އެއީ ތަނަވަސްކަން ހުރި ޒުވާނެކެވެ. އޭނާގެ ފަހަތުން އެނބުރޭ އަންހެނުންތަކުގެ ތެރެއިން އޭނާއަށް އިޚްތިޔާރުކުރެވުނީ އޭނާ ދެކެ ލޯބިވާ އަންހެނެއް ނޫނެވެ. އޭނާގެ ތަނަވަސްކަން ދެކެ ލޯބިވާ އަންހެނަކު ދެކެއެވެ. އެހެންވެ ކައިވެނީގެ ކުރިން އޭނާ ލިޔުމެއް ތައްޔާރުކޮށް ފިރިމީހާ ލައްވައި ސޮއިކުރުވިއެވެ. އެލިޔުމުގައިވަނީ ފިރިމީހާ އޭނާ ވަރިކުރާނަމަ ތަނަވަސްކަމުން ދެބައިކުޅަ އެއްބައި އޭނާއަށް ދޭންޖެހޭނެ ކަމަށެވެ.
ކައިވެނިކޮށް ދުވަސްކޮޅެއްވީފަހުން އަނބިމީހާ އޭނާގެ އަޞްލުކުލަ ދައްކަން ފެށިއެވެ. ފިރިމީހާއަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އެކުވެރިންނާއިއެކު ޕާޓީކުރަންފަށައިފިއެވެ. ހިލޭފިރިހެނުންނާއި މަސްހުނިވާން ފަށައިފިއެވެ. ފިރިމީހާ ބުނާ އެއްވެސް ކަމެއް ނުކުރަން ފަށައިފިއެވެ. އެކަންކަމަށް ކެތްނުކުރެވުމުން ފިރިމީހާއަށް ޖެހުނީ އަނބިމީހާ ވަރިކުރާށެވެ.
ވަރިސާބިތުކުރުމާއިއެކު ފިރިމީހާގެ ތަނަވަސްކަމުން އަނބިމީހާ އޭނާއަށް ލިބޭނެކަމަށް ބަލައިގެންހުރި ބައި ހޯދަން ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން މައްސަލަ ބެލިއެވެ. ކޯޓުން ކުރި ޙުކުމުގައި އޮތީ 2 ބައެކެވެ. ފުރަތަމަ އޮތީ ފިރިމީހާގެ ނަމުގައި އެއްވެސް މުދަލެއް ފައިސާއެއް ނެތް ކަމަށެވެ. މުދަލާއި ފައިސާހުރީ މަންމަގެ ނަމުގައި ކަމަށެވެ. ފިރިމީހާގެ އެކައުންޓުގައި އޮތީ އެންމެ 50 ޑޮލަރުވީމާ އަނބިމީހާއަށް 25 ޑޮލަރު ދިނުމަށެވެ.
ދެވަނަ ބައިގައި އޮތީ އަންބަކަށް ހުރެ ފިރިމީހާއަށް ކޮށްދޭންޖެހޭ ޚިދުމަތް ނުކުރުމާއި ބޭވަފާތެރިކަންމަތީގައި އުޅުމުން ފިރިމީހާއަށް ލިބުނު ނަފްސާނީ ގެއްލުންތަކަށް ބަދަލުގެ ގޮތުގައި 2 މިލިއަން ޑޮލަރު ފިރިމީހާއަށް ދިނުމަށާއި ފިރިމީހާ އަނބިމީހާއަށް ކޮށްފައިވާ ބޮޑެތި ޚަރަދުތަކުގެ ބަދަލެއްގެ ގޮތުން އިތުރު 5 މިލިއަން ޑޮލަރު ފިރިމީހާއަށް ދިނުމަށެވެ.
ވީމާ މަކަރަކުން ބޮޑު ތަނަވަސްކަމެއް ލިބިގަތުމަށް ކުރި ކައިވެނި ނިމިގެންދިއައީ އަނބިމީހާ 7 މިލިއަން ޑޮލަރަށް ދަރަނިވެރިވެގެންނެވެ. މިހުންނަނީވެސް ދުނިޔޭގެ ކޯޓުތަކުން ނިންމާ ނިންމުންތަކެވެ. އަޅުގަނޑުގެ ސުވާލަކީ ވަރިއާއިމެދު މިފަދަ ހަރުދަނާ އުޞޫލުތަކެއް މިރާއްޖޭގައިވެސް ކަނޑައަޅަން ފަސްޖެހިގެން މިއުޅެނީ ކީއްވެގެންތޯއެވެ؟ ކުށޭއްނެތި ވަރިކުރުމުން ނުވަތަ ވަރިވުމުން ދެރަ ލިބުނު މީހާއަށް އެކަމުގެ ބަދަލުދޭންޖެހޭނެ ގޮތެއް ކަނޑަނުއަޅަނީ ކީއްވެގެންތޯއެވެ؟
- މިއަދުނޫހުގެ ކިޔުންތެރިއެއް