އެދެކުދިންގެ މަންމައާއި ބައްޕަ ގާތްގާތުގަ ނިޔާވިއިރު ދެކުންގެ ޢުމުރަކީ 6 އަހަރާއި 7 އަހަރެވެ. ދެކުދިން ބެލުމާއި ބައްޕަގެ ކޮއްކޮ ޙަވާލުވިއިރު އޭނާގެވެސް ހަމަ އެޢުމުރުގެ 2 ދަރިން ތިބެއެވެ. ކުޑަދުވަސްކޮޅެއްވީތަނާ އަނބިމީހާ ނުރުހި ފިރިމީހާޢަށް ބުނީ 2 ކުދިން ސަރުކާރާ ހަވާލުކުރުމަށެވެ. އެވަރުން ފުއްދައިލީއެއްވެސް ނޫނެވެ. ވިއްސާރަރެއަކު 2 ކުދިން ގެއިން ބޭރުވެސްކޮށްލީއެވެ. ބުނީ އަސްކެނިދަށުގަ ނިދުމަށެވެ.
އެތަން ބަލަންހުރި އަވަށްޓެރި އަންހެނަކު 2 ކުދިން ގެންދިއައެވެ. ގެންގޮސް ގެންގުޅެން ފެށިތަނާ އޭނާގެ ފިރިމީހާ އެކަމަކަށް ނުރުހުނެވެ. ޚަރަދުބޮޑުވާތީ 2 ކުދިން ނެރެލަން ބުނީމާ އަނބިމިހާ ބުނީ ބޭނުންނަމަ ފިރިމީހާއަށް ނުކުމެގެންދެވިދާނެކަމަށެވެ. 2 ކުދިން ނެރެނުލާނެ ކަމަށެވެ. އޭނާ ބޭނުންވަނީ ސުރަުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި އެންމެ އަރިހުގައިވުމަށް ކަމަށެވެ. އެފުރުޞަތު ދޫކޮށްނުލާނެ ކަމަށް ބުނުމުން ފިރިމީހާ އޭނާ ދޫކޮށްލާފައި ނުކުމެގެން ދިއައީއެވެ.
އޭނާ އަމިއްލަ ދެދަރިން ފަދައިން ކުދިން ގެންގުޅެ ބޮޑުކުރިއެވެ. ކިޔަވައިދިނެވެ. ދެކުދިންނަށް ރަނގަޅު ވަޒީފާ ލިބުމުން ގެންގުޅެ ބޮޑުކުރި މަންމަ ގެންގުޅުނީ އެންމެ އުފަލުގައެވެ. ގިނަ ދަރިން އަމިއްލަ މައިމީހާއަށްވެސް ހެޔޮކޮށް ނުހިތާނެވަރަށް ހެޔޮކޮށްހިތައިގެންނެވެ. މަންމައަށް އުފާވެރިކަން ހޯދައިދޭން ބޭނުންވިވަރުން އެޢުމުރުގައިވެސް ރަނގަޅު ފިރިއަކުވެސް ހޯދައިދީ ދެމީހުންގެ ހުރިހާ ކަމެއް ބަލަހައްޓައިދިނެވެ.
ދެން މިބުނަނީ ދެބެއިން އެގެއަކުން ނެރެލެވުނު ގޭގައި ކަންތައް މެދުވެރިވި ގޮތެވެ. އެއް ދަރި 25 އަހަރަށް ޖަލަށްލީ ދްރަގް މައްސަލައެއްގައެވެ. ދެވަނަ ދަރިފުޅު 15 އަހަރަށް ޖަލަށްލީ ވައްކަމުގެ ބޮޑު މައްސަލައެއްގައެވެ. މުސްކުޅިވި ދުވަހު އެހީތެރިވާނެ ދަރިއަކު ނެތެވެ.
މިހުރީ ކަންކަން ހިނގާ ގޮތެވެ. މީސްތަކުންނަށް ދައްކަވާ ޢިބްރަތެވެ. ކޮންމެ ކުއްޖަކުވެސް އުފަންވަނީ ރިޒުޤާއިއެކުގައެވެ. އެކުދިން ބެލުމަކީ ބަލާމީހަކަށް ރިޒުޤް މަދުވާނެ ކަމެއް ނޫނެވެ. ރިޒުޤް ވާނީ އިތުރެވެ. އެއީ އޭނާގެ އެހެޔޮ ޢަމަލުގައި ބަރަކާތް ލައްވަވާނެތީއެވެ. އެއީ ޝައްކުރަންޖެހޭ ކަމެއް ނޫނެވެ.
އިސްލާމީ ތިލަފަތުގެ ދަރުސަކުން
- ޢިބްރަތްތެރި ވާހަކަ