އެއީ އަމިއްލަ ކުންފުންޏެކެވެ. ކުންފުނި ހިންގުމުގަ އިސްކޮސްތިބެނީ ބައްޕައާއި ދަރިފުޅެވެ. ހުރިހާ އަންހެން މުވައްޒިފުންހެން ތިބެނީ ދަރިފުޅާއި ގުޅެން ބޭނުންވެގެންނެވެ. ތަފާތު މަޅިތައްވެސް ޖަހައެވެ. އެކަމަކު އެޒުވާނާ ހުންނަނީ ސަލާމަތްވެގެންނެވެ.
ޒުވާނާއާއި ގުޅުމަށް އެންމެ ބޮޑަށް މަސައްކަތްކުރަނީ ރިޝްމާއެވެ. ރިޝްމާއަށް ފާހަގަކުރެވެންފެށި އެއްކަމަކީ ޚަދީޖާއަސް ޒުވާނާ ސަމާލުކަންދޭކަމެވެ. އެހެން މުވައްޒިފުންނަށްވުރެ ބޮޑަށް ޚަދީޖާއަށް ޒުވާނާ ހިނިތުންވާތީއެވެ.
ޚަދީޖާ ވަޒީފާއިން ވަކިކުރެވޭނެ ގޮތަކަށް ވިސްނަމުންގޮސް އެއްދުވަހަކު އޮފީހުގެ ގިނަ ޢަދަދެއްގެ ފައިސާ ޚަދީޖާއަށް ނުއަންގައި އޭނާގެ ބަހަށްލުމަށްފަހު ފައިސާތައް ގެއްލިއްޖެކަމަށް ބުނުމުން އެންމެންގެ ވަތްގަނޑުތަކާއި ދަބަސްތައް ބަލަމުންދަނިކޮށް ފެނުނެވެ.
އެކަމަށް ގަތްލަދުންނާއި ވީދެރައިން ޚަދީޖާ ރޯންފެށިތަނާ ކެބިނުން ނުކުމެގެން ބައްޕަ (އިސްމީހާ) އެތަނަށް އައިސް އަމުރުކުރީ ކެމެރާގެ ފުޓޭޖް ހަމަމިހާރު ބެލުމަށެވެ. ބެލުމުން ކަންހިނގާފައިވާ ގޮތް ފެނުނެވެ. ޚަދީޖާ މޭޒުގައި ނެތިސް އޭނާގެ ދަބަސްހުޅުވައި ފައިސާތައް ބަހަސްލާތަން ސާފުކޮސް ފެނުނެވެ. ޚަދީޖާ އެވަޤުތު އުފަލުން ޝުކުރުގެ ސަޖިދަކުރިއެވެ.
ވެރިމީހާ ބުނީ މިހުންނަނީ މާފުކުރެވޭނެ ކަންކަން ނޫންކަމަށާއި ރިޝްމާއަށް ދެން އިތުބާރުނުކުރެވޭނެތީ ވަޒީފާއިން ވަކިކުރީ ކަމަށެވެ. "ހުރިހާ މުވައްޒިފުންވެސް ރަނގަޅަށް ވިސްނާތި! ބައަކު އޮފީހުގަ ގެންގުޅޭ މުވައްޒިފުންގެ ބޭނުން ނަހަމަ ގޮތުގަ ހިފިޔަސް އަހުރެން އެފަދަ ކަމެއް ދުވަހަކުވެސް ނުކުރާކަން އެންމެ ރަނގަޅަށް އެނގޭނީ ކަލޭމެންނަށް. އަހުރެމެން ދެމަފިރިން އަހުރެމެންގެ ދަރިފުޅުވެސް ތަރުބިއްޔަތުކޮށްފަ އެހުރީ އެގޮތަށް. އޭނާގެ ބޮލަކަށް ޗިޕެއް ނުޖެހޭނެ! ދަރިފުޅު ކައިވެނިކުރާނީ އޭނާ ބޭނުންވާ އަންހެނަކާ! ވީމާ އެކަކު އަނެކަކަށް ޙަސަދަވެރިވެ މިބާވަތުގެ ކަންކަން ނުކުރާތި! އޮފީހުގަކުރާ ކަންކަމާ ބޭރުގަ ކުރާ ކަންކަންވެސް އަހުރެންނަށް ނޭނގޭނެ ކަމަށް ހީނުކުރާތި! އަޞްލުގަ މިއީ ވައްކަމުގެ މައްސަލައެއް ނޫން! މިއީ ލޯބީގެ ޙަސަދަވެރިކަން! މިވާހަކަ ބުނަން މިޖެހުނީ މިބާވަތުގެ ކަމެއް އިތުރަށް ހިނގަން ފުރުޞަތުނުދޭން!"
އެއިގެ ހައަކަމަސް ފަހުން ހުރިހާ މުވައްޒިފުންނަށް ބޮޑު ސިހުމެއް ލިބުނީ ބޮސްގެ ދަރިފުޅާއި ޚަދީޖާގެ ކައިވެނީގެ ޙަފްލާއަށް ދަޢުވަތުކާޑުލިބުމުންނެވެ. ޚަދީޖާއަކީ ފަޤީރު ކުއްޖެކެވެ. އެކަމަކު އަޚްލާޤީ ގޮތުން ވަރަށް ރަނގަޅު އަދި އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް މުވައްޒިފެވެ. ޒުވާންވެރިޔާ ޚަދީޖާއަށް ބޮޑަށް ހިނިތުންވަމުން އައީ ލޯބިވާތީއެއް ނޫނެވެ. މަސައްކަތަށް ހީވާގިވެފައި އޮފީހުގައިވެސް ނަމާދުކުރާތީއެވެ. އެކަމުގައި ކުރިލައި ހެދެމުން އައިސް ލޯތްބަށް ބަދަލުވެ ކައިވެނިކުރީއެވެ.
މިއީ އަޅުގަނޑު މަސައްކަތްކުރާ އޮފީހުގައި ހިނގި ކަމެކެވެ. މިބާވަތުގެ ވާހަކަތައް ލިޔާތީ މިއަދުނޫސް މެދުވެރިކޮށް ބުނެލަން ބޭނުންވަނީ މީހަކު ދެކެ ލޯބިވިޔަސް، އަދި ތަނަވަސްކަން ބޭނުންވިޔަސް ޙަސަދަވެރިނުވާށެވެ. އެކަން ތިމާއާއި އަރައިހަމަކުރާނީ މާހިތްދަތި ގޮތަކަށެވެ.
- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-