މިއީ ވަރަށް އަސަރުގަދަ ޙާދިސާއެއްގެ ވާހަކައެކެވެ.
އޭނާގެ ބައްޕަ، ދޮންމަންމަ ގެ ބަހަށް ހެއްލި، އޭނާއަށް ކެންސަރުޖެހިފައިވާކަމަށް ބުނެ ދޮގުހަދައި ބޭސްކުރުމުގެ ނަމުގައި ތަނަވަސް މުސްކުޅިއަކަށް ދަރިފުޅު ވިއްކާލަން މަސައްކަތްކުރިއެވެ. އާޚިރު ނަތީޖާއަކަށްވީ އޭނާއަށް ކެންސަރުޖެހި ޝިފާ ނުލިބުމެވެ. އެޙާލަތުގައި ބައްޕަ ބަލަންޖެހުނީވެސް ދަރިފުޅަށެވެ. ދޮންމަންމަ ފިލީއެވެ.
ވާހަކަ ވިދާޅުވެލައްވާށެވެ!
އަޅުގަނޑުގެ އުމުރުން 15 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. 17 އަހަރުގައި ބައްޕަ ދެވަނަ ކައިވެނި ކޮށްފިއެވެ. އެކައިވެނިކޮށް ގެއަށް ދޮންމަންމަ ގެނައި ދުވަހުން ފެށިގެން އަޅުގަނޑަށް ވާންޖެހުނީ ގޭގެ ބޮޑު ނޯކަރަށެވެ.
އަޅުގަނޑު ހުރީ އެފަދަ ދުވަހަކަށް ތައްޔާރުވެގެންކަމަށްވުމުން އެކަމާއިމެދު ކަންބޮޑެއް ނުވަމެވެ. ވިސްނައިގެން ހުރީ 18 އަހަރުފުރުމުން ލިބުނު ހެޔޮލަފާ މީހަކާއި ކައިވެނިކޮށްގެން ގެއިން ދިއުމަށެވެ. އެކަމަށް އެދި އަބަދުވެސް އައީ ދުޢާކުރަމުންނެވެ.
18 އަހަރުފުރުނުތަނުން ކުރިމަތިވީ މާބޮޑު މައްސަލައެކެވެ. ބައްޕައަށް ކެންސަރުޖެހި ބޭސްފަރުވާކުރަން ބައިވަރު ފައިސާ ބޭނުންވެއްޖެއެވެ. ބައްޕަ ބުނީ އަޅުގަނޑާއި ކައިވެނިކުރަން ތަނަވަސް މީހަކު ތައްޔާރަށް އެބަހުރިކަމަށާއި ކައިވެނިކޮށްފިނަމަ ބައްޕައަށް ބޭސްކޮށްދޭނެ ކަމަށެވެ.
ބައްޕަގެ ވާހަކަތައް އަޅުގަނޑަށް ޤަބޫލެއް ނުކުރެވުނެވެ. ޑޮކްޓަރުގެ ލިޔުންތައް ދައްކައިލަން އެދުމުން ލިޔުންތައް ދީފިއެވެ. ލިޔުންތައް ދިނީމައި ހިފައިގެން ކޮޓަރިއަށްވަދެ ލިޔުންތައް ފޯނަށް ފޮޓޯނަގާފައި ގެންގޮސް ދިނީމެވެ.
އަޅުގަނޑާއި އެއްކުލާހުގައި ކިޔެވި އެކުވެރި ކުއްޖެއްގެ ބައްޕައަކީ ޑޮކްޓަރެކެވެ. އަނެއްދުވަހު އެކުވެރިއޔާ މެދުވެރިވެގެން ލިޔުންތައް އޭނާގެ ބައްޕައަށް ދެއްކީމައި ބުނީ އަނެއް ދުވަހު ދިއުމަށެވެ. އަނެއް ދުވަހު ދިއުމުން ބުނީ އެލިޔުންތަކަކީ "ފޭކް" ލިޔުންތަކެއް ކަމަށެވެ.
އެއިރު ބައްޕަ ދިއައީ އެމީހާ އާއި އަޅުގަނޑާއި ކައިވެނިކުރުވަން ތައްޔާރުވަމުންނެވެ. ދަންނަވަންތޯއެވެ. އެމީހާއެވެ ބުނީމާ އެއީ 50 އަހަރުގެ މީހެކެވެ. އަޅުގަނޑުގެ އުމުރަކީ 18 އަހަރެވެ. ދެން އަނެއްބައި އެއީ ހަމަ ތެދެކެވެ. އޭނާއަކީ މާލޭގައި ގެދިރުހުރި ތަނަވަސް މީހެކެވެ.
އަޅުގަނޑު ވަރަށް ދެރަވެ ރޮމުން އަޅުގަނޑުގެ ޙާލުގެ ވާހަކަ އެކުވެރިޔާގެ ބައްޕައަށް ކިވައިދިނީމެވެ. އަދި އޭނާގެ ދެފައިމައްޗަށް ތިރިވެ އާދޭސްކޮށްފައި ބުނީމެވެ. "ނިޔާވެފައިވާ އަޅުގަނޑުގެ މަންމައަށްޓަކައި ނަމަވެސް އަޅުގަނޑު ދުވަސްކޮޅަކު މިގޭގައި ބަހައްޓައިލަދޭށެވެ. ގޭގެ ނޯކަރަކަށްނަމަވެސް އެންމެ ރަނގަޅެވެ. އިރާދަކުރެއްވިއްޔާ ﷲ އަޅުގަނޑަށް މަގެއް ދައްކަވާނެއެވެ. މަގެއް ދެއްކެވިހާ އަވަހަކަށް އަޅުގަނޑު މިގެއިން ދާނަމެވެ."
އަޅުގަނޑަށް ރޮވުނުތަނާއި އަޅުގަނޑަށްވެފައި ހުރި ގޮތް ފެނުމުން އެކުވެރިޔާވެސް އޭނާގެ ބައްޕަގެ ގާތުގައި އަޅުގަނޑު އެގޭގައި ބަހައްޓައިދިނުމަށް އެދުނެވެ. އޭނާގެ ކޮޓަރީގައި ބަހައްޓަން ތައްޔާރުކަމަށްވެސް ބުންޏެވެ.
އެއީ ވަރަށް ރަނގަޅު ބައްޕައެކެވެ. އަޅުގަނޑު އެގޭގައި ބަހައްޓައިދިނެވެ. ހުންނާނެ ކޮޓަރިއެއްވެސް ދެއްކިއެވެ. ކަންކަން ހަމަޖެހުމުން އަޅުގަޑުވެސް ހަމައަކަށް އެޅިލާފައި ބައްޕައަށް ފޯނުކުރީމެވެ. ބުނީމެވެ. "ބައްޕާއެވެ. އަޅުގަނޑު ގެއަކަށް ނުދާނަމެވެ. ތިއަ ކައިވެންޏެއްވެސް ނުކުރާނަމެވެ. ބައްޕައަށް ޖެހިފައިވާ ކެންސަރަކީ ޓެސްޓްތަކުން އެދައްކާ ކެންސަރެއް ނޫނެވެ. ތިއަ ކެންސަރަށް ކިޔާނަމަކީ ދޮންމަންމަ ކެންސަރެވެ. އެކެންސަރަށް ކުރާނެ ޑޮކްޓަރީ ބޭހެއް ނުހުންނާނެއެވެ! އެކެންސަރުގެ ފަރުވާއަކީ ދަރިފުޅު ނިކަމެތިކޮށްލައި ދޮންމަންމަ ރުއްސުމެވެ. ބައްޕަ މިހައިތަނަށް ކޮށްދިން ހެޔޮކަންތައްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ! އަޅުގަނޑުގެ ކިބައިން ބައްޕަގެ ހިތް ހަމަޖެހޭގޮތަށް އެއްވެސް ކަމެއް ކުރެވިފައިވާނަމަ އެކަމަކަށްވެސް އަދި ދެންމެ މިބުނެވުނު ބަސްތަކަށްވެސް މާފުކުރާށެވެ."
ބައްޕަ ފުލުހުންނަށް ގުޅައިގެންވެސް އަޅުގަނޑު ގެއަށް ގެންދަން މަސައްކަތްކުރިއެވެ. ނަމަވެސް ބައްޕަ އާއި ދޮންމަންމަގެ މަކަރުވެރި ރޭވުންތައް ކިޔައިދިނުމުން އަޅުގަނޑެއް ނުގެންދެވުނެވެ.
ޙަޤީޤަތަކީ މުސްކުޅިއަކާއި ކައިވެނިކުރުވައި އަޅުގަނޑު ގެއިން ބޭރުކޮށްލަން ދޮންމަންމަ ބޭނުންވުމެވެ. ގޭގައި ދޮންމަންމަ އާއި އޭނާގެ ދަރިފުޅު އުފަލުގައި އުޅެން ބޭނުންވުމެވެ. ނަމަވެސް ތަޤްދީރު އެގޮތަށް މިންވަރު ނުކުރެއްވެވީއެވެ. އެބޮޑު ނިކަމެތިކަން އަޅުގަނޑަށް ނުދެއްވެވީއެވެ.
އެގޭގައި އަޅުގަނޑާއިމެދު ކަންކަންކުރީ އަމިއްލަ ދަރިއަކާއިމެދުގައިވެސް ކަންކަން ކުރާނެ ގޮތަށެވެ. އަޅުގަނޑަށް ވަޒީފާއަށް ދާން ފުރުޞަތު ދިނެވެ. ކިޔަވަން ފުރުޞަތު ދިނެވެ. އަމިއްލައަށް ފެނިގެން ކުރި މަސައްކަތެއް ނޫން މަސައްކަތެއްވެސް ކުރާކަށް ނުޖައްސައެވެ.
އެގޭގައި ހުންނަތާ 3 ވަނަ އަހަރު އެކުވެރިޔާގެ ދޮށީ ބޭބެ އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެގެން ބުނުމުން ކައިވެނިކުރީއެވެ. ކައިވެންޏަށް 4 ވަނައަހަރު ފިރިމީހާގެ ބައްޕަ ދިނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. އެއީ އަޅުގަނޑުގެ ބައްޕައަށް ހަމަ ޙަޤީޤަތުގައިވެސް ކެންސަރު ޖެހިއްޖެ ކަމުގެ ޚަބަރެވެ. 4 ވަނަ ސްޓޭޖް ކަމަށާއި ސަލާމަތްކުރެވުން ވަރަށް ނާދިރު ކަމަށެވެ.
ގެއިން ނުކުތްފަހުން ފުރަތަމަ ފަހަރަށް ބައްޕައާއި ބައްދަލުކުރަން ދިއައީމެވެ. ބައްޕައަށް އަހަރެމެން ދެމަފިރިންނާއި ކުޑަ ދަރިފުޅު ފެނުމާއިއެކު އޮޅުލައިގަނެ ބާރަށް ރޯން ފަށައިފިއެވެ.
ބައްޕަ ބުނީ ކެންސަރު ޖެހިއްޖެކަން އެނގުމާއިއެކު ދޮންމަންމަ ގެއިން ނުކުމެގެންދިއަ ގޮތަށް ގެއަށްވެސް ނުއަންނަ ކަމަށާއި މިހާރު މިއީ 3 ވަނަ ދުވަސް ކަމަށެވެ. އިއްޔެއިން ފެށިގެން ހުރީވެސް ނުކައި ކަމަށެވެ.
ދެމަފިރިން މަޝްވަރާކޮށްފައި ބައްޕަ ބަލަހައްޓަން ބައްޕަ ގާތަށް ގެއަށް ބަދަލުވީއެވެ. ބައްޕައަށް ކުރަންޖެހުނުހައި ޚަރަދެއް ކުރީ ފިރިމީހާ އާއި އޭނާގެ ބައްޕައެވެ. ނަމަވެސް މިހެން ބުނެލަން ހަމަ ވަރަށް ބޭނުމެވެ. ދޮންމަންމަގެ މަކަރުވެރި ރޭވުމުން ކައިވެނިކުރުވަން އުޅުނު މުސްކުޅި މީހާއެއް ނޫނެވެ. އަޅުގަނޑު ވަރަށް ލޯބިން ކައިވެނިކުރި ފިރިމީހާއާއި އޭނާގެ ބައްޕައެވެ/
ބައްޕަ ނިޔާވީ 3 އަހަރު ފަހުންނެވެ. ބައްޕައަށް ވަރަށް ހެޔޮކޮށް ހިތީމެވެ. އެއްވެސް ކަމަކަށް ދަތިވެފައެއް ނުއޮންނާނެއެވެ. އެންމެ ކުޑަމިނުން ހިތުގައި ޖެހޭނެ ފަދަ ބަހެއްވެސް ބުނެފައެއް ނުވާނެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި އިތުރަށް ބުނާނެ ވާހަކައެއް ނެތެވެ. ހީވަނީ ވަރަށް ގިނަ ވާހަކަތައް ބުނެވިއްޖެހެންނެވެ.
- މައްޞޫމާ / މިއަދުނޫހުގެ ކިޔުންތެރިއެއް