަޅުގަނޑު ބުނެގެންހެންނެވެ. އެކަމުގައި ކުށްވެރިއަކީ އަޅުގަނޑުހެންނެވެ.

އެފަދަ ޙާލެއްގައި އުޅޭތާ 2 އަހަރުފަހުން މަންމަ ދެވަނަ ކައިވެނިކޮށްފިއެވެ. ނަޞީބަކުން އޭނާވީ އަޅުގަނޑުދެކެ ލޯބިވާ ދޮންބައްޕައަކަށެވެ. އަޅުގަނޑަށް ހަދިޔާވެސް ގަނެދެއެވެ. ކުޅޭ އެއްޗެތިވެސ ގަނެއެވެ. އެކުގައި ވަގުތުވެސް ހޭދަކުރެއެވެ. ނަމަވެސް މަންމަގެ ޢަމަލުތަކަށް އެއްވެސް ބަދަލެއް ނާދެއެވެ.  

އެންމެ ދެރަވަނީ ކަލެއަކަށް ނުވެސް ކިޔެވޭނެއޭ ޖެހޭނީ ކުނިކަހަން ނޫނީ ބަސްތާ އުފުލަން އުޅޭށޭ ބުނާތީއެވެ. އެދުވަސްވަރު އަޅުގަޑު ފާސްވަނީވެސް ކިރިޔަކިރިޔާއެވެ. ކިޔަވާ ހިތެއް ނުވެސްވެއެވެ. އަބަދު ވިސްނެނީ މަންމަ ބުނާ ބަސްތަކަށެވެ. އެހެން އުޅެނިކޮށް އެފަހަރަކު 2 މާއްދާއަކުން ފޭލްވިއެވެ. އެއިރު އުމުރުން 12 އަހަރެވެ. އެދުވަހު މަންމަ ވަރަށް އެއްޗެތިގޮވާފައި އާދައިގެމަތިން ކަލެއަކަށް ނުވެސް ކިޔެވޭނެއޭ ކިޔާފައި އަޅުގަނޑު ގެއިން ނެރެލިއެވެ.

ދާނެ ތަނެއް ނެތުމުން މަގުމަތީގައި ރޯންހުއްޓާ ދޮންބައްޕަ ގެއަށް އައިސް އަޅުގަނޑު ގެއަށް ވެއްދިއެވެ. އެކަމާ ރުޅިއައިސްގެން ދޮންބައްޕައަށް ނުބައި އެއްޗެތިކިޔަން ފެށުމުން ރުޅިގަދަވެފައި ދޮންބައްޕަ މަންމަ ވަރިކުރިއެވެ. މަންމަ ގެއިން ނެރެލިއެވެ. އަޅުގަނޑު ގޭގައި ބެހެއްޓީއެވެ.  

ދޮންބައްޕަގެ ލޯތްބާއި އެހީތެރިކަމުގައި ކިޔަވަމުންގޮސް އޯލެވެލްގައިވެސް އަދި އޯލެވެލްގައިވެސް ރަނގަޅު ނަތީޖާއެއް ހޯދުނެވެ. ކޮލެޖުންވެސް ކިޔަވައި ނިމުނުތަނުން އަމިއްލަ ކުންފުންޏަކުން ރަނގަޅު ވަޒީފާއެއް ލިބުމުން ވަޒީފާއަދާކުރަންފެށިތަނާ ދޮންބައްޕަ ނިޔާވެއްޖެއެވެ. ދޮންބައްޕަގެ ދަރިއަކު ނެތުމުން ދޮންބައްޕަ ވަނީ ދޮންބައްޕަ ނިޔާވުމުން ދޮންބައްޕަގެ ގެ އަޅުގަނޑަށް ލިބޭނެ ގޮތް ހަދައިފައެވެ. އެހެންވެ މީހަކާ އިނދެގެން ދިރިއުޅުނީ އެގޭގައެވެ.  

ކައިވެންޏަށް 5 އަހަރުފުރި 2 ދަރިންވެސް ލިބުނުފަހުން އެއްދުވަހަކު މަންމަ އަޅުގަނޑު ހޯދަން އައެވެ. އެއިރު މަންމަގެ އުމުރުވަނީ 50 އަހަރުން މަތިވެފައެވެ. ހުރީ ބަލިކަށިވެފައެވެ. އަޅުގަނޑާއިމެދު ކަންކަން ކުރެވުނު ގޮތާއިމެދު ހިތާމަކޮށް މާފަށް އެދުނެވެ. މަންމަ ބުނީ ފަހުން ކައިވެނިކުރިމީހާވެސް މަންމަ ވަރިކޮށްލާފައި ހިނގައްޖެ ކަމަށާއި ބަލާނެ މީހަކު ނެތްކަމަށެވެ. އެހެންވެ ލަދުންހުރެވެސް އަޅުގަނޑުގެ އެހީތެރިކަމަށް އެދިގެން އައީ ކަމަށެވެ.  

މަންމަ އެދުނުފަދައިން އަޅުގަނޑު މަންމައަށް މާފުކުރީމެވެ. ވަރަށް ލޯބިން މަންމަ ގެންގުޅުނީމެވެ. މަންމަކުރި އެއްވެސް ކަމެއްގެ ވާހަކަވެސް ނުދައްކަމެވެ. އަޅުގަނޑު މަސައްކަތްކުރީ ލިބުނު ފުރުޞަތުގައި މަންމައަށް ޚިދުމަތްކުރެވޭތޯއެވެ. ސުވަރުގެ އެދިގެންނެވެ. މަންމަ ނިޔާވީ އަޅުގަނޑު މަންމައަށް ޚިދުމަތްކުރާތާ 12 އަހަރުފަހުންނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ މިވާހަކަ ޙިއްޞާމިކުރަނީ އެކަނިވެރި މައިންގެ ގޮތުގައި ތިބެގެންވެސް ވަރަށް ބުރަ އުފުލައިގެން ވަރަށް ލޯބިން ދަރިން ބަލަމުންގެންދާ މައިންގެ އަގުވަޒަންކުރަމުންނެވެ. އަދި ޢާންމުކޮށް ގިނަ މައިން ކޮށްދޭ ޚިދުމަތުގެ އަގުވަޒަންކުރަމުންނެވެ. އެހެންކަމާއިއެކުވެސް ބުނެލަން ބޭނުންވަނީ ފިރިމީހާ ދެކެ ކިތަންމެ ބޮޑަކަށް ލޯބިވީނަމަވެސް ވަރިކޮށްލާފައި ދިއުމުން ދަރިންނަށް ދެރަ ގޮތް ނުހަދާށެވެ. ބައްޕަ ނޫނީ މަންމަ ވަކިވާނީ ދަރިންގެ އެއްވެސް ދައުރެއް އެކަމުގައި އޮވެގެނެއް ނޫނެވެ. އެއްވެސް ދަރިއަކީ މަންމަ އާއި ބައްޕަ ވަކިވާން އެދޭނެ ކުއްޖެއެއް ނޫނެވެ. ބޭނުންވާނީ މަންމަ އާއި ބައްޕަ އާއި ދެމީހުންނާއިއެކު އުޅެ ބޮޑުވާށެވެ. ދެމީހުންގެވެސް ލޯބި ލިބިގެން ބޮޑުވާށެވެ.  

ނިންމާލަމުންވެސް ބުނެލަން ބޭނުންވަނީ މިއީ އެއްވެސް ޙާލެއްގައި ހުރިހާ މައިންނަށް ބުނި ބަހެއް ނޫނެވެ. ބަސް ރައްދުވުން ޙައްޤު މައިންނަށް ބުނި ބަހެކެވެ. އެއީ ވަރަށް މަދު މައިންކަން ޤަބޫލުކުރާ ޙާލުގައެވެ.

 

- އަޝްރަފް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން