ޢިބްރަތްތެރި ވާހަކަ: ފަޤީރަކަށް ހެދިގެން ތަނަވަސްކަން ނެތް މީހަކާ ކައިވެނިކުރި އަންހެނަކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ޢިބްރަތްތެރި ވާހަކަ: ފަޤީރަކަށް ހެދިގެން ތަނަވަސްކަން ނެތް މީހަކާ ކައިވެނިކުރި އަންހެނަކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

ތަނަވަސް މީހުން އެމީހުންގެ ތަނަވަސްކަން ސިއްރުކޮށް ފަޤީރަކަށް ހެދިގެން ބައިވެރިއަކު ހޯދަން އުޅުމަކީ ކުރެވޭ ކުށެއް ކަމަށް ދެކޭ ބައަކު އުޅެއެވެ. މިއީ ވަރަށް ވިސްނަންޖެހޭ ކަމެކެވެ. ﷲ ދެއްވެވި ތަނަވަސްކަމާއިމެދު ދޮގުހެދުމެއް ނެތެވެ. ނަމަވެސް ތަނަވަސްކަން ހުރިކަން ނުދެއްކުމަކީ މައްސަލައެއް ނޫނެވެ. އެއީ ބައެއް ޙާލަތްތަކުގައި ކުރަން ފައިދާހުރިވެސް ކަމެކެވެ.  

ލޯބި މިނާ ނާޅިއަކީ ތަނަވަސްކަން ކަމަށް ގިނަ ބައަކު ހަދައިފިއެވެ. ނަތީޖާއަކީ ލޯބި މިކިޔާ އަގުބޮޑު ޖަވާހިރުގު ވެއްޓުމެވެ. އެއީ މަކަރާ ހީލަތްހަދަން ބޭނުންކުރާ ހަތިޔާރަކަށްވުމެވެ. މިކަންކަން އެންމެންހެން ޤަބޫލުވެސް ކުރެއެވެ. ނަމަވެސް ސަމާލުކަމެއް ނުދެއެވެ.  

ތިރީގައި އެވަނީ ތިމާދެކެ ލޯބިވާ ބައިވެރިއަކު ހޯދަން ތަނަވަސް އަންހެންކުއްޖަކު ޢަމަލުކުރިގޮތުގެ ވާހަކައެވެ. އެންމެންނަށްވެސް ވަރަށް ރަނގަޅު ފިލާވަޅެކެވެ.   

އަހަރެންނަކީ ތަނަވަސް ބައްޕައެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ވަރަށް ގިނަ ފިރިހެނުން އަހަރެންގެ ކައިވެންޏަށް އެދިގެން އައުދެއެވެ. ތަނަވަސް މީހުން އެމީހުންގެ ދަރިންނާއި ކައިވެނިކުރުވަންވެގެން ބައްޕަމެންނާއި މަޝްވަރާކުރެއެވެ. ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް އަހަރެން ޤަބޫލެއް ނުކުރަމެވެ.  

އަހަރެން ވިސްނަމުން ދިއައީ އަހަރެންގެ ބައްޕައަކީ ތަނަވަސް މީހެއްކަން ނުއެނގި އަހަރެންދެކެ ލޯބިވާނެ މީހަކު ހޯދައިގެން ކައިވެނިކުރުމަށެވެ. އެކަމަށް ވިސްނަމުން ދިއަ ދުވަސްވަރު ވަރަށް ފަޤީރު އެކުވެރިން ކޮޅެއް ހޯދީމެވެ. އަދި އެމީހުންނަށްވެސް އަހުރެންގެ ޙަޤީޤަތް ސިއްރުކުރީމެވެ. އަހުރެން އެމީހުންނާއިއެކު އުޅެމުން ދިއައީ އެމީހުންނާއި އެއް ފެންވަރުގެ އަންހެނަކަށް ހެދިގެންނެވެ. އެކުދިންނާއިއެކު ކޮފީއަކަށް ދިއަ ނަމަވެސް ގެންދަނީ ކުދި ނޫޓެވެ. ބޮޑެތި ޢަދަދުތަކުގެ ނޫޓު ނުވެސް ގެންގުޅެމެވެ. އަތުގައި ކޭޝްކާޑު ހުންކަމެއްވެސް ނުއަންގަމެވެ.  

ކޮންމެއަކަސް އެގޮތަށް އުޅެނިކޮށް ބައްދަލުވި ޒުވާނަކަށް އަޅުގަނޑު ކަމު ހިނގައްޖެއެވެ. އަޅުގަނޑަށް ލޯބި ހުށަހަޅައި ކައިވެނިކުރަންވެސް އެދިއްޖެއެވެ. އެޒުވާނާއަކީ މިބުނި އެކުވެރިންގެ ތެރެއިން ކުއްޖެއްގެ ބޭބެއެވެ. ފަޤީރު ނަމަވެސް ކިޔަވައިގެންހުރި ޒުވާނެކެވެ. ތަޤްވާވެރި އަޚްލާޤް ރަނގަޅު ޒުވާނެކެވެ.  

އަހަރެންގެ ބައްޕަމެން ކުޑަކޮށް ފޫކެހިއެވެ. ފަހަތު ފައަށް ބުރަވިއެވެ. ނަމަވެސް އަހަރެންގެ ނިންމުމަށް ތާއީދުކޮށް ކައިވެންޏަށް ރުހުން ދިނުމުން ކައިވެނިކުރީއެވެ. އަޅުގަނޑުގެ ޙަޤީޤަތް އޭނާއަށް އެނގޭނީ ވެސް ކައިވެނީގެ ރަސްމިއްޔާތުގައެވެ. ބައްޕަމެން ފެނުމުންނެވެ.  

ކޮންމެއަކަސް ކައިވެންޏަށް 3 އަހަރުފުރުނުއިރު ބައްޕަވަނީ އަމިއްލައަށް މަސައްކަތްތަކާއި ދުރުހެލިވެފައެވެ. ހުރިހާ މަސްއޫލިއްޔަތުތަކެއް ފިރިމީހާ އާއި ޙަވާލުކޮށްފައެވެ. ބައްޕަކުރާ ކަމަކީ ހަމައެކަނި އޮޑިޓް ރިޕޯޓްތައް ބެލުމެވެ. ފިރިމީހާއަށް ނަޞޭޙަތްދީ ކަންކަން ކުރަންވާ ގޮތް ކިޔައިދީ އިރުޝާދުދިނުމެވެ.

އެހާބޮޑު އިތުބާރެއް ފިރިމީހާއަށް ކުރެވުނީ އޭނާގެ ކިބައިން ރަނގަޅު ސިފަތަކެއް ފެނުމުންކަން އެއީ ނުބުނި ނަމަވެސް ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. ބައްޕަ އެންމެ ބޮޑަށް ރުހުނު އެއްކަމަކީ ދޭ މުސާރައިގެ އިތުރުން އެއްވެސް ކަމަކު ބައްޕަގެކިބައިންވެސް އަދި އަޅުގަނޑުގެ ކިބައިންވެސް ނުއެދޭތީއެވެ. އަޅުގަނޑުގެ ކޭޝްކާދުގައި އަތްވެސްނުލާތީއެވެ. ފިރިމީހާގެ ގޮތް ބަލަން ބައްޕަ ކުންފުނީގެ ކޭޝްކާދެއްވެސް ދިނެވެ. ނަމަވެސް އަމިއްލަ އެއްވެސް ޚަރަދެއް ކާޑުން ނުކުރާތީއެވެ. އެކަންކަމުން ބައްޕައަށް ޔަޤީންވީ އޭނާއަކީ ފައިސާއަށް ދަހިވެތި މީހެއް ނޫންކަމެވެ. އަދި އެހެން މުވައްޒިފުންނަށްވުރެ ކުރިން އޮފީހަށްދާތީ މުރާލި މީހެއްކަންވެސް އެނގުމުންނެވެ.  

ކައިވެންޏަށް މިހާރު 12 އަހަރު ފުރިއްޖެއެވެ. ދެމަފިރިންގެ މެދުގައި ދެބަސްވާންޖެހޭ ޙާލަތެއް ދިމައެއް ނުވެއެވެ. މައިން ބަފައިން އަހަރެމެން ދެކެ ހިތްހަމަ ނުޖެހި ރުޅިއަންނަން ޖެހޭފަދަ ކަމެއްވެސް ކުރިމަތިވެފައެއް ނުވެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނާއި މިވާހަކަކޮޅު ޙިއްޞާ ކޮށްމިލީ ފައިދާއެއްކޮށްފާނެ ކަމަށެވެ. ޢިބްރަތަކަށް ފުދޭނެ ކަމަށެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކައިވެނިކުރަންވީ ކޮންމެހެން ތަނަވަސްކަމަށް ބަލައިގެނެއް ނޫނެވެ. ތަނަވަސްކަން ދައްކައިގެނެއްވެސް ނޫނެވެ. ފަޤީރު ޙާލުގައި ހުއްތައި ލޯބިވާ މީހަކާއެވެ. ނޫންނަމަ އެ ލޯބިވަނީ އެމީހަކު ދެކެއެއް ނޫނެވެ. ތަނަވަސްކަން ދެކެއެވެ.

 

- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން