ތަޤްވާވެރި އަނބިމީހާ ދުޢާކުރަން ސަޖިދައިގަ އޮއްވާ މައްސަލަ ޙައްލުވުމުމުގެ އިތުރުން 1 މިލިއަން ޑޮލަރު ލިބި ބޮޑު ތަނަވަސްކަމެއް ލިބުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ތަޤްވާވެރި އަނބިމީހާ ދުޢާކުރަން ސަޖިދައިގަ އޮއްވާ މައްސަލަ ޙައްލުވުމުމުގެ އިތުރުން 1 މިލިއަން ޑޮލަރު ލިބި ބޮޑު ތަނަވަސްކަމެއް ލިބުނު ޙާދިސާއެއްގެ ވާހަކަ-

އެއީވެސް ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. އަނބިމީހާއަކީ އާދައާ ޚިލާފަށް ތަޤްވާވެރިކަން ބޮޑު އަންހެނެކެވެ. ކައިވެންޏަށް 2 ވަނަ އަހަރު ދަރިއަކު ލިބުނެވެ. އެދަރިފުޅުގެ ޢުމުރުން 4 އަހަރުގައި ފިރިމީހާގެ ހިތަށް ޝައްކުތަކެއް ވަންނަން ގެށިއެވެ. މިއީ ހަމަ އަހުރެންގެ ދަރިއެއް ހެއްޔެވެ؟ އެކުވެރިން ޝައްކުކުރަނީ ކީއްވެގެން ހެއްޔެވެ؟ 

މިފަދަ ޚިޔާލުތައް ބޮޑުވާންފެށުމުން އެކަން އަނބިމީހާއަށް ސިއްރުކޮށް ޑީއެންއޭ ހެއްދުވިއެވެ. ނަތީޖާގައި އައީ އޭނާގެ ދަރިއެއް ނޫންކަމަށެވެ. ނަތީޖާ ހިފައިގެން ގެއަށްގޮސް އަނބިމީހާއަށް ނުކުރާ ވަރެއް ނެތެވެ. ނުކިޔާ ނުބައި އެއްޗެއް ނެތެވެ. ނުއަޅުވާ އިލްޒާމެއް ނެތެވެ.

އަނބިމީހާ ރޮއި އާދޭސްކޮށް އެދެމުން ދިއައީ އެހެން ހޮސްޕިޓަލަކުން އަދި އެއްފަހަރު ޓެސްޓްތައް ހަދައިލުމަށެވެ. ފިރިމީހާ ބުނީ މިއީ އެންމެ މަޝްހޫރު، އެންމެ އިތުބާރު ބޮޑު ހޮސްޕިޓަލުގެ ނަތީޖާކަމަށާއި އެނަތީޖާ ބަދަލުނުވާނެ ކަމަށެވެ.  

ފިރިމީހާ ރުޅިގަދަވެ ހަމައިން ނެއްޓި ވަރިކުރަން އަނގަހުޅުވައިލިތިތަނާ އަނބިމީހާ ސަޖިދަކުރިއެވެ. ދުޢާ ކުރިއެވެ! "ޔާ ﷲ! މިއަޅާގެ ހުރިހާ ކަމެއް އިނބަ ﷲ މޮޅަށް ދެނެވޮޑިގެންވަމުއެވެ. މިއަޅާއަށް ރަޙުމްކުރައްވަވައި މިބޮޑު ފަޟީޙަތުން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ!"  

އެވަޤުތު މީހަކު ދޮރުގެ ބެލްޖެހުމުން ފިރިމީހާ ގޮސް ދޮރުހުޅުވިއިރު ހުރީ ޓެސްޓް ހެދި ހޮސްޕިޓަލުގެ މުވައްޒިފެކެވެ. ގެއަށްވަދެ ފައިލެއް ހުޅުވާފައި ނަގާފައި ދިނީ 1 މިލިއަން ޑޮލަރުގެ ޗެކަކާއި ލިޔުމެކެވެ. "ވަރަށް ބޮޑަށް މާފުކުރާށެވެ! ސާމްޕަލް ޕްރޮސެސްކުރިއިރު ވަނީ އޮޅުމެއް އަރައިފައެވެ. އެހެންވެ ދެވިފައިވަނީ ރަނގަޅު ނަތީޖާއެއް ނޫނެވެ. ރަނގަޅު ނަތީޖާ ތިއޮތީއެވެ. ހޮސްޕިޓަލުން އެދެނީ މިކަން ސިއްރުކޮސްދިނުމަށެވެ. މީހުންގެ އިތުބާރު ގެއްލިދާނެތީއެވެ. 1 މިލިއަން ޑޮލަރު މިދިނީ އެކަމަށް ބަދަލެއްގެ ގޮތުންނެވެ. އަޞްލު ނަތީޖާ ކުރިން ދެވުނު ނަތީޖާއާއި މުޅިން ތަފާތެވެ. އެއީ ތިބާގެ ދަރިއެކެވެ."  

އަނބިމީހާ އެއަޑުތައް އެހީ ސަޖިދައިގައި ދުޢާކުރުންމަތީގައި އޮވެގެންނެވެ. އެމީހާ އެނބުރި ދިއުމުންވެސް ސަޖިދައިން ނުތެދުވީމަ ފިރިމީހާ އޭނާ ނަގައި ތެދުކުރިއިރު ﷲ ތަޢާލާ މަތިވެރިކޮށް ޙަމްދުޘަނާ ކިޔަނީއެވެ. ފިރިމީހާ އާއި ވާހަކަދެއްކީވެސް ހިތްފުރޭވަރަށް ޙަމްދުޘަނާ ކިޔައިފައެވެ.  

ފިރިމީހާއަށް ބުނެވުނު ނުބައި ބަސްތަކަށް މާފަށް އެދުނެވެ. އެކުވެރި އިމާމަކަށް ގުޅައިގެން ގެނައުމުން އަނބިމީހާ ބުނީ ފިރިމީހާއަށް ތެދުވެރިވުމާއި ލޯބިދިނުމުގައި އެންމެ ކުރީގައި ހުއްޓައި މިހައި ބޮޑު އިލްޒާމެއް އެޅުވުމުން އިތުރަށް އެކުގައި އުޅެން އުނދަގޫ ކަމަށެވެ. އިމާމް ވިދާޅުވީ އެއްގޮތަކަށްވެސް ދެމީހުން ވަކިނުވުމަށެވެ.  

"މިފަދަ ޝައްކުތައް އުފައްދުވައި މިފަދަ ކަންކަން ކުރުވަނީ ދެމަފިރިން ދުރުކުރުވަން ޝައިޠޯނާ. ނަތީޖާ އޮޅިފައިވާނީވެސް ޝައިޠޯނާގެ ސަބަބުން. ދެމީހުން ވަކިވެއްޖެނަމަ އެމޮޅުވީ ޝައިޠޯނާ. ކުރި ދުޢާ ވަޤުތުން ޢިޖާބަ ކުރައްވަވައި ޝައިޠޯނާ ނިކަމެތިކޮށްދެއްވެވިކަން އެއީ ދެމަފިރިން ދުވަހަކުވެސް ވަކިވެގެން ނުވާނެކަން އެނގިގެންދާ ކަމެއް!  

ޝައިޠޯނާ އުޅުނީ އެންމެ ބޮޑު ދެރަދޭން! އެކަމަކު އެއިގެ ބަދަލުގަ ތިއޮތީ 1 މިލިއަން ޑޮލަރުވެސް ލިބިފަ! ރަނގަޅު މަސައްކަތެއް ފަށައި ކުރިއަށްދާން ދެމީހުން އެކުގަ މަސައްކަތްކުރީމަ ލައްވަވާނެ ބޮޑު ރަޙްމަތް މިހާރު އިޙްޞާޞްވެސް ނުކުރެވޭނެ!"  

ދެމަފރިންވެސް އިމާމްގެ ނަޞީޙަތް ޤަބޫލުކުރިއެވެ. މިއީ 10 އަހަރު ފަހެވެ. ކުރިން އާދައިގެ ފެންވަރުގަ ދިރިއުޅުނު ދެމަފިރިންނަކީ މިހާރު 4 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްހުރި ދެމަފިރިންނެވެ. ދިރިއުޅެމުން އަންނަނީ އުފަލުގައެވެ.

މިހުރީ އަހުރެމެން ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. ތަޤްވާވެރިއަކު ނިކަމެތިކުރުމަކީ ޝައިޠޯނާއަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ފަހަރެއްގައި ނިކަމެތިކަމެއް ލިބުނަސް ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

--ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން