ޢިބްރަތްތެރި ވާހަކަ: ކައިވެނިކުރެވުމާއެކު އެހެން އަންހެނުން ރީތިވަނީ ޖެހޭ ބައްޔަކުން! ބަލީގެ ފަރުވާ އޮތީ އަންހެނުންގެ އަތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ޢިބްރަތްތެރި ވާހަކަ: ކައިވެނިކުރެވުމާއެކު އެހެން އަންހެނުން ރީތިވަނީ ޖެހޭ ބައްޔަކުން! ބަލީގެ ފަރުވާ އޮތީ އަންހެނުންގެ އަތުގަ!

ބެލުންތައް ތިރިކުރަން ދީނުގައި އޮތީ އެކަމުން ނުކުންނަ މައްސަލަތަކުން ބޮޑެތި ގެއްލުންތަކެއް ލިބޭތީއެވެ. ޢާއިލީ ދިރިއުޅުންވެސް ހަލާކުވެގެންދާތީއެވެ. ނަމަވެސް އެކަމަށް ސަމާލުކަން ދެވެނީ މަދު މީހަކަށެވެ. އެހެންކަމުން މިގެނެސްދެނީ ވިސްނައިލުން މުހިންމު ވާހަކައެކެވެ. އުންމީދަކީ ޢިބްރަތް ޙާޞިލުކޮށް ރަނގަލު ގޮތުގައި ދިރިއުޅެން މަގުފަހިވުމެވެ.  

އަހަރެންވެސް ކައިވެނިކުރީ މީހަކު ދެކެ ލޯބިވެގެން 2 އަހަރު ދުވަހު އެކީގައި އުޅެފައެވެ. އޭނާވެސް ބުނަމުން އައީ އަހަރެންދެކެ ވަރަށް ލޯބިވާ ކަމަށެވެ. އަހަރެންގެ ސިފަ ވަރަށް ކަމުދާ ކަމަށެވެ. ނަމަވެސް ކައިވެނިކުރުމާއިއެކު ފެންނަންފެށީ މުޅިން ތަފާތު ކަންތައްތަކެކެވެ.  

ދެމީހުން އެކުގައި ބޭރަށް ގޮސްއުޅޭއިރު ފެންނަ އަންހެނުންނަށް ކަޅި ހުއްޓައިގެން ބަލަންހުރުމަކީ އޭނާގެ އާދައެކެވެ. ފުރަތަމަކޮޅު އެވާހަކަ ބުނީމާ ބުނަނީ އެއީ އެހެންބަލާ ބެލުމެއް ނޫން ކަމަށެވެ. ހަމަ ބަލައިލެވެނީ ކަމަށެވެ. ދުވަސްތައް ފާއިއތުވަމުން ގޮސް ދަރިއަކު ލިބުމުން އެކަމުގައި ފިރިމީހާ ހައްދުފަހަނައަޅައި ދިއައެވެ. އެމަންޒަރު ފެންނަ މީހުންނަށް ހީވާނީ ފިރިމީހާއަކީ އަހަރެން ގަދަކަމުން އިނދެގެން އުޅޭ މީހެއް ކަމަށެވެ.  

ދެން އެހިސާބުން ބުނަންފެށީ އަހަރެންގެ ސިފަ ކަމުނުދާ ކަމަށެވެ. ތުންފަތް މާތުނިކަމަށެވެ. މޭމަތީ މާކުޑަވެފައި ރީތި ނޫން ކަމަށެވެ. މިފަދަ އެތައް ސިފައެއްގެވާހަކަ ބުނާއިރު ހީވަނީ އަހަރެންގެ ކިބައިގައި އޭނާއަށް ކަމުދާ އެއްވެސް ސިފައެއް ނެތްހެންނެވެ.  

އެންމެފަހުން ކެތްނުކުރެވިގެން އަހަރެން ވަރިވީއެވެ. އަދި ދަރިފުޅު ގޮވައިގެން އެކަނި ދިރިއުޅެންފެށީއެވެ. އެކަނި ދިރިއުޅޭތާ 2 އަހަރެއްހައި ދުވަސްފަހުން ބައްދަލުވި މީހަކު އަހރެންދެކެ ލޯބިވާކަމަށްބުނެ ފަހަތުން އަޅައިގަނެގެން އުޅެން ފެށީމާ ވަރަށް ގިނަ ސުވާލުކުރީމެވެ. އެކި ގުނަވަން ވަކިވަކިވަކިން ކިޔާފައި އަހަރެން ކަމުދޭތޯ ސުވާލުކުރީމެވެ.  

ކޮންމެއަކަސް އަހަރެންގެ ސިފަތައް އޭނާއަށް ކަމުދާކަމަށްބުނެ އެތައް ވަރެއްވުމުން އޭނާ އާއި ކައިވެނިކުރީމެވެ. ކައިވެނީގައި މިހާރު 12 އަހަރުވެއްޖެއެވެ. އަހރެންގެ އެއްވެސް ސިފައެއް ކަމުނުގޮސްގެން އޭނާއެއް ނުއުޅެއެވެ. ހަމަ ފުރަތަމަ ދުވަހެކޭ އެއްގޮތަށް ކަންކަން ބަހައްޓައެވެ. ބޭރަށް އެކުގައި ގޮސްއުޅޭއިރު ފެންނަ އަންހެނުންނަށް އޭނާ ސަމާލުކަމެއް ނުދެއެވެ. އޭނާ ކަންބޮޑުވަނީ އަހަރެން އެހެން މީހަކަށް ބަލައިފާނެތީއެވެ.  

ދެން ބުނެލަން އޮތީ ފުރަތަމަ ފިރިމީހާގެ ވާހައެވެ. އަހަރެން ވަރިކުރި ފަހުން 5 ކައިވެނކޮށްފިއެވެ. އަޅުގަނޑުގެ އިތުރުން 3 އަނބިންނަށް ވަނީ ކުދިންވެސް ލިބިފައެވެ. މިހާރުވެސް ހުރީ އަންތބަކު ނެތިއެވެ. ވީމާ 6 އަންހެނުންނާއި ކައިވެނިކޮށް 4 އަނބިންނަށް ދަރިން ދެވުނުއިރުވެސް އޭނާގެ ހިތްހަމަޖެހޭ އަންތބަކު ލިބުނު ކަމަކަށް ނުވިއެވެ.  

އަޅުގަނޑު ބުނާނީ މިއީ އެއްވެސް އަންހެނެއްގެ މައްސަލައެއް ނޫން ކަމަށެވެ! ހުރިހާވެސް މައްސަލައަކީ ބައެއް ފިރިހެނުންގެ ހިތަށްޖެހޭ ވަރަށް ނުބައި ބައްޔެކެވެ. އެއީ ކައިވެނިކުރެވޭއިރަށް އެހެން އަންހެނުން ރީތިވެ އެއަންހެނުންނަށް ސަމާލުކަން ދެވޭ ބައްޔެވެ. އެބަލި ޖެހޭ މީހުންނަށް ބަލިން ސަލާމަތްވެވޭނީ އަހަރެމެން އަންހެނުން އެމީހުންނަށް ވަރަށް ރަނގަޅު ފަރުވާއެއް ދީގެންނެވެ. ނޫންނަމަ އެމީހުންގެ ކިބައިން އަނިޔާލިބުން ހުއްޓުވޭނެ ގޮތެއް ނެތެވެ. ދަރިން ބަހަމުން ދުވުން ހުއްޓުވޭނީ ހަމަ އަހުރެމެންނަށެވެ. އަހުރެމެން އަންހެނުންނަށްވެސް ބައްޔެއް ޖެހެންވީއެވެ. އަނބިންގެ ބޮލަށް ދަރިން ޖަހަމުން ދުވާ ފިރިހެނަކާއި އަނގައިންވެސް ނުބުނުމުގެ ބައްޔެވެ.

 

- ޙަމީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

 

 

މިއަދު އޮންލައިން