ޢިބްރަތްތެރި ވާހަކަ: މުސްލިމް ޖިންނިއަކު މަގުދައްކައި ހޭލުންތެރިކުރުވައިދިން ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
ޢިބްރަތްތެރި ވާހަކަ: މުސްލިމް ޖިންނިއަކު މަގުދައްކައި ހޭލުންތެރިކުރުވައިދިން ޒުވާނެއްގެ ވާހަކަ-

އަތްވީއްލައި އެއްޗެތި އުކުން ފަދަ ކަންކަން ނުކުރަން އޮތް އެއް ސަބަބަކީ އެއިން އެއްޗެއް ޖިންނިއެއްގަ ޖެހިދާނެތީއެވެ. ކާފިރު ޖިންނިއެއްގެ ގައިގައި ޖެހިއްޖެނަމަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. ކިތަންމެ ބޮޑު ގެއްލުމެއްވެސް ދީފާނެއެވެ.  

ޖިންނިންގެ ތެރޭގައި ދެބާވަތެއްގެ ޖިންނި ހިމެނެއެވެ. ކާފިރު ޖިންނި އާއި މުއްމިން ޖިންނިއެވެ. މިއީ ޤުރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އޮތްކަމެކެވެ. ވީމާ މުއްމިން ޖިންނީގެ ސަބަބުން ބައެއް މީހުންނަށް ވަރަށް ރަނގަޅު ގޮތްތައް މެދުވެރިވެފައިވެސް އެބަ ހުއްޓެވެ.  

އެއީ ވަރަށް ރަނގަޅަށް އުޅެމުން އައި ޒުވާނެކެވެ. އޭނާއަށް ލޯބިވެވުނު އަންހެނަކު ތަކުރާރުކޮށް އޭނާއަށް ދަޢުވަތުދޭން ފެށުމުން ޖަޒްބާތުގައި ޖެހި އެއްރޭ ދަންވަރު އެގެއަށް ދިއުމުގެ ނިޔަތުގައި ގެއިން ނުކުތެވެ. ތަންކޮޅަކަށް ދެވުނުތަނާ ވާނުވާއެއް ނުއެނގުނެވެ. ކިތަންމެ ބާރަށް ހިނގިނަމަވެސް ކުރިއަކަށް ނުދެވެއެވެ. ހިނގަހިނގާފައި ބަލައިލެވޭއިރު ހުރެވެނީ ހަމަ ހުރިތަނުގައެވެ.  

އެންމެފަހުން ދެން ހަދާނެ ގޮތެއް ނުވިސްނުމުން އެނބުރި ގެއަށްދާން ހިނގައިގަތުމުން ކުރިއަށް ދެވި ގެއަށް ވަދެވުނެވެ. އޭނާއަކަށް އެއްވެސް މީހެއްވެސް އެއްޗެއްވެސް ނުފެނެއެވެ. ވީމާ ސަބަބެއް ނުއެނގުނެވެ. ނަމަވެސް މިބާވަތުގެ ކަންކަން ގިނައިން މެދުވެރިވަނީ މުސްލިމް ޖިންނިގެ ސަބަބުންކަމަށް ކުރީޒަމާނުގެ މީހުން ބުނެފައި އެބަހުއްޓެވެ.  

ދެން ތިރީގައިވާ ވާހަކަވެސް ވިދާޅުވެލައްވާށެވެ!   

އަޅުގަނޑަކީ ޒުވާން އުމުރުގައި ދީނުގެ ކަންކަމަށް އެހައި ބޮޑަށް ސަމާލުކަން ދެވުނު މީހެއް ނޫނެވެ. މިސްކިތަށް އަރައި އުޅެވެނީވެސް ހިތަށް އެރިފަހަރަކުއެވެ. ހުކުރަށްވެސް ޤަވާއިދަކުން ނުދެވެއެވެ.  

ނަމަވެސް ދީނުގެ ކަންކަމަށް އަބަދުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ބޭނުންވެއެވެ. އަޅުގަނޑުގެ ފަރުވާކުޑަކަމުންނާއި އެކުގައި އުޅޭ މީހުން ސަމާލުކަން ނުދޭތީ ނުދެވެނީއެވެ. ކޮންމެހެން އެމީހުންވެސް ކުށްވެރިކުރާކަށް ނެތީމެވެ. އެމީހުންނާއިއެކުގައި އުޅެވުނުކަން އެއީ ހަމަ އަޅުގަނޑުގެ ކުށްވީމައެވެ.

އެއިރު އަޅުގަނޑުގެ އުމުރުން ވާނީ 25 ވަރަކަށް އަހަރެވެ. އެއީ ރަމަޟާން މަހަށް ހަނދުބެލި ރެއެކެވެ. ހަނދުބަލަން މުސްކުޅިންނާއި ބައެއް ޒުވާނުން އަތިރިމަތީގައި އުޅެފައި އެންމެން އެއްގަމަށް ދިއަ ވަގުތެވެ. އެމީހުން އެދިއައީ ޢިޝާނަމާދަށެވެ. ނަމަވެސް އަޅުގަނޑަށް އަތިރިމަތީ ހޮޅުއަށީގައި ޖައްސައިލެވުނީއެވެ. ކުޑަކޮށް ނިދިވެސް ޖެހުނެވެ. ހޭލެވުނީ މީހަކު އަޅުގަނޑުގެ ނަމުން ގޮވާއަޑަށެވެ.  

ތެދުވެ އިށިނދެފައި ބަލައިލިއިރު ކުރިމަތީގައި ތަންންކޮޅެއް ބޮޑު އާދައާޚިލާފަށް އިސްކޮޅުން ދިގު މީހަކު ހެއްޓެވެ. ފުރަތަމަ ބިރެއް ނުގަނެއެވެ. ނަމަވެސް އޭނާގެ ދެފައި ބިންމަތީގައި ނުޖެހޭކަން އެނގުމުން ވަރަށް ބޮޑަށް ބިރުގަތެވެ. ހެޔޮ އެއްޗެއް ކިޔޭތޯ އުޅެއުޅެ ހަނދާނަކަށް ނައެވެ. ﷲއަކްބަރު ކިޔަން އުޅެގެން ދޫ ޙަރަކާތެއް ނުކުރިއެވެ.  

އޭނާ މަގުންލާފައި އެއްގަމަށް ހިނގައިގަތުމުން އަޅުގަނޑަށްވެސް ފަހަތުން ހިނގައިގަނެވިއްޖެއެވެ. އޭނާ ގޮސް ހުއްޓުނީ މިސްކިތަށް ވަންނަ ދޮރު ކުރިމައްޗަށެވެ. ހއްޓި ބަލަން ހުއްޓާ އޭނާގެ ގައިގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ. އެތައް އިރެއްވަންދެން އަނދާފައި އަލިފާންގަނޑު ނިވުނުއިރުވެސް އޭނާގެ ގައަށް އެއްވެސް ކަމެއް ނުވެއެވެ. ދެން އޭނާ ގެއްލުނީއެވެ.  

އެއީ ރަށުގައި ކަރަންޓް ލުމުގެ މާކުރިއެވެ. އެހެންވެ މީހަކުވެސް އެ ހިސާބަކުން ނުފެނެއެވެ. އަޅުގަނޑު ބާރަށް ހިނގާފައި ގޮސް ވަޅުން ވުޟޫކޮށްލައިގެން މިސްކިތަށް އެރީމެވެ. ނަމާދުކޮށް ނިމިގެން އިރުކޮޅަކު މަޑުކޮށްލާފައި ފައިބާ ފުރަތަމަވެސް ބަލައިލެވުނީ އެމީހާ ފެނޭތޯއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ގެއަށްދިއަތަނާ ރެޑިއޯއިން ގޮވީ އެރޭ އެއްވެސް ޤައުމަކަށް ހަނދު ނުފެންނާތީ ރޯދަ ދުވަހަކީ އަނެއްދުވަސް ކަމަށެވެ.  

ކޮންމެއަކަސް އެއިގެ ފަހަކުން ދުވަހަކުވެސް ނަމާދެއް ނާޅަމެވެ. މަހަށް ނުގޮސް ރަށުގައި ހުރިނަމަ ޖަމާޢަތަށް ނަމާދަށް ދަމެވެ. ފުރަތަމަކޮޅު މަހުން އާދެވުމާއިއެކު ނުކުރެވި ހުންނަ ނަމާދު ޤަޟާ ކުރަމެވެ. ނަމަވެސް ފަހުން ރަނގަޅު ގޮތަކީ ވަގުތު ޖެހުމުން ދޯނިމަތީގައި ނަމާދުކުރުންކަން އެނގުމުން ދޯނިމަތީގައި ނަމާދުކުރަންފެށީއެވެ.  

އެއިގެފަހުން އައި ބައެއް ބަދަލުވެސް ކިޔައިދޭނަމެވެ. ކުރިން އަޅުގަނޑަކީ އަންހެންކުދިން އެހައި ރުހޭ މީހެއް ނޫނެވެ. ރީތި ކުއްޖަކާ ވާހަކަދައްކާލަންވެސް ވަރަށް ފުރުޞަތު ނުލިބޭނެއެވެ. ނަމަވެސް އެއިގެފަހުން އެކަން ބަދަލުވެ ކައިވެނިކުރީ އެއިރު ރަށުގައި ހުރި އަޅުގަނޑަށް އެންމެ ރިތި ކުއްޖާ އާއިއެވެ. ދެން އަބަދުވެސް އަޅުގަނޑު މަހަށްދާ ދޯނި ވެފައި އޮންނަނީ އެންމެ ގިނައިން މަސްބާނާ އެއް ދޯންޏަށެވެ. އެހެންވެ އަތްމަތި ދަތިވެގެން އުޅޭކަށް ނުޖެހެއެވެ. 

ދެން އެ މީހާ ޢާއި ބެހޭ ގޮތުން ބުނަން އޮތީ އެއީ ޖިންނިއެއްކަމެއް ރޫޙާނީ މީހެއްކަމެއް ބުނާކަށް ނުއެނގެއެވެ. އެއީ ޖިންނިއަކަށްވީނަމަވެސް އެހެން އެއްޗަކަށްވީނަމަވެސް އޭނާ އަޅުގަނޑަށް ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެކެވެ. އޭނާގެ ގައިގާ އަލިފާން ރޯވެ އެނދުން އަޅުގަނޑު ސިފަކުރަނީ އެއީ އަޅުގަނޑު އެރު ނަމާދުނުކުރާތީ ދިން ވަރުގަދަ އިންޒާރެއްގެ ގޮތުގައެވެ.   

މިވާހަކަ އަޅުގަނޑު ރަށުގެ މުދިންމީހާއަށް ކިޔައިދިނީމެވެ. އޭނާ ބުނީ އެވާހަކަ ނުދެއްކުމަށެވެ. އަދި އެއީ މުއްމިން ޖިންނިއަކަށްވެދާނެ ކަމަށެވެ. ކާފިރު ޖިންނި މީހުން ލައްވައި ނުބައި ކަންކަން ކުރުވާހެން މުއްމިން ޖިންނި މީހުންނަށް ހެޔޮ މަގަށް މަގުދައްކާނެ ކަމަށެވެ.

 

- ޢިބްރަތްތެރި ވާހަކަ

 

 

މިއަދު އޮންލައިން