ބައެއް މީހުންނަށް ވިސްނެނީ މީހުން އެސްފީނާލާނީ ރީތި ޒުވާނުންނަށް ކަމަށެވެ. ނުވަތަ ތަނަވަސްކަމަށް ކަމަށެވެ. ނަމަވެސް މިއީ ކުރެވޭ ކުށްހީއެކެވެ. ކިތަންމެ ކުޑަކުއްޖަކަށްވެސް އެސްފީނާލައިފާނެއެވެ. އެއްވެސް މީހެއްގެ ހިތަކީ އެނގޭނެ އެއްޗެއް ނޫނެވެ.
ވަރަށް ފަހުން މިފަދަ މައްސަލައެއް ދިމާވެ ރުޤްޔާކުރަންޖެހުނު 2 އަހަރުގެ ކުޑަކުއްޖެއްގެ މައްސަލަ ނިމިގެންދިއައިރު އެކުއްޖާއަށް އެސްފީނާލައިފައިވަނީ އޭނާގެ ދަރިފުޅަށްވުރެ ދޮންވުމުންނެވެ. މިހުރީ މިއަދު މިކަންކަން ހުރި ގޮތެވެ.
އެސްފީނާއަށް ސަމާލުކަންދެއްވާށެވެ! އެންމެންނަށް ފެންނަ ގޮތަށް ސޯޝަލްމީޑިއާގައި ކުޑަކުދިންގެ ފޮޓޯތައްވެސް ހާމަނުކުރާށެވެ. ތިރީގައިވާ ޙާދިސާޢަކީވެސް ވިސްނަވައިލެއްވުން މުހިންމު ޙާދިސާއެކެވެ.
މިއީ އަޅުގަނޑަށް ދިމާވި ކަމެކެވެ. އެސްފީނަ އަކީ ހަގީގަތެއް ކަމަށް ގަބޫލު ކުރެވުނަސް މީގެ ކުރިން އެކަމަކީ އަޅުގަނޑު މާ ބޮޑަށް ފިކުރު ހިންގާ ކަންކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑުގެ ވިސްނުން ބަދަލުކޮށްލީ އަޅުގަނޑަށް ދިމާވި މިހާދިސާއެވެ. އަޅުގަނޑުގެ ދަރިފުޅަށް ވީ އެންމެ 6 މަހެވެ. ދަރިފުޅުގެ މޫނު ނުފެންނާނެ ގޮތަށް ސޯޝަލް މީޑިއާގައި ދަރިފުޅުގެ ފޮޓޯތައް ހިއްސާ ކުރަމެވެ. އެކަން އެ ގޮތަށް ނުކުރުމަށް ގިނަ ބަޔަކު ނަސޭހަތްތެރިވެސް ވިއެވެ. ނަމަވެސް އަޅުގަނޑު ގަބޫލު ކުރި ގޮތުގައި މޫނު ނުފެންނާނެ ހެން ފޮޓޯ ލުމަކުން އެސްފީނާ އެއް ނުޖެހޭނެއެވެ. އަޅުގަނޑުގެ ދަރިފުޅަކީ އާއްމުކޮށްވެސް އެހާ ރޯ ކުއްޖެއް ނޫނެވެ. ވަރަށް ބޮޑަށް ނިދި އައިސްގެން ނޫނީ ބަނޑުހައިވުމުން ނޫނީ ނުރޯނެއެވެ. ނަމަވެސް އެއް ރެއެއްގެ ވަގުތު ދަރިފުޅު ނިންދަވަން އުޅުމުން ވަރަށް ބާރަށް ރޯންފެށިއެވެ. ހީވީ ބޮޑު އަނިޔާއެއް ވެގެން ރޯންފެށީ ހެންނެވެ. އެއްގޮތަކަށްވެސް ވީ ކިހިނެއް ކަމެއް ނޭނގުނެވެ. މުޅި ކުއްޖާ ވަރުބަލި ވީއިރު ވެސް އެއްވެސް މީހަކަށް ދަރިފުޅުގެ ރުއިމެއް ނުހުއްޓުވުނެވެ. ދަރިފުޅަށް ނިދުނީ ބަޤަރާ ސޫރަތް ޖެހުމުން އޭގެ އިރުކޮޅެއް ފަހުންނެވެ. ދެން ދިމާވި އަނެއް ކަމަކީ ޖެހިގެން އައި ދުވަހު ގާތުންދޭން އުޅުމުން ވެސް ދަރިފުޅު ނުބުއިމެވެ. އަޅުގަނޑުގެ ދަރިފުޅަކީ ހަމަސް ވީއިރު ވެސް އެފަދަ ގޮތެއް މެދުވެރިވި ކުއްޖެއް ނޫނެވެ. އެދުވަހު ދޭން ޖެހުނީ ގަދަކަމުންނެވެ. ރޮވޭ ވަރުން ދެވުނީ ވެސް ކުޑަކޮށް (މަދުން)ނެވެ. އެ ދުވަހު އެއްކޮށް ދަރިފުޅު އޮންނަނީ ބޮޑާ ހާކާފައެވެ. އެއީ ކުރިން އަޅުގަނޑުގެ ދަރިފުޅުގެ ފަރާތުން ފެނުނު ކަންކަމެއް ނޫނެވެ. އަޅުގަނޑުގެ ދަރިފުޅަކީ ރަނގަޅަށް ގާތުން ބޮމުން އަންނަ ކުއްޖެކެވެ. ނަމަވެސް މިކަމެއް ވީފަހުން ގާތުން ވެސް ނުބޮއެވެ. މިފަދަ ގޮތަކަށް ދެ ދުވަސް ވޭތުކުރީމެވެ. ފިރިމީހާގެ އެދުމުގެ މަތިން ފޭސްބުކާއި އިންސްޓަގްރާމްގައި ހުރި ދަރިފުޅުގެ ހުރިހާ ފޮޓޯއެއް ޑިލީޓް ކުރީމެވެ. އަދި ދަރިފުޅަށް ކުރިއަށް ވުރެ ގިނައިން ބަޤަރާ ސޫރަތް އަޑު އިއްވާ، ހެނދުނާ ހަވީރުގެ ޒިކުރުތައްކޮށް ގަޔަށް ފުމެންފެށީމެވެ. ދަރިފުޅު ކުރީގެ އުޅުމަށް ރުޖޫޢަވީ އެގޮތަށް ކަން ކުރާތާ 3 ދުވަސް ފަހުންނެވެ. ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ އެސްފީނާ އަކީ ހަގީގަތެއް ކަމެވެ. އަދި މޫނު ނުދައްކާ ފޮޓޯ ލުމަކުން އެސްފީނާ ނުޖެހޭނެކަމަށް ނުވިސްނާށެވެ. ހަގީގަތަކީ އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ތެރޭގައިވެސް ހަސަދަވެރިން ގިނަކަމެވެ. ތިމާގެ ދިރިއުޅުމުގެ ކަންކަން އެންމެ ގާތް މީހާއަށްވެސް ސިއްރުކޮށްފައި ބާއްވާށެވެ.
(މިވާހަކަ ޙިއްޞާކޮށްފައި އެވަނީ ކިޔުންތެރިޔާ ފޮނުއްވި ގޮތަށް، ކިޔުންތެރިޔާ ލިޔުއްވާފައިވާ ގޮތަށެވެ.)