ޢިބްރަތްތެރި ވާހަކަ: ފަޤީރު ޙާލުގަ ވަރިކޮށް މަގުމަތިކޮށްލުމުން ރަނގަޅު ގޮތުގަ ހުއްޓައި ތަނަވަސް ފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ޢިބްރަތްތެރި ވާހަކަ: ފަޤީރު ޙާލުގަ ވަރިކޮށް މަގުމަތިކޮށްލުމުން ރަނގަޅު ގޮތުގަ ހުއްޓައި ތަނަވަސް ފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-

އޭނާގެ ޢުމުރަކީ 30 އަހަރެވެ. ހުރީ ކައިވެނިކޮށްގެންނެވެ. އެހެންކަމާއިއެކުވެސް ގެއެއްގައި ނޯކިރީކުރެއެވެ. މަހަކު 4000 ރުފިޔާގެ މުސާރައަކަށެވެ. މަސައްކަތަށް ރަނގަޅުކަމުން ގެއިން އޭނާއަށް އިތުރަށްވެސް އެހީތެރިވެއެވެ.  

އޭނާގެ މަސައްކަތް ނިންމާފައި ލަސްވެގެން 6 ޖަހާއިރު ގެއަށް ދެއެވެ. އެކަމަކަށް ގޭގެ މީހަކު އެއްވެސް މައްސަލައެއް ނުޖައްސައެވެ. ގޭގެ މީހުން ކަންބޮޑުވާންފެށީ ގެއަށް ދިއުން ލަސްކޮށް 8،9 ޖަހަންދެން މަޑުކުރަން ފެށުމުންނެވެ.  

އެގޮތަށްދިމާވާން ފެށުމުން ގޭގެވެރިމީހާ އެއްރޭ އޭނާއަށް ފާރަލިއެވެ. މަސައްކަތް ނިމިގެން ގެއަށް ނުގޮސް ކޮންމެވެސް ނުރަނގަޅު ތަނަކަށް ދަނީކަމަށް ހީކުރެވިގެންނެވެ. އެހެންވެ އޭނާ ގެއިން ނުކުތުމުން ދާތަނެއް ސިއްރުން ބެލިއިރު ގޮސްވަނީ ގޭގެ ފުރަގަހަށެވެ. ހިނގާފައި ދިއައީވެސް ވަގަކު ހިނގާހެން ވަރަށް ސިއްރުންނެވެ.  

އިރުކޮޅަކު މަޑުކޮސްލުމަށްފަހު ފަހަތުން ގޮސްބެލިއިރު އޮތީ ގޭގެ ފުރަގަހުން ތަޅުންގަނޑުމަތީގައި އޮށޯވެގެންނެވެ. ގައިދޮށުގައި އަޅާފައި އޮތީ ބޯކަރުދާހެވެ. ކައިރީގައި ކުޑަ ފޮށްޓެއްވެސް ހުއްޓެވެ. 

އޭނާ ގެއަށްވަދެ އަނބިމީހާވެސް ގޮވައިގެންގޮސް އޭނާއަށް ގޮވައި ގެނެސް ގެއަށްވައްދާފައި ސުވާލުކުރުމުން ބުނީ ފިރިމީހާ އޭނާ ވަރިކޮށްލާފައި ގެއިން ނެރެލުމުން ދާނެތަނެއް ނެތީމާ އެތަނުގައި ނިދަނީކަމަށެވެ. އަދި އެކަމަށްޓަކައި މާފަށް އެދޭކަމަށެވެ. އަނބިމީހާއަށް ރޮވުނެވެ. އެއީ އެހާ ރަނގަޅު ނޯކަރަކަށް އެފަދަ ބޮޑު ނިކަމެތިކަމެއް ލިބުނީތީއެވެ.  

އެވާހަކަ ކުރިން ނުބުނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ ނޯކިރީކުރަނީ ގޭގައި ނިންދަވާގޮތަށް ނޫންވީމާ ބުނަންނުކެރުނީ ކަމަށެވެ. ދެމަފިރިން އޭނާއަށް ނިދާނެ ކޮޓަރިއެއް ދެއްކިއެވެ. އަދި ކޮޓަރީގައި ހުންނަން ބުންޏެވެ. އަދި ގޭގައި ހުންނާތީ ރޭގަނޑާއިއެކު މަސައްކަތްކުރާނެތީ މުސާރައަށް 2000 ރުފިޔާ އިތުރުކޮށްދޭނެ ކަމަށް ބުނުމުން އޭނާ ބުނީ ގޭގައި ބަހައްޓައިދޭތީ އިތުރު ފައިސާއެއް ބޭނުން ނޫންކަމަށެވެ. އެކަމުންވެސް ދެމަފިރިންނަށް އޭނާގެ ހުރި ރަނގަޅުކަމެވެ.  

އޭނާއަށް ދެން ލެއްވެވީ މާބޮޑު ރަޙްމަތެކެވެ. ގެއަށް އައިސް އުޅޭ ރަނގަޅު، ތަނަވަސްކަންވެސް ހުރި މީހަކު ބޭނުންވެގެން އޭނާއާއި ކައިވެނިކުރީއެވެ. އޭނާއަކީ ދެކައިވެނިކޮށް ލަނޑުލިބިފައި ހުރި މީހަކަށްވުމުން ފަޤީރު އަންހެނަކާއި ކައިވެނިކުރަން ބޭނުންވީއެވެ. އޭނާއަކީ ރީތިވެސް ކުއްޖެއްކަމުން ހިތްޖެހުނީއެވެ.  

މިވާހަކަ ކިޔާފައި އަޅުގަނޑުގެ ހިތަށް ފުރަތަމަވެސް ވަނީ މިއަދުނޫހުގައި ލިޔެފައި ހުންނަ ލިޔުންތަކެވެ. ކުށެއްނެތި އެކަނިވެރިވާންޖެހިއްޖެނަމަ މާރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެ ކަމުގެ ވާހަކަތަކެވެ. އެހެންވެ ހަމަ ޙިއްބާކޮށްލަން ބޭނުންވީއެވެ.

ހަމަޤައިމުވެސް އޭނާގެ ކުރީގެ ފިރިމީހާއަކީ ތަނަވަސް މީހެއްނަމަ ގޭގޭގައި ނޯކިރީކުރާކަށް އަނބިމީހާއަކަށް ނުޖެހުނީހެވެ. އެކަމުން އެނގެނީ އޭނާގެ ކުރީގެ ދިރިއުޅުމަކީ ނުފުދި އުޅުނު ފަޤީރު ދިރިއުޅުމެއްކަމެވެ. އެޙާލުގައިވެސް ވަރިކޮށްލުމުން އޭނާއަށް އެލިބުނީ ތަނަވަސް ދިރިއުޅުމެކެވެ. ހަމައެއާއިއެކު ވަރިކުރީ އޭނާގެ ކުށުން (ބޭވަފާތެރިވެގެންނަމަ) ވަރިކުރީމާ އެގޭގައި ގިނަ ވަޤުތު ހޭދަކޮށް އަދި އެގޭގެ ފެންޑާއެއްގައި އެގޮތަށް ނިދާކަށް ނުޖެހުނީހެވެ.  

ކޮންމެއަކަސް މިއީ ކުރުނަމަވެސް ވަރަށް ޢިބްރަތްތެރި ފިލާވަޅެއްކަމަށާއި ކުށެއް ނެތި އެކަނިވެރިވާ މައިންނަށް ހިތްވަރެއް ކަމަށް އަޅުގަނޑު ދެކެމެވެ.

 

- ސަބީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން