އެއީ 10 އަހަރުން ދަށުގެ 2 އަންހެން ދަރިން ބަލަމުން އައި އެކަނިވެރިމައެކެވެ. ތަނަވަސް އަންހެނެއް ނޫނެވެ. ނަމަވެސް އޭނާކުރާ މަސައްކަތުން މީހުންނަށް ސަލާން ނުޖަހައި އުޅެވެއެވެ.
އަވަށްޓެރި ދެމަފިރިއަކު ވަރަށް ގާތްގާތުގައި މަރުވިއެވެ. މަރުވިއިރު އެދެމަފިރިންގެ 3 އަންހެން ދަރިން ތިބެއެވެ. އެއީ އަންހެންދަރިންކަމަށްވުމުން އެކުދިން ބެލުމާއި ޙަވާލުވާނެ މީހަކު ނުވިއެވެ. އަވަށްޓެރިންގެ އިތުރުން ދެކުދިންގެ މައިންބަފައިންގެ ޢާއިލާގެ މީހަކުވެސް ޙަވާލުނުވީއެވެ.
ބައެއް މީހުން ކުދިންނަށް ކާންދީ ޙާލުބަލަން ބޭނުންވިއެވެ. ނަމަވެސް ގެއަށްގެންގޮސްގެން ގެންގުޅޭކަށް ބޭނުމެއް ނުވިއެވެ. އަންހެން މީހާއަށް އެކަންވީ ވަރަށް ބޮޑު ކަމަކަށެވެ. އެހެންވެ ހުރިހާ ކަމެއް މާތް ﷲ އަށް ވަކީލްކޮށް 3 ކުދިން ބެލުމާއި ޙަވާލުވިއެވެ.
3 ކުދިންނާއި ޙަވާލުވެ 5 ކުދިން ބަލަން ފެށުމުން އަތްމަތި ވަރަށް ދަތިވިއެވެ. މީހުން ފާޑުކިޔަން ފެށިއެވެ. ނަމަވެސް އޭނާ ގޮތުގައި ހިފެހެއްޓިއެވެ. ލިބޭ ނިކަމެތިކަމެއް ލިބެންޖެހޭނީ 5 ދަރިންނަށް އެކުގައިކަމަށް ޤަބޫލުކޮށް ޢޭނާއައީ ހުރިހާ ކުދިންގެ މެދުގައި ހަމަހަމަކުރަމުންނެވެ. ކާއެތިކޮޅުވެސް ބަހަނީ ހަމަހަމައަށެވެ.
ދުވަސްކޮޅަކު ވަރަށް ދަތިޙާލުގައި އުޅުނުތަނާ އަވަށުގެ ރަނގަޅު މީހަކު އޭނާއާއި ކައިވެނިކުރަން ބޭނުންވުމުން ބުނީ 5 ދަރިން ބަލައިދޭނެނަމަ ކައިވެނިކޮށްފާނެ ކަމަށެވެ. އެކަން އޭނާ ޤަބޫލުކުރުމުން ކައިވެނިކުރީއެވެ. އެއީވެސް ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ކާންބޯންދީ އަސާސީ ކަންކަން ކޮށދެވޭވަރުވެއެވެ. އެކަން އޭނާކޮށްދިނެވެ. ސްކޫލަށްވެސް ފޮނުވައިދިނެވެ.
ގްރޭޑް 10 އެންމެ މަތީފެންވަރުގައި ނިންމި 10 ކުދިންގެތެރޭގައި އޭނާ ބަލައިދޭ 3 ކުދިން ހިމެނި މަތީޘާނަވީއަށް ސްކޯލާޝިޕް ލިބުނެވެ. އަދި މަތީޘާނަވީ ނިންމުމުން މަތީ ތަޢްލީމް ޙާޞިލުކުރަންވެސް ސްކޯލާޝިޕް ލިބުނެވެ. އޭނާގެ އަމިއްލަ ދެދަރިންނަށް އެފުރުޞަތު ނުލިބުމަކުން ދެރައެއްވެސް ނުވެއެވެ. އޭނާ ދެކެނީ އެ 3 ކުދިންނަކީވެސް އަމިއްލަ ކުދިންގެ ގޮތުގައިކަމަށްވާތީއެވެ.
3 ކުދިން ކިޔަވާނިންމައި ރަނގަޅު ވަޒީފާއަދާކުރަންފެށުމުން އޭނާހުރީ ވަރަށް އުފަލުންނެވެ. އޭނާގެ 2 ދަރިންނާއި އެ3 ބެއިންނާއި 5 ކުދިންވެސް މުސާރަގެނެސްދެނީ އޭނާގެ އަތަށެވެ. ފައިށާދިނުމުން އެއިން ނަގަނީ ގޭގެ ޚަރަދަށް ކިރިޔާ ފުދޭވަރަށެވެ. ފިރިމީހާއަށް ކޮށްނުދެވޭ ކަންކަން ކުރާނެ ވަރަށެވެ. ދެން ކޮށްދެނީ ކުދިންނަށް ބޭނުންވާ ކަންކަމެވެ. ބާކީވާ ފައިސާލަނީ އެކުއްޖެއްގެ އެކައުންޓަށެވެ.
އަންހެންމީހާގެ ޢުމުރުން 50 އަހަރު ފުރުނު ދުވަހު 3 ބެއިންއެދުނީ އެރޭ އެންމެން ކެއުމަކަށް ދިއުމަށެވެ. ކެއުމަށް ގެންދިއައީ ރެސްޓޯރަންޓަކަށް ނޫނެވެ. ރަނގަޅު ފެންވަރުގެ ގެއަކަށެވެ. ގޭގައި ހުރީ ކާންހަދައިފައެވެ. 2 ނޯކަރުންވެސް ތިއްބެވެ. ކައިނިމި ހަމަޖެހިލެވުމުން ސިޓީންގ ރޫމްގައި ތިބެފައި 3 ބެއިންގެ ތެރެއިން އެއްކުއްޖަކު ދިއްކޮށްލީ ކާރެއްގެ ތަޅުދަނޑިއެވެ. "މަންމާއެވެ. މިއޮތީ ތިއައައިރު އަގުބޮޑުވެ ރީތިވެގެން މަންމަ އުޅުނު ކާރުގެ ތަޅުދަނޑިއެވެ. އެއީ މިހާރު މަންމަގެ ކާރެވެ. މިގެއިން ދާނެ ކަމެއް ނެތެވެ. ދެން އަހުރެމެން އުޅޭނީ މިގޭގައެވެ. ގެ ގަނެފައި އެހުރީ މަންމަގެ ނަމުގައެވެ. ގޭގެ މަސައްކަތް ކުރާނެކަމެއް ނެތެވެ. އެތިބީ 2 ނޯކަރުންނެވެ. ކައްކައި ކާންވެސް ދޭނެއެވެ. މަންމައަށް ދެން އޮތީ އަޅުކަންކުރުމާއި ބައްޕައާއިއެކު އުފަލުގައި އިނުމެވެ."
މަންމައަށް އަޑުގަދަކޮށް ބުނެވުނެވެ. "އަހަރެން ތިއަ 3 ބެއިން ބެލީ މިހާބޮޑު މުއްސަނދިކަމަކަށް އެދިގެނެއް ނޫނެވެ. އެކަންކުރީ ﷲ އަށްޓަކައެވެ." 3 ބެއިން ބުނީ މިއީ އެހެންވެ މަންމައަށް ﷲ ދެއްވެވި ހަދިޔާއެއް ކަމަށް ޤަބޫލުކުރާށެވެ. މިގޭގައި އުޅޭނީ އެންމެން އެކުގައެވެ. އަހުރެމެން 3 ބެއިން ދުވަހަކުވެސް 2 އުޅޚުތުންނާއި މަންމައާއި ބައްޕައާއި ވަކިވާކަށް ބޭނުމެއް ނޫނެވެ."
އަންހެން ދަރިން ލިބުމުންވެސް ގިނަ ބައަކު ކަންބޮޑުވެއެވެ. ކިތަންމެ ގާތް މީހެއްގެ ނަމަވެސް އަންހެންކުއްޖަކު ބަލަންވެއްޖެނަމަ ކަންބޮޑުވެއެވެ. ގިނަފަހަރު ބެލިނަމަވެސް އޮންނަނީ ކޮންމެވެސް ކަތިމަގަކުން ކަންކަން ކުރެވިފައެވެ. އެފަދަ މީހުންނަށް މިޙާދިސާ ޢިބްރަތަކަށް ފުދޭނެ ކަމަށް ހީކުރަމެވެ. އެމީހުން ނުބެލި އަވަށްޓެރިންނަށް ޚާއްޞަކޮށް ވާރުތަވެރިންނަށް ކޮންފަދަ ބޮޑު ފިލާވަޅެއް ހެއްޔެވެ؟
- މިއަދުނޫސް
- ޢިބްރަތްތެރި ވާހަކަ