ޢަލީ އިހްޞާން ފިރާޤް
އޮސްޓިއޯޕޮރޮސިސް އަކީ ކަށިތައް ބަލިކަށިވުމެވެ. ކަށިތައް ބަލިކަށިވުމުގެ ސަބަބުން ކިތަންމެ ކުޑަ އަނިޔާއެއްގެ ސަބަބުންވެސް ކަށިތައް ބިނދުން ނުވަތަ ރެނދު އަޅާ ގޮތްވެއެވެ. މި ބަލި ހުންނަ މީހުން ވެއްޓުން ނުވަތަ ކައްސާލުން ފަދަ ކަމެއްގެ ސަބަބުންވެސް ކަށިތައް ބިނދި، ރެނދު އަޅާގޮތް މެދުވެރިވެއެވެ.
އޮސްޓިއޯޕޮރޮސިސް އަށް ދިވެހި ބަހުން ކަށިފީވުމެވެވެސް ކިޔައެވެ.
ލޭގެ ސެލްތައް ފަދައިން ކައްޓަކީވެސް އާވަމުންދާ އެއްޗެކެވެ. ދުވަސްވެފައިވާ ކަށިތައް ހަލާކުކޮށްލުމަށްފަހު އާ ކަށިތައް އުފައްދަމުން ގެންދެއެވެ. ކަށިފީވަނީ މިދެންނެވި ދުވަސްވެފައިވާ ކަށިތައް ހަލާކުކޮށް ނެތިކޮށްލާ މިންވަރު، އާކަށިތައް އުފެދޭ މިންވަރަށް ވުރެ އިތުރުވެގެން ދިޔުމުގެ ސަބަބުންނެވެ.
ކަށިފީވުމަކީ ކޮންމެ ނަސްލެއްގެ މީހަކަށްވެސް ޖެހިދާނެ ބައްޔެކެވެ. ދޮން ނަސްލުގެ މީހުންނާއި، އޭޝިއާ ގައުމުތަކުގެ މީހުންނާއި، އިއްދައިން ކެނޑިފައިވާ އަންހެނުންނަށް ކަށިފީވުމުގެ މައްސަލައާ ކުރިމަތިވާ މިންވަރު އިތުރެވެ. ބޮޑުވަމުން އަންނައިރު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކެލްސިއަމް ނުލިބިއްޖެނަމަ ކަށިތައް ބަލިކޮށް އުފެދެއެވެ. އޭގެ ސަބަބުން އުމުރުން ދުވަސްވުމުން ކަށިފީވުމުގެ މައްސަލައާ ކުރިމަތިލާން ޖެހެއެވެ.
ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް މިބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އެއީ، އިއްދައިން ކެނޑުމުން، އަންހެން ހޯރމޯން އެއްކަމަށްވާ އެސްޓްރޮޖެން ގެ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. އެސްޓްރޮޖެންއަކީ ކަށިތައް އުފެދި ފުރިހަމަ ވުމުގައި މުހިންމު ދައުރެއް އަދާ ކުރާ ހޯރމޯންއެކެވެ.
ބަލީގެ ފުރަތަމަ ކޮޅުގައި އަލާމާތްތައް ނުފެނި ދިޔަ ނަމަވެސް ބަލި ބޮޑުވެގެން ދިޔުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި، ބުރަކަށީގައި ރިއްސުމާއި، ފަސޭހައިން ކަށި ބިންދައިގެން ދާގޮތްވުމާއި، އިސްކޮޅު ކުރުވެ ގުދުލައިގެންދާ ގޮތްވުމާއި، ބަރުދަން ލުއިވުން ހިމެނެއެވެ.
ކަށިފީވުމުގެ ބަލިން ރައްކާތެރި ވުމަށްޓަކައި ކެއިން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނެވިދާނެއެވެ. އެގޮތުން ކެއިން ބުއިމުގައި ކެލްސިއަމް އަދި ވިޓަމިންޑީ އެކުލެވޭ ބާވަތްތައް ބޭނުން ކުރެވިދާނެއެވެ. ހަށިގަނޑަށް ކެލްސިއަމް ލިބިދޭ ބާވަތްތަކުގެ ތެރޭގައި ކިރާއި، ކިރުން އުފައްދާފައިވާ ބާވަތްތަކާއި، ފެހިކަންގަދަ ފަތާއި، ސޯޔާ މިލްކު ފަދަ ބާވަތްތައް ހިމެނެއެވެ. ވިޓަމިންޑީ އާންމުކޮށް ހަށިގަނޑަށް ލިބިދެނީ އިރުގެ އަވިންނެވެ. ވިޓަމިންޑީ ލިބޭ ކާނާތަކުގެ ތެރޭގައި މަހުގެ ތެލާއި، ކުކުޅު ބިސް، މަސްރޫމް އަދި ކޮޑްލިވަރ އޮއިލް ހިމެނެއެވެ. ވިޓަމިންޑީ އަކީ ހަށިގަނޑަށް ކެލްސިއަމް ނަގައިދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ހެލިފެލިވެ އުޅުމާއި ގަވައިދުން ކަސްރަތު ކުރުމަކީ ކަށިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރުން ވަރަށް މުހިންމު ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްނަމަ އެކަމުން ދުރުހެލިވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.