ޢިބްރަތްތެރި ވާހަކަ: ދަރިންތަކެއް ލިބުމުން އަނބިމީހާއަށް ބައިވެރިއަކު ނުލިބޭނެކަމަށް ބުނެ ވަރިކޮށް ނިކަމެތިކޮށްލީމާ އެކުގަ ދިރިއުޅޭނެ އަންހެނަކު ނުލިބުނު ފިރިހެނެއްގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 21ސ
ޢިބްރަތްތެރި ވާހަކަ: ދަރިންތަކެއް ލިބުމުން އަނބިމީހާއަށް ބައިވެރިއަކު ނުލިބޭނެކަމަށް ބުނެ ވަރިކޮށް ނިކަމެތިކޮށްލީމާ އެކުގަ ދިރިއުޅޭނެ އަންހެނަކު ނުލިބުނު ފިރިހެނެއްގެ ވާހަކަ

އެކުގައި އުޅެން ބޭނުންނުވެގެން ކައިވެނި ރޫޅައިލިނަމަވެސް އަނެކާއަށް މަލާމާތާއި ފުރައްސާރަކޮށް ދެރަބަސް ބުނަން ހެޔޮނުވާނެއެވެ. އެބަސް އެނބުއައިސް ތިމާއަށް ޖެހެނީ މަދަކުން ނޫނެވެ. އެެހންކަމާއިއެކުވެސް އެކަމަށް ވިސްނައިނުލާ މީހުން އުޅެއެވެ.  

ކައިވެނީގައި ދަރިން ލިބޭފަހުން ވަރިކޮށްލަމުން "ދެން ކަލެއާއި އިންނާނެ މީހަކުވެސް ނުވާނެ ކަމަށް" ބުނާ ފިރިހެނުން ވަރަށް ގިނައެވެ. އެހެން އެބުނަނީ އެއީ އެމީހުން އުންމީދުކުރާ ގޮތަކީ އެއީ ކަމަށްވާތީކަމަށްވެސް ވެދާނެއެވެ.  

އަޅުގަނޑުމެންގެ ކައިވެނީގައި 3 ދަރިން ލިބުނީ ފުލުފުލުގައެވެ. ކުއްލިއަކަށް ފެނުނީ ލޯބިވެރިއަކު ހޯދާފައި އަޅުގަނޑު ވަރިކޮށްލިތަނެވެ. ވަރިކޮށްލަމުން އަޅުގަނޑުގެ ސިފައަށް ވަރަށް މަލާމާތްވެސް ކުރިއެވެ. ޖަވާބުގައި "ތިއަހާ ސިފަ ހުތުރު އަންހެނަކުކަން އެނގުނީ 3 ދަރިން ލިބުނުފަހުންތޯ؟" ސުވާލުކޮށްލުން ނޫން ބަހެއް ނުބުނަމެވެ.  

އަޅުގަނޑުގެ ސުވާލަކީ ބޭނުމެއް ނެތިގެން އެއްލައިލިނަމަވެސް އެފަދަ ނިކަމެތި ބަސްތައް އެބުނަނީ ކީއްވެގެންތޯ؟ އެވެ.  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެފަދަ ބަސްތައް އެބުނަނީ އެމީހުންނަކީ އަޚްލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ ބައަކަށްވާތީކަމަށެވެ. އަނެކާއަށް ﷲ ދެއްވަވާނެ ނިޢުމަތަކީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫންކަން ޤަބޫލުނުކުރެވޭތީއެވެ. އެއިގެ އިތުރުން އެފަދަ ބަސްތައް އެބުނަނީ ﷲ ތަޢާލާއަށް ހިތުގައި ބިރުވެތިކަމެއް ނެތް މީހުންނެވެ. ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިވަނީ ވަރިކުރިނަމަވެސް އޯގާތެރިކަމާއިއެކު އެކަން ކުރުމަށެވެ. ދެރަކޮށް ނިކަމެތިކޮށްނުލުމަށެވެ.  

ތިރީގައިވާ ވާހަކައިން ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑުމެންވެސް ކައިވެނިކުރީ އެކިޔާ ލޯބިވެގެން 2 އަހަރު ދުވަހު އުޅެފައެވެ. ކައިވެންޏަށް 10 އަހަރުވީއިއރު 4 ދަރިން ތިއްބެވެ. ދިރިއުޅެމުން އައީ އަޅުގަނޑުމެންގެ ގޭގައެވެ. ދެމީހުން ކުރާ މަސައްކަތުން ލިބޭ މުސާރައިން ދެކޮޅު ޖެހެނީ ހަމަކިރިޔާއެވެ.  

އެހިސާބުން ފިރިމީހާގެ މުށްބާރުވާން ފަށައިފިއެވެ. ގެއަށްކުރާ ޚަރަދު މަދުކުރަން ފަށައިފިއެވެ. ގޭގައި އުޅޭ ވަގުތުތައްވެސް މަދުކުރަން ފަށައިފިއެވެ. އެކަމުގެ ޝަކުވާ ކުރަން ފެށުމުން ބުނީ ބޭނުންނަމަ ވަރިކޮށްދީފާނެ ކަމަށެވެ. އަޅުގަނޑު ސުވާލުކުރީމެވެ. "ވަރިކުރީމާ ދަރިން ބަލާނެ ފައިސާ މަތިން ފައިބާނީ ހެއްޔެވެ؟ ދަރިން ބަލަހައްޓައި ދަރިންނަށް ކަންކޮށްދޭނެ، ދަރިންނަށް ލޯބިދީ އެކުގައި ވަގުތު ހޭދަކުރާނެ ބައަކުވެސް މަތިން ފައިބާނީ ހެއްޔެވެ؟ ޤިޔާމަތް ދުވަހު އެކަންކަމުގެ ޒިންމާއިން ކަލެއަށް ސަލާމަތްވެވޭނެ ހެއްޔެވެ؟"  

އޭނާގެ ޖަވާބަކަށްވީ ވަގުތުން ވަރިކުރުމެވެ. ވަރިކޮށްފައި ގެއިން ނުކުންނަމުން ބުނީ 4 ދަރިންނާ ބަންގާޅުފޮށްޓެއް ލިބުނީމާ ތިއަ ފޮނިދައްކާއިރު ދެން ކަލެއާއި އިންނާނެ މީހަކުވެސް ނުވާނެ ކަމަށެވެ. އެބަހަކަށް ޖަވާބެއް ނުދެމެވެ.  

ކޮންމެއަކަސް ވަރިކޮށް ނިކަމެތިކޮށްލުމުން ވަރަށް ނިކަމެތި ޙާލުގައި އުޅުނީމެވެ. 6 މަސްވީތަނާ ކާކުކަން ނޭނގޭ މީހަކު ފޯނުކުރީމާ ނެގީމެވެ. އޭނާ ބުނީ އޮޅިގެން ގުޅުނީ ކަމަށެވެ. އެހެންވެދާނެ ކަމަށް ބުނެފައި އޭނާއަށް ހެޔޮދުޢަކޮށްފައި ފޯނު ބޭއްވީމެވެ.  

އެހިސާބަކުން އެކަމެއް ނުނިމުނެވެ. އަނެއްދުވަހުވެސް ގުޅައިފިއެވެ. އެދުވަހު ބުނީ މިގުޅަނީ ޤަޞްދުގައި ކަމަށެވެ. ކޮފީއަކުން ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުން ކަމަށެވެ. ބުނީމެވެ. "އަޅުގަނޑަކީ ކޮފީއަށް ގޮސްއުޅޭ އަންހެނެއް ނޫނެވެ. 4 ދަރިންގެ މަންމައެކެވެ. މުސްކުޅިއެކެވެ. ދަތިޙާލުގައި ދިރިއުޅޭ އެކަނިވެރިމައަކީމެވެ. ބައްދަލުކުރަން ބޭނުންނަމަ ގެއަށް އަންނާށެވެ."  

އަނެއް ދުވަހު އޭނާ ގެއަށް އައެވެ. އަޅުގަނޑުގެ ޙާލަތު ލޮލަށް ފެނުމުންވެސް ބުނީ ގުޅެން ބޭނުން ކަމަށެވެ. ބުނީމެވެ. "ގެއަށް ގޮސް އަދިވެސް ވިސްނައިލާށެވެ. ޒިންމާ އުފުލައިގެން ދިރިއުޅެވޭނެ ނަމަ ކައިވެނިކުރާށެވެ! ކައިވެނިނުކޮށް ލޯބިވެގެން އުޅޭކަށް ބޭނުމެއް ނޫނެވެ." 

އޭނާ ބުނީ އަޅުގަނޑާއި ގުޅެން ބޭނުންވީ އޮޅިގެން ފޯނުކުރެވުމުން މުޢާމަލާތުކުރިގޮތުން އަޅގަނޑަކީ އަޚްލާޤް ރަނގަޅު އަންހެނަކު ކަމަށް ޤަބޫލުކުރެވިގެން ކަމަށެވެ. އޭނާ އަޅުގަނޑާއި ކައިވެނިކުރިއެވެ. އޭނާއަކީ ދެދަރިން ލިބި އަނބިމީހާ ނިޔާވެފައިވާ މީހެކެވެ. އެހެންވެ އޭނާގެ ދެދަރިންނާއިއެކު 6 ދަރިންގެ މަންމައަކަށްވީމެވެ. އޭނާއަކީ ވަރަށް ރަނގަޅު މީހެކެވެ. އަލުގަނޑުގެ ދަރިންދެކެވެސް ވަރަށް ލޯބިވެއެވެ.  

ކައިވެންޏަށް އަހަރެއްވެސް ނުވާނެއެވެ. އެއް ރޭ އިރާކޮޅު މީހަކު އައިސް ބެލްޖެހުމުން ދޮރުހުޅުވީމެވެ. ކުރީގެ ފިރިމީހާއެވެ. ފުރަތަމަވެސް އެދުނީ މާފުކުރުމަށެވެ. އަލުން އޭނާ އާއި ކައިވެނިކުރުމަށެވެ. ރަނގަޅު ގޮތުގައި ދަރިން ގެންގުޅެ ބޮޑުކުރަން ބޭނުންވާތީ ކަމަށެވެ.  

ގެއަށް ވަންނަން އުޅުމުން ނުވައްދާނެ ކަމަށާއި އެނބުރި ދިއުމަށް ބުނުމުން ބުނީ އަދިވެސް ތިއަ ފޮނިވަނީ 4 ދަރިންނާއި ބަންގާޅުފޮށްޓެއް ލިބުނީމާ ލޯބިވެގެން އިންނާނެ މީހުން މަތިން ފައިބާނެތީ ކަމަށް ހެއްޔެވެ؟   

އެވަގުތު ފިރިމީހާ އައިސް ބުނީ މަތިން ނުފޭބުނަސް ބިމުގައި ހިނގާފައި މިހިރީ އައިހެވެ. އަހަރެންގެ އަނބިމީހާއަށް އުނދަގޫނުކޮށް ކަލެއަށް މައްޗަށް އެރޭތޯ ބަލާށެވެ! 

ފިރިމީހާގެ މޫނަށް އައި ބަދަލުން ހީވީ އަނގަވެސް އޮރިއަކަށް ދަމައިގަތް ހެންނެވެ. އެވަގުތު ފިރިމީހާ ދޮރުލައްޕައި ތަޅުލައިފިއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑުގެ ފިރިމީހާބުނި ފަދައިން އޭނާ ފޭބީ މައްޗަކުން ނޫނެވެ. އައީ ހިނގާފައެވެ. ހިނގާފައި އައިނަމަވެސް ކައިވެންޏަށް 27 އަހަރުވެއްޖެއެވެ. ދަރިން ބޮޑެތިވެ ކައިވެނިވެސް ކޮށްފިއެވެ. އުޅެނީވެސް ރަނގަޅު ވަޒިފާތަކުގައެވެ. ދެމަފިރިންނަށް މިހާރު މަސައްކަތްކުރާކަށް ނުޖެހެއެވެ. ހުރިހާ ކަމެއް ދަރިން ބަލަހައްޓައެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ.  

އަޅުގަނޑުގެ ފުރަތަމަ ފިރިމީހާ ފަދައިން ދަރިން ލިބުނީމާ ދަރިން ނިކަމެތިކޮށްލާފައި ޒުވާންކުދިންގެ ފަހަތުން ދުވާ ފިރިހެނުން ގާތުގައި ބުނެލަން އޮތީ އަނބިމީހާ ނިކަމެތިކޮށްލުމުގެ ބޭނުމުގައި ދެރަގޮތް ނުހަދާށެވެ. ދެރަ ދިނީމާ މޮޅު ގޮތް މިންވަރުކުރައްވަވަވަން ﷲ ކުލަދުންވަންތައެވެ.  

އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުށްކަމުގައި ނުވާނަމަ ކުރީގެ ފިރިމީހާ 3 ކައިވެނިކޮށްގެންވެސް އެކުގައި ނުއުޅެވުމުން އެކަނިހުރެ ކުޑަކުއްޖަކަށް ފައިސާދީ ހައްލުވައިގެން  އެކުއްޖާއާއި ބެހުނު މައްސަލައެއްގައި މިހާރު ވަނީ ދިގުމުއްތަކަށް ޖަލަށްލައިފައެވެ.  

އަޅުގަނޑުގެ މިކުރު ވާހަކަކޮޅުން ޢިބްރަތެއް ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.

 

- ޙައްވާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން