ޢަލީ އިޙްޞާން ފިރާޤް ގޯލްބްލެޑަރ ނުވަތަ ފިތަކީ ބަނޑުގެ ވާތްފަރާތުގައި ފުރަމޭގެ ތިރީގައި އިންނަ ކުޑަ ގުނަވަނެކެވެ. ފިތުގެ މައިގަނޑު މަސައްކަތަކީ ފުރަމޭގެ ސެލްތައްކަމުގައިވާ ހެޕަޓޯސައިޓްތަކުން އުފައްދާ ބައިލް ރައްކާ ކުރުމެވެ. އަދި މީގެ އިތުރުން ބައިލް އެސިޑިފައި ކުރުމާއި، ކޮންސެންޓްރޭ ކުރަނީވެސް ގޯލްބްލެޑަރ އިންނެވެ. ބައިލްއަކީ ފެހި ނުވަތަ ރީނދޫ ކުލައިގައި ހުންނަ ދިޔައެކެވެ. މިއީ ހަޖަމު ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ހާއްސަ ގޮތެއްގައި ތެޔޮ އެކުލެވޭ ކާނާ ނުވަތަ ފެޓްސް ހަޖަމުކޮށް ހަށިގަނޑަށް ނަގައި ދިނުމުގައި އިސް ދައުރެއް އަދާ ކުރެއެވެ. ދިގު މިނުގައި 7-10 ސެންޓިމީޓަރު އަދި ފުޅާ މިނުގައި 4 ސެންޓިމީޓަރު ހުންނަ މި ގުނަވަނުގައި 30-50 މިލިލީޓަރުގެ ބައިލް ރައްކާކުރެއެވެ. ކެއުމަށްފަހު ކާތަކެތި ހަޖަމު ކުރުމަށް އެހީތެރިވުމަށްޓަކައި، ބައިލްތައް ކުޑަގޮހޮރަށް ފޮނުވައިދެނީ ކޮމަންބައިލްޑަކްޓު މެދުވެރިކޮށެވެ. ގޯލްބްލެޑަރ ނުވަތަ ފިތަށް ކުރިމަތިވާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ ފިތުގައި ހިލަ އުފެދުމެވެ. ފިތުގައި ހިލަ އުފެދުމަށް މެދުވެރިވާ ސަބަބު ކަނޑައެޅިގެން ދެނެގަނެވިފައި ނުވިނަމަވެސް، ބައެއް ކަހަލަ ތިޔަރީތައް ބަޔާންކޮށްފައި ހުރެއެވެ. އެގޮތުން ގޯލްބްލެޑަރގައި ހުންނަ ބައިލްގައި މާގިނައިން ކޮލެސްޓްރޯލް އާއި ބިލިރުބިން ހުރުން ހިމެނެއެވެ. އަދި ކޮންމެވެސް ސަބަބަކާހުރެ ގޯލްބްލެޑަރގައި ހުންނަ ބައިލް ބޭރުނުކުރެވި ހުރުންވެސް ހިމެނެއެވެ. ގޯލްބްލެޑަރގައި ހިލަ އުފެދިފައި ހުންނަ ބައެއް ފަރާތްތަކަށް އޭގެ ސަބަބުން އަލާމަތެއް ނުފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ޖޯންޑައިސް ނުވަތަ ރީނދޫވުމާއި، ބަނޑުގެ ކަނާތްފަރާތުން މައްޗަށް ވާ ހިސާބަށް ތަދުވުމާއި، ހުން އައުން ހިމެނެއެވެ. ކުރިންވެސް ދެންނެވި ފަދައިން ގޯލްބްލެޑަރގައި ހިލަ އުފެދިފައި ހުއްޓަސް ތަދުވުން ކަހަލަ އަލާމަތެއް ނުފެނި ހިނގައިދާނެއެވެ. ގިނަ ފަހަރު ހިލަ ހުރިކަންވެސް އެނގެނީ ކޮންމެވެސް ކަމަކު އެކްސްރޭ އެއް ނުވަތަ ސްކޭންއެއް ހެދުމުންނެވެ. ގިނަ ފަހަރު އަލާމާތްތައް ފެންނަނީ ހިލައިގެ ސަބަބުން ޑަކްޓެއް ބެދުމުގެ ސަބަބުންނެވެ. ފިތުގައި ހިލަ އުފެދުމުން ކުރާ މައިގަނޑު ފަރުވާއަކީ، އޮޕަރޭޝަން ކޮށްގެން ފިތްނެގުމެވެ. މި އޮޕަރޭޝަންއަށް ކިޔަނީ ކޮލެސިސްޓެކްޓޮމީ އެވެ. މި ސާޖަރީއަށްފަހު ބައިލްތައް އެއްވެސް ތާކު ރައްކާނުކޮށް ސީދާ ދާނީ ކުޑަގޮހޮރުގެ ތެރެއަށެވެ.