ޢިބްރަތްތެރި ވާހަކަ: ޚިދުމަތުގަ ތެދުވެރިވުމުން ތަނަވަސްކަމާ ރަނގަޅު ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 40ސ
ޢިބްރަތްތެރި ވާހަކަ: ޚިދުމަތުގަ ތެދުވެރިވުމުން ތަނަވަސްކަމާ ރަނގަޅު ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

ހައްދުފަހަނައަލައިގެން މިއުޅެނީ ބޭވަފާތެރިކަން އެކަންޏެއް ނޫނެވެ. ފައިސާއަށް ދަހިވެތިކަން ބޮޑުވުމާ އަނިޔާވެރިކަންވެސް މިވަނީ އިންތިހާއަށް ހައްދުފަހަނައަޅައިފައެވެ. މިގެނެސްދެނީވެސް ޢިބްރަތަކަށް ފުދޭނެ ޙާދިސާއެއްގެ ވާހަކައެކެވެ. އިން ޝާ ﷲ  

އޭނާއަކީ ސިފައިންގެ މީހެކެވެ. ކައިވެނިކުރިތާ މަހެއްހައި ދުވަހުގެ ތެރޭގައި މަސައްކަތްކުރަން ބޭރު ޤައުމަކަށްދާންޖެހުނެވެ. އެޤައުމުގައި އަހަރުދުވަސްކޮށްފައި އެންބުރި އަންނަ ދުވަސް ގާތްވެފައިވަނިކޮށް 1 ހަފްތާ އަވަސްކޮށް އެނބުރި އައުދެވޭނެ ގޮތްވިއެވެ.  

ގެއަށް ދިއުމުން އަނބިމީހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ އަންނަން ހަމަޖެހިފައި އޮތް ދުވަހަށްވުރެ ކުރިން އައުމުންނެވެ. ވާންޖެހޭ ތައްޔާރީތައް ނުވެހުއްޓައި އައީތީއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. އެއިރު ބަނޑުބޮޑުވެ ބަނޑަށް 6 މަހެވެ. ވިހަން ކައިރިވަނީއެވެ.  

އެކަން އެނގުމުން ފިރިމީހާ ޝަކުވާތައްކުރާކަށް ނުހަދައެވެ. އެއީ އަނބިމީހާގެ ގެކަމަށްވުމުން ގެއިން ނުކުމެގެންދިއައީއެވެ. ކާރަށް އަރައި ދުއްވާލިތަނުން ކޮންޓްރޯލްނުވެ ގޮސް އެކްސިޑެންޓްވީއެވެ. އެކްސިޑެންޓްވެ ކޯމާއަށް ދިއައީއެވެ.  

ހޭއަރާނެ ކަމުގެ އުންމީދު ނެތްނަމަވެސް އޭނާގެ ޢާއިލާއިން ބޭނުންވީ މަރުވަންދެން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާކުރާށެވެ. ވެންޓިލޭޓަރުގައި އޮތް ދުވަސްތަކުގައި އޭނާއަށް ސަމާލުކަންދީގެން އޭނާގެ ކަންކަން ބެލެހައްޓަން ހޮސްޕިޓަލުން ޙަވާލުކުރި ނަރުސް ކުއްޖާގެ ހިތުގައި އޭނާގެ މައްޗަށް ހަމްދަރުދީ އުފެދި ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދިނެވެ. އެނަރުސްކުއްޖާއަކީ އޭނާ ބަލަހައްޓާ ހުރިހާ ބަލިމީހުންނަށްވެސް ވަރަށް ރަނގަޅަށް ޚިދުމަތްކޮށްދޭ ކުއްޖެކެވެ. އެއިގެ އިތުރުންވެސް އެބަލިމީހާއަށް ނަރުސް ކުއްޖާ އެތައް ޚިދުމަތެއް ކުރިއެވެ.  

ކޮންމެއަކަސް ތަޤްދީރުގައި ވާންހުރިކަމެއް ވާނެތީ ބަލިމިހާ ހޭއަރައިފިއެވެ. އެކަންވީ ޑޮކްޓަރުންނަށްވެސް ޙައިރާންކަން ލިބުނު ކަމަކަށެވެ. އެއީ ހޭއަރާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް މީހަކު ހޭއެރުމުންނެވެ. 

ހޭއަރައި ހަމަޖެހުމުން އާދައިގެމަތިން އޭނާ ކަންކަން ހަނދާންހުރިވަރު ބަލަން ޑޮކްޓަރު ކުރި ސުވާލުތަކުގެ ތެރެއިން އެނގުނު އެއްކަމަކީ ވަރަށް ގިނަ ޢަދަދެއްގެ ފައިސާ އޭނާގެ އެކައުންޓުގައި އެބަހުރިކަމެވެ. އެކަން އެނގުމާއިއެކު ޑޮކްޓަރު އެކަން އޭނާގެ އަނބިމީހާއަށް އަންގައިފިއެވެ.  

އެހިސާބުން ޑޮކްޓަރާއި އޭނާގެ އަނބިމީހާ ގުޅި އޭނާ މަރާލަން ރޭވިއެވެ. މަރާލާނެ ގޮތްވެސް ކަނޑައެޅިއެވެ. ޑޮކްޓަރު ބުންޏެވެ. "ހަކުރުބަލި ނެތް މީހެއްގެ ހަށިގަނޑަށް އިންސުލިންގެ ވަރުގަދަ ޑޯޒެއް ފޮނުވައިލެވިއްޖެނަމަ ކޯމާއަކަށްދާނެއެވެ. އައިވީގެ ތެރެއަށް އަޅައިގެން ފޮނުވާލީމާ އިންޖެކްޝަން ޖެހި ފާހަގައެއްވެސް ނުހުންނާނެއެވެ. ކޯމާއަށް ދިއައިމާ އެކަންތައް ވަރަށް ފަސޭހައިން ނިންމައިލެވިދާނެއެވެ." މަރާލެވުމުން ފައިސާތައް ދެމީހުންގެ މެދުގައި އެއްވަރަށް ބަހަންވެސް ނިންމިއެވެ.  

އަނބިމީހާ ބޭނުންވީ އޭނާގެ ޙާޒިރުގައި އެކަންކުރާށެވެ. އެހެންވެ އަނބިމީހާ އެތަނުގައި ހުއްޓައި ޑޮކްޓަރު އިންސިޔުލިން ސިރިންޖް ހިފައިގެން ކޮޓަރިއަށްވަދެ އައިވީއަށް ޖަހަން އުޅެމުން ބަލިމީހާއަށް ބުންޏެވެ. "މިއިންޖެކްޝަން ޖެހީމަ ހަނދާނުން މިހާރު ނެތިގެން އެއުޅޭބައި އަނބުރާ ލިބުން އަވަސްވާނެއެވެ."  

އެވަޤުތު ނަރުސްކުއްޖާ އެކަމަށް ހުރަސް އަޅައި އައިވީ ބްލޮކްކޮށްލިއެވެ. ޑޮކްޓަރަށް ލިބުނު ޙައިރާންކަމުގައި އެނބުރި ބަލައިލިއިރު 4 ފުލުހުން ވަދެ ދުރުގައި ބަލަހައްޓައިގެން ތިއްބެވެ. ނަރުސް ކުއްޖާ ބުންޏެވެ. "ރެޑްހޭންޑްކުރަން ބޭނުންނަމަ އޭނާގެ އަތުގައި އެއޮތް ސިރިންޖް އަތުލާށެވެ. އެއީ އިންސިޔުލިންއެވެ."  

ހިސާބުން ފުލުހުން އޭނާގެ އަތުން ސިރިންޖް އަތުލައި ބިޑިއަޅުވައި އަދި އަނބިމީހާގެ އަތުގައިވެސް ބިޑިއަޅުވައިގެން ގޮވައިިގެންދިއައީއެވެ.  

މިކަން މިގޮތަށްވުމަށް މެދުވެރިވި ސަބަބަކީ ނަރުސް ކުއްޖާއަށް ޑޮކްޓަރާއި ބަލިމީހާގެ އަނބިމީހާ އާއި ދެމެދުގައި ނުސީދާ ގުޅުމެއް އޮންނަކަން ފާހަގަކުރެވިގެން ފާރަލަމުންގޮސް ޑޮކްޓަރުގެ ކޮޓަރީގައި ފިލައި އިނދެ ޑޮކްޓަރާއި އަނބިމީހާ ކުރި މަޝްވަރާތައް ވީޑިއޯކޮށްފައި އެތަނުގައި އިނދެގެން ފުލުހުންނަށް ފޮނުވީއެވެ.  

ނަރުސްކުއްޖާ ކުރި އެމަސައްކަތަށް 2 އިނާމު ލިބުނެވެ. 1 އިނާމަކީ ފުލުހުން އޭނާއަށް ދިން ގިނަ ޢަދަދެއްގެ ފައިސާގެ އިނާމެވެ. 2 ވަނަ އިނާމަކީ ބަލިމީހާ ގަދަވެގެން ނަރުސްކުއްޖާ އާއި ކައިވެނިކުރުމެވެ.  

މިއީ އަޅުގަނޑު ބެލި ކުރު ވީޑިއޯއެއްގެ ވަރަށް ކުރުކުރު ޚުލާޞާއެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅައިލުމުގެ ބޭނުމަކީ ދުނިޔޭގައި މިއަދު ކަންކަން ހިނގަމުންދާ ގޮތް ހާމަކުރުމެވެ. ބައިވެރިޔާ ދެކެ ލޯބިވެވޭ މިންވަރާއި ބައިވެރިޔާއަށް ވަފާތެރިވެވޭ މިންވަރު ހާމަކުރުމެވެ.  

ހަމައެއާއިއެކު ކޮންމެ ވަޒީފާއެއް އަދާކުރިނަމަވެސް ތެދުވެރިކަމާއިއެކު ވަޒީފާ އަދާކުރާނަމަ ލައްވަވާ ރަޙްމަތް ވަރަށް ބޮޑުވާނެކަންވެސް ހާމަކުރުމެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ވާހައިން ކޮންމެވެސް ފައިދާއެއް ޙާޞިލްވާނެކަމަށާއި ޢިބްރަތެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ.

 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން