ބައިވެރިޔާ ބޭވަފާތެރިވެ ހިންގި ގުޅުމެއްގެ ތެރެއިން ދަރިއަކު ލިބުނީއެވެ. އެދަރިފުޅު ބަލަން އަނބިމީހާއަށް އެބަޖެހެއެވެ. ފަހަރެއްގައި މިއީ އެހައި ގިނައިން ދިމާވާ ކަމަކަށް ނުވެދާނެއެވެ. އެކަމަކު ދިމާވާ ކަމެކެވެ. މިފަދަ ގޮތެއް މެދުވެރިވުމުން ޢަމަލުކުރާނެ ގޮތަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.
ފުރަތަމަ ކަމަކީ ބައިވެރިޔާ ބޭވަފާތެރިވުމަށް އެއްވެސް އަންތބަކު ނުރުހޭނެއެވެ. އެކަމަށް ނަފްރަތުކުރާނެއެވެ. ނަމަވެސް އެނަފްރަތު އެދަރިފުޅަށް ނުކުރާށެވެ. އެކުއްޖާއަކީ އެއްވެސް ކުށެއްނެތް މައްޞޫމްކުއްޖެކެވެ. އެކުއްޖާއަށް ހެޔޮކޮށްހިތައިގެން ގެންގުޅޭށެވެ. އެކަމަށް ޙައްޤު ޖަޒާ ޤިޔާމަތް ދުވަހު ދެއްވަވާނެތެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި އެއީ އެތައް ބައިވަރު ޘަވާބެވެ.
ތިރީގައި އެވަނީ އެފަދަ 2 ޙާދިސާއެއްގެ ވާހަކައެވެ.
އަޅުގަނޑަށް މިވަނީ ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެފައެވެ. އަޅުގަނޑުމެން 2 އަންހެނުންނަކީ އެންމެ ގާތް ދެ އެކުވެރިންނެވެ. ދެއަނހެނުންގެ ފިރިންނަކީވެސް އެންމެ ގާތް ދެ އެކުވެރިންނެވެ.
އެ ދެމަފިރިންގެ ކައިވެނި ރޫޅިއްޖެއެވެ. އެކުވެރިޔާ ވަކިވެގެން ދިއައީ ދަރިފުޅުވެސް ދޫކޮށްލައިފައެވެ. ދެ ފިރިހެނުން ސައްލާކޮށްފައި އަޅުގަނޑުގެ ގާތުގައި އަހައިވެސް ނުލައި ދަރިފުޅު ގެއަށް ގެނެސް އަޅުގަނޑާއި ޙަވާލުކޮށްފިއެވެ.
އެދަރިފުޅަކީ އަޅުގަނޑުގެ ފިރިމީހާގެ ދަރިއެއްކަން އަޅުގަނޑަށް އެނގެއެވެ. އެކަން ފަޅާއެރުމުން ފިރިމީހާވަނީ ކުށަށް އިޢުތިރާފްވެ މާފަށްވެސް އެދިފައެވެ. އަޅުގަނޑު ވާނީ މާފުވެސްކޮށްފައެވެ. ނަމަވެސް އެދަރިފުޅުގެ ޙަޤީޤަތް އެދެމަފިރިންގެ މެދުގައި އޮތީ ސިއްރުކުރެވިފައެވެ. ޙަޤީޤަތް ހާމަކުރަން ފިރިމީހާ ބޭނުމެއް ނުވެއެވެ.
އެކަން އަޅުގަނޑު ހާމަކޮށްފިނަމަ ދެފިރިހެނުންގެ އެކުވެރިކަން ގެއްލިދާނެތީ އަޅުގަނޑަކަށްވެސް އެކަން ކުރެވޭކަށް ނެތެވެ. ދެމީހުންނަކީ ވިޔަފާރީގައި 2 ޕާޓްނަރުންނެވެ. ވަކިވެއްޖެނަމަ ވިޔަފާރިވެސް ބަގުރޫޓުވެދާނެތީއެވެ.
ނަމަވެސް މިކަމުގެ ސަބަބުން އަޅުގަނޑުގެ ނަފްސަށް ވަރަށް ގިނަ އުނދަގޫތައް އެބަ ލިބެއެވެ. މިހާލަތުގަ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކޮންމެ ގޮތެއްވީނަމަވެސް އެކުއްޖާގެ އެއްވެސް ކުށެއް ނެތެވެ. ކަންދިމާވިގޮތުން ކުއްޖާއަށް އަންންޖެހިފައި ތިއަވަނީ ދުރުހިލޭ މީހެއްގެ ގާތަކަށް ނޫނެވެ. ކުއްޖާގެ ބައްޕަގެ ގާތަށެވެ. ކިޔުންތެރިޔާއަށް ވާންޖެހޭނީ ދޮންމަންމައަށެވެ.
ވީމާ އެންމެ ރަނގަޅު ގޮތްކަމަށް ވިސްނެނީ އެއްވެސް ކުށެއް ނެތް މަޢްޞޫމް ކުއްޖާ ނިކަމެތިކޮށްނުލައި އެގޮތުގައި ބަލައިގަތުމެވެ. ދޮންމަންމަގެ ޙައިޞިއްޔަތުން ކުއްޖާއަށް ހެޔޮކޮށް ހިތައި ރަނގަޅަށް ބަލައި ބޮޑުކުރުމެވެ. އެކަންކަމަށް ހިތްވަރާއި ތައުފީޤްދެއްވެވުން އެދިގެން ދުޢާކުރުން ގިނަކުރާށެވެ!
ފިރިމީހާއަށް ކުރި މާފަކީ މާފަކަށް ހަދައި އެކަން ދަމަހައްޓާށެވެ! ވީކަމެއް އެއޮތީ މާކުރިންވެނިމިފައެވެ. އަދި ކުއްޖާ ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ ފިރިމީހާގެ ލޯބި ތިބާއަށް އިތުރުވާނެ ސަބަބަކަސްވުންވެސް ވަރަށް ގާތެވެ. އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ.
ތިރީގައި އެވަނީވެސް ހަމަ ތިއަފަދަ ކަމެއްގެ ވާހަކައެވެ. ކިޔައި ހިތްވަރު ލިބިގަންނާށެވެ!
އެ ދެ އަންހެނުންނަކީ ސްކޫލުގައިވެސް ޔުނިގައިވެސް ވަރަށް އެކުގައި އުޅުނު ދެ އެކުވެރިންނެވެ. ދެމީހުން ކައިވެނިކުރީވެސް ދާދިއެކުއެކުގައެވެ. ކައިވެންޏަށް ދެވަނަ އަހަރު އަނާއަށް ދަރިއަކު ލިބިއްޖެއެވެ. އެކަންވީ ޝީލާއަށް ލިބުނު ޙައިރާންކަމަކަށެވެ. ސަބަބަކީ އޭނާގެ ފިރިމީހާއަކީ ފަނިމަރުވެފައިވާ މީހެއްކަމަށް ޓެސްޓްތަކުން ދެއްކުމުން އެކަމާއި ދެރަވެ އެކަން ޙިއްޞާކޮށްފައި އޮތުމުންނެވެ. ކޮންމެއަކަސް ދަރިން ދެއްވެވެވުމާއި ނުދެއްވެވުން ވަނީ ވަކި ފަރާތަކަށް ޚާއްޞަވެގެންކަން ޝީލާއަށް ޤަބޫލުކުރެވޭތީ އިތުރަށް ސުވާލެއް ނުކުރެއެވެ.
ޝީލާ ދެރަވަނީ ޝީލާގެ ފިރިމީހާ ދަރިއަކު ހޯދަން ބޭނުން ނުވާތީއެވެ! ޝީލާ ދަރިއަކަށް ބޭނުންވެއެވެ. ނަމަވެސް ފިރިމީހާ ބުނަނީ އަދި އޭނާ އެކަމަށް ތައްޔާރުނުވާ ކަމަށެވެ.
އަނާއަށް ލިބުނު ދަރިފުޅަށް 3 އަހަރުގައި އެކްސިޑެންޓެއްވެފައި އޭނާ ނިޔާވެއްޖެއެވެ. އަނާ ނިޔާވުމުން އަނާގެ ފިރިމީހާ އޭނާގެ ދަރިފުޅު ބަލައިދިނުމަށް ޝީލާގެ ކިބައިން އެދުނެވެ. ޝީލާ އުފަލާއިއެކު އެކަން ޤަބޫލުކުރިއެވެ.
ކުއްޖާގެ އުމުރުން 7 އަހަރުގައި ޖެހުނު ބައްޔަކާއި ގުޅިގެން ވަރަށް ގިނަ ޓެސްޓްތަކެއް ހަދަން ޖެހުނެވެ. ދަރިފުޅާއި ބައްޕަގެ ޑީއެންއޭ ދިމާނުވާކަން އެނގުމުން ޝީލާއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އަނާއަކީ އެފަދަ ކަމެއް ކޮށްފާނެ އަންހެނެއް ހެއްޔެވެ؟ އެކަން ޝީލާއަކަށް ޤަބޫލެއް ނުކުރެވުނެވެ.
ކޮންމެއަކަސް އެކި ގޮތްގޮތަށް ވިސްނަމުން ގޮސް ކުރި ޓެސްޓްތަކުން އެނގުނީ ކުއްޖާގެ ބައްޕައަކީ ޝީލާގެ ފިރިމީހާކަމެވެ. ދެން ކުރާނީ ކީއްހެއްޔެވެ؟ ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އަނާގެ ފިރިމީހާ ދަރިފުޅުދެކެ ލޯބިން މޮޔަވަނީއެވެ. އެކަން އަންގައިފިނަމަ އޭނާ ދުނިޔެއިން މޮޔަވެސް ވެދާނެތީ ބިރުގަނެއެވެ.
ކޮންމެއަކަސް ފިރިމީހާގެ ކުށަށް އިއުތިރާފްވުމުން ޝީލާއަށް އިތުރަށް ފިރިމީހާ ބަލައެއް ނުގަނެވުނެވެ. ވަރިވީއެވެ. ނަމަވެސް އެކުވެރިޔާ، އަނާ ވިހެއި ދަރިއަކަށްވެފައި އަނާ ދުނިޔޭގައި ނެތުމުން ދަރިފުޅު ބަލައިދިނެވެ. އަދި އެކަމުގެ ތެރެއިން އުފެދުނު ގުޅުމުގައި އަނާގެ ފިރިމީހާ އާއި ކައިވެނިވެސް ކުރިއެވެ. އެދެމީހުން ޙަޔާތް ވޭތިކުރީ ވަރަށް އުފަލުގައެވެ. ޝީލާ އެބޮޑު ސިއްރު ހަމަ ބޮޑު ސިއްރުގެ ގޮތުގައި ބޭއްވީއެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއީ ދުނިޔޭގެ ކޮންމެވެސް ޤައުމެއްގައި ހިނގާފައިވާ ކަމެއް ނަމަވެސް ޚުދު އަޅުގަނޑުމެންގެ ތެރެގައި ވެސް މިފަދަ އެތައް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. ރާއްޖޭގައިވެސް މިފަދަ ކަންކަން މެދުވެރިވަމުން ދަނީ މަދަކުން ނޫނެވެ. މާމާތް އަބުރުވެރި ބައަކަށް ހެދިގެން ތިބެ ކަންކަން ސިއްރުކުރަނީއެވެ.
މިހައި ޔަޤީންކަމާއިއެކު ބުނަން މިކެރެނީ އަޅުގަނޑުގެ ކޮއްކޮގެ ފުރަތަމަ ކައިވެނިވެސް ރޫޅާލަން ޖެހުނީ ހަމަ މިފަދަ މައްސަލައެއްގައެވެ. ކޮއްކޮގެ އެންމެ ގާތް އެކުވެރިޔާ ކޮއްކޮގެ ފިރިމީހާއަށް ބަލިވެ އިނުމުންނެވެ. އެއީވެސް ހަމަ ކައިވެނިކޮށްގެން ހުރި އަންހެނެކެވެ!
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ދުނިޔެމަތީގައި ސިއްރުކުރެވިދާނެއެވެ. ނަމަވެސް މިއީ ދުވަހެއް ނޫނެވެ. ދުވަސް އޮތީ ކުރިއަށެވެ. މިވަރުން ފުއްދައިލާނަމެވެ!
- ޚަދީޖާ / މިއަދުނޫހުގެ ކިޔުންތެރިއެއް