ޢިބްރަތްތެރި ވާހަކަ: އެންމެ ފަޤީރުޙާލުގަ އުޅެމުންވެސް ބަލިޙާލުގަ އޮތް މަންމަ ބެލުމަށް ޤުރްބާންވި އަންހެނަކަށް ހެޔޮލަފާ ފިރިއަކާ ހިތްފުރޭވަރުގެ ބޮޑު މުއްސަނދިކަން ލިބުނުގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 22ސ
ޢިބްރަތްތެރި ވާހަކަ: އެންމެ ފަޤީރުޙާލުގަ އުޅެމުންވެސް ބަލިޙާލުގަ އޮތް މަންމަ ބެލުމަށް ޤުރްބާންވި އަންހެނަކަށް ހެޔޮލަފާ ފިރިއަކާ ހިތްފުރޭވަރުގެ ބޮޑު މުއްސަނދިކަން ލިބުނުގޮތުގެ ވާހަކަ-

މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ދެދުނިޔޭގައިވެސް އެންމެ ފައިދާކުރާނެ ކަންތައްނަމަވެސް އެކަމުގައި އިހްމާލުވެ ތިމާގެ އަމިއްލަ އުފަލަށް އިސްކަންދޭ ދަރިވެސް އުޅެއެވެ. ހަމަ އެގޮތަށް މައިންބަފައިން ބެލުމުގައި ޤުރްބާންވާ ދަރިންވެސް އުޅެއެވެ.  

ތިރީގައި އެވަނީ އޭނާގެ ހުރިހާ އުފާތަކެއް މަންމައަށްޓަކައި ޤުރްބާންކުރި އަންހެނަކަށް އެކަމުގެ ބަދަލު ދުނިޔޭގައިވެސް ލިބުނު ގޮތުގެ ވާހަކައެވެ. ރާއްޖޭގައި އެންމެ ނިކަމެތި ޙާލުގައި އުޅޭ މީހުންނާއި އެއްފަދައިން އުޅެމުން އައި އަންހެނަކަށް ހެޔޮލަފާ ރަނގަޅު ފިރިއެއްގެ ލޯތްބާއި ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކައެވެ.

ވާހަކަވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑުގެ ފުރަތަމަ ފިރިމީހާ އާއި ކައިވެނިކުރީ އުމުރުން 23 އަހަރުގައެވެ. އޭނާއަކީ އެހެން ރަށެއްގެ މީހެކެވެ. ކައިވެނިކުރީ އަޅުގަނޑާއިއެކު އަޅުގަނޑުމެންގެ ރަށުގައި ދިރިއުޅޭނެ ކަމަށްބުނެ އެއްބަސްވެގެންނެވެ. އެއީ އަޅުގަނޑަކީ ބަލި މަންމައަކު ބަލަމުން އަންނަ އަންހެނަކަށްވާތީ މަންމަ ދޫކޮށްލާފައި އެހެން ރަށަކަށް ދެވެން ނެތުމުންނެވެ.  

ކައިވެންޏަށް ދެވަނަ އަހަރު އޭނާގެ ވިސްނުން ބަދަލުވެއްޖެއެވެ. ކުއްލިއަކަށް ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވެއްޖެއެވެ. އޭނާއަކީ ރަނގަޅު މީހެކެވެ. އެހެންކަމާއިއެކުވެސް، އޭނާ ކިތަންމެ ރަނގަޅު ނަމަވެސް އެރަށަށް އަޅުގަނޑަށް ދިރިއުޅެން ދެވޭކަށް ނެތެވެ.  

ސަބަބަކީ ރަށް ދޫކޮށްލާފައި އެހެން ރަށަކަށް ބަދަލުވާން މަންމަ ބޭނުން ނުވާތީއެވެ. އެހެންވެ މަންމަ ބަލިހާލުގައި އޮއްވައި މަންމަ އެކަނި ދޫކޮށްލާފައިދާން އަޅުގަނޑު ހިތްހަމަނުޖެހުނީއެވެ. އެކަންކުރަން ނުކެރުނީމެވެ.  

އިސްތިޚާރާވެސް ކުރީމެވެ. ވިސްނުނީ މަންމަގެ ހިތުގައި ޖެހޭނެ ކަމެއް ނުކުރުމަށެވެ. ޤަބޫލުކުރެވުނީ އަދިވެސް ފިރިއަކު ލިބިދާނެއެވެ. ނަމަވެސް މަންމައެއް ނުލިބޭނެއެވެ. އެހެންވެ ރީތިކޮށް ޞުލްޙައިގައި ވަރިވީއެވެ.  

އެޒަމާނަކީ އާމްދަނީ ހޯދަން ރަށުގައި ތިބެގެން އަންހެނުން ކުރާނެ މާގިނަ މަސައްކަތްތަކެއް އޮންނަ ޒަމާނެއް ނޫނެވެ. ފިރިމީހާ އަޅުގަނޑު ދޫކޮށްލާފައި ދިއުމުން ވަރަށް ދަތިޙާލުގައި އުޅެން ޖެހުނެވެ. ނަމަވެސް ކަންބޮޑެއް ނުވަމެވެ. އެއީވެސް މިންވަރުފުޅު ކަމަށް ޤަބޫލުކޮށް މަންމައަށް ޚިދުމަތްކުރަމުން ގެންދިއައިމެވެ.  

މަންމަ ބެލެހެއްޓުމާއި ދިރިއުޅުމުގެ ކަންކަން ބަލަހައްޓަމުން ގެންދިއައީ ގޭގޭގައި މަސައްކަތްކޮށްދިގެންނެވެ. ފޭރާން ބައުވެ ވީދުމުން ފޮތިމަތީގައި ފޮތިއަޅައިގެންވެސް ފޭރާންލައި އުޅުނީމެވެ. ލަދެއްވެސް ނުގަނެއެވެ. ހިތަށް އަރަނީ ލާނެ އެއްވެސް ފޭރާމެއް ނެތް ހާލުގައިވެސް ދުނިޔޭގައި އެތައް ބައިވަރު ބައަކު އުޅޭނެއެވެ.

މަންމައަކީވެސް ވަރަށް ކެތްތެރި އަންހެނެކެވެ. އެއްވެސް އެއްޗަކަށް ބޭނުންވެގެން ނުބުނާނެއެވެ. އަޅުގަނޑުގެ ކިބައިގައި ފުދުންތެރިކަން ހުރިވަރަކުން އަޅުގަނޑުގެ ބޭނުންތައް ނުފުއްދައިވެސް މަންމަގެ ބޭނުންތައް ފުއްދައިދޭނެ ކަމުގެ ޔަޤީންކަން މަންމައަށް އޮންނާނެއެވެ.

ކޮންމެ ރެއަކުހެން ނިދަމުން ބުނާނެއެވެ. "ދަރިފުޅު މަންމައަށް ތިއަކުރާ ޚިދުމަތުގެ އަގުދޭކަށް މަންމައަކަށް ނުލިބޭނެއެވެ. ނަމަވެސް މާތް ﷲ ގެ ޚަޒާނާއަކީ ކިތަންމެ ގިނައިން ނެގިނަމަވެސް މަދުވާނެ ޚަޒާނާއެއް ނޫނެވެ. އިރާދަކުރެއްވިއްޔާ ދަރިފުޅަށް ތަނަވަސް ދިރިއުޅުމެއް ދެއްވަވާނެއެވެ."  

ޖަވާބުގައި އަޅުގަނޑު ބުނަމެވެ. "ކުޑައިރުންސުރެ އަޅުގަނޑު ބަލަން މަންމަ އެތައް އަހަރެއްވަންދެން ކުރި ބުރަ މަސައްކަތުގެ އަގު މާބޮޑުވާނެއެވެ. އަޅުގަނޑާއިމެދު އެހައިވަރަށް ކަންބޮޑުނުވާށެވެ! ވީހާ ގިނައިން ޛިކުރްކުރަން މަސައްކަތްކުރާށެވެ!"  

އެފަދަ ގޮތަކަށް އުޅެމުން ދަނިކޮށް މަސައްކަތެއް ކުރަން ރަށަށް ދިއަ މާލޭ ބައަކަށް އުޖޫރައަށް ކައްކައިދިނުމުގެ ފުރުޞަތު ލިބުނެވެ. އެކަމުގެ ސަބަބުން އަތްމައްޗަށް ކޮންމެވެސް ވަރެއްގެ ތަނަވަސްކަމެއްވެސް ލިބުނެވެ. އެހެންވެ މަންމައަށް ބޭނުންވާ ކަންކަން ކޮށްދޭން މަގުފަހިވިއެވެ. 

އަތްމައްޗަށް ތަނަވަސްކަމެއް ލިބުނުތަނުން ލިބުނީ އެންމެ ބޮޑު ހިތާމައެވެ. ކުއްލިއަކަށް މަންމަ ނިޔާވީއެވެ. ދުނިޔޭގައި އެކަނިވީއެވެ. އެހައި ލޯބިން ބަލަހައްޓަމުން އައި މަންމަ އާއި ވަކިވާން ޖެހުމުން ލިބުނު ހިތާމަ ބުނެދޭކަށްވެސް ނުއެނގެއެވެ. ގެއަށް ވަދެވޭ ކޮންމެ ފަހަރަކު މަންމަގެ އެނދަށް ބަލައިލެވެއެވެ. ހީވަނީ އަދިވެސް މަންމަ އެނދުގައި އޮންނަހެންނެވެ. ރޮވެއެވެ. އެހެންވެ ހަށިގަނޑުވެސް އައީ ހިކި ބަރުދަންވެސް ލުއިވަމުންނެވެ. ކާހިތް ނުވާތީ ނުވެސްކެވޭތީއެވެ.  

އެފަދަ ގޮތަކަށް 3 މަސްދުވަސް ފާއިތުވިތަނާ ކައްކައިދޭ މީހުންގެ ބޮޑުމީހާ އަތުވެއްޖެއެވެ. އެމީހުންގެ ވެރިމިހާވީމާ ބޮޑުމީހާކީ ނަމަވެސް އެއީ 30 ވަރަކަށް އަހަރުގެ ޒުވާނެކެވެ. އެހައި ޒުވާން އުމުރުގައިވެސް 5 ވަގުތު އޭނާ މިސްކިތަށް ދެއެވެ. އެހެންވެ އޭނާއަކީ ރަނގަޅު މީހަކުކަން ޤަބޫލުކުރެވުނެވެ. 

އޭނާ ރަށުގައި އުޅޭތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މީހުންގެ ގާތުގައި އަޅުގަނޑުގެ ކަންކަން އޮޅުން ފިލުވާފައި ފުރަތަމަވެސް އެދުނީ ކައިވެނިކުރުމަށެވެ. ލޯބީގެ އެއްވެސް ވާހަކައެއްވެސް ނުދައްކައެވެ. އަދި ގޭތެރޭގައި މަސައްކަތްކުރަން އުޅޭއިރުވެސް ކޮންމެހެން ބުނަން ޖެހޭ ބަހެއް ނޫނީ ނުބުނެ ހުރެފައި ކައިވެންޏަށް އެދުމުން ފުރަތަމަ ހީކުރީ ސަމާސާކުރަނީ ކަމަށެވެ. 

އަޅުގަނޑަކީވެސް ހަމަ ޒުވާނެކެވެ. ހިތްވެސް ޒުވާނެވެ. ހުރީ ކައިވެންޏެއް ކުރަން އިންތިހާއަށް ބޭނުންވެގެންނެވެ. އެހެންވެ ބުނީމެވެ. "ތިއައީ ސަމާސަކުރަން ދައްކާ ޒާތުގެ ވާހަކައެއް ނޫނެވެ. އަހަރެމެން ފަދަ ނިކަމެތިންނާ ތިއަބޭކަލުންނާ ކުފޫހަމަވާނީ ކިހިނަކުންތޯއެވެ؟"  

އޭނާ ބުނީ "ލޯބިވަމޭ ކިޔައި ގައިގަ އޮޅުލާ ނުހެދީމާ ޤަބޫލުނުކުރެވުނީދޯއެވެ؟ ޒައިނަބް ފެނުނީންސުރެ އައީ ވިސްނަމުންނެވެ. ޒައިނަބްގެ ކަންކަން އޮޅުން ފިލުވައިފީމެވެ. މިއީ ސަމާސާއެއް ނޫނެވެ. މާދަމާ ހެނދުނު ރަންކިޔުއްވަން ފޮނުވާނަމެވެ. މާދަމާ ރޭ ކައިވެނިވެސް ކުރާނަމެވެ. އިން ޝާ ﷲ"  

އެވަރުންވެސް އެނާ ދެއްކި ވާހަކަ އެހައި ބޮޑަކަށް ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް އިންތިޒާރު ކުރެވުނެވެ.  

އަނެއް ދުވަހު އޭނާ ބުނެފައި އޮތްގޮތަށް ކަންތައް ކުރިއެވެ. ހެނދުނު ސައިދީ ނިންމާފައި ގެއަށް އައިސް ފެންވަރައިލި ތަނާ ހެކިވެރިކަމު ހިނގާ ދެމީހުން އައިސް ރަންކިޔުއްވައިފިއެވެ. އެރޭ ކައިވެނިވެސް ކޮށްފިއެވެ. ކައިވެނިކުރިތާ ހަފްތާއެއްހައި ދުވަސްވީތަނާ ގޮވައިގެން މާލެ އަތުވެއްޖެއެވެ.  

މިއަދަކީ (ރަމަޟާން މަހުގެ 1 ވަނަ ދުވަހަކީ) ކައިވެންޏަށް 30 އަހަރު ފުރޭ ދުވަހެވެ. ދެމަފިރިންގެ 7 ދަރިން އެބަތިއްބެވެ. ފިރިމީހާއަކީ އެއިރު ތަނެއްގެ އިސް މުވައްޒިފެއް ނަމަވެސް މިއަދު އޭނާއަކީ ޢިމާރާތްކުރުމުގެ މަސައްކަތުގައި ހަމަ މަޝްހޫރު ކުންފުންޏެއް ހިންގާ މީހެކެވެ. އަދި މިހައިތަނަށް ދުވަހަކުވެސް ދެމީހުން ދެބަސްވެ މޫނުކުނިކުރާކަށް ނުޖެހެއެވެ. އެކަކާއިހުރެ އަނެކަކު ދެރަވެ ކަރުނައަޅާކަށްވެސް ނުޖެހެއެވެ. އަޅުގަނޑު ބުނާނީ އަޅުގަނޑުގެ ފިރިމީހާއަކީ އަޅުގަނޑަށާއި ދަރިންނަށް ހެޔޮކަމުގައި ނަމޫނާ ފިރިއެއް ކަމަށެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުމީ މައިންނަށް ހެޔޮކޮށްހިތާށެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ އަޅުގަނޑަށް މިލިބުނު ހުރިހާ އުފަލެއްގެވެސް އަޞްލަކީ މަންމައަށް ހެޔޮކޮށް ހިތުނުކަން ކަމަށެވެ. މަންމަގެ ހެޔޮ ދުޢާ ކަމަށެވެ.  

ނިކަން ވިސްނަވައިލަ ބައްލަވާށެވެ! އެދުވަހު އަޅުގަނޑު ގޭގޭގައި ނޯކިރީކުރީއެވެ. މިއަދު މިގޭގައި މަސައްކަތްކުރަން 2 އަންހެނުންނާ 2 ފިރިހެނުން (ޑްރައިވަރާއެކު) ފިރިމިހާވަނީ އަޅުގަނޑުގެ ޚިދުމަތަށް ހޯދައިދީފައެވެ.

 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން