ކިޑްނީއަކީ އިންސާނާގެ އެންމެ މުހިންމު އެއް ގުނަވަނެވެ. ކިޑްނީގެ ވާހަކަ ގިނަގިނައިން ހާމަކުރުމުގެ ބޭނުމަކީ ކިޔުންތެރިންގެ ޞިއްޙަތަށް ފައިދާކުރާނެ ކަންކަން ހަނދާންކޮށްދީގެން ދުޅަހެޔޮ ޞިއްހަތެއްގައި ތިބެން އެހީތެރިވުމެވެ.
ކިޑްނީ ފޭލްވެއްޖެނަމަ މީހާގެ ޞިއްހަތު ފޭލްވެއެވެ. ތަފާތު މައްސަލަތައް ކުރިމަތިވެ ދުނިޔޭގައި ނުހުރެވޭ ޙާލަތަށް ކަންކަން ދެއެވެ. ނަމަވެސް ފަރުވާތެރިވާންޖެހޭ ވަރާއި ގާތަކަށްވެސް ފަރުވާތެރިވެވޭކަމަށް ބުނެވޭކަށް ނެތެވެ.
ދުނިޔޭގެ ނިޞްބަތުން ބެލިނަމަވެސް އެންމެ ޢާންމު އެއް ބައްޔަކީ ކިޑްނީގެ ބަލިތަކެވެ. އެވެރެޖްކޮށް ބަލައިފިނަމަ މިހާރު ކޮންމެ 100 އަކުން 15 މީހުންނަކީ ކިޑްނީގެ ކޮންމެވެސް ބައްޔެއް ހުންނަ މީހުންނެވެ. ބައެއް ޤައުމުތަކުގައި ޢަދަދު އިތުރުކަންވެސް ފާހަގަކުރެވެއެވެ.
ކިޑްނީއަކީ އެންމެ މުހިންމު އެއް ގުނަވަނެވެ. ކިޑްނީގެ ދުޅަހެޔޮކަން ގެއްލި މަސައްކަތްކުރުމުގައި ފޭލްވާނަމަ މީހާއަށް ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. އެހެންކަމުން ކިޑްނީއަށް ދުޅަހެޔޮކަން ހޯދައިދިނުމަށް މަސައްކަތްކުރަންވީ ހަމައެކަނި ބަލިވުމަކުން ނޫނެވެ. އަބަދުވެސް އެވެ.
މި 10 ބާވަތަކީ ކިޑްނީއަށް ދުޅަހެޔޮކަން ގެނެސްދޭ ބާވަތްތައް ކަމަށް ދިރާސާތަކުން ދައްކައެވެ. ވީމާ ކެއުމުގައި އެމީހަކަށް ލިބޭ މިންވަރަކުން މިބާވަތްތައް އިތުރުކުރަން މަސައްކަތްކުރާށެވެ! އަދި ކާއެއްޗެތި ތައްޔާރުކުރަން އޮލިވް އޮއިލް ބޭނުންކުރަން ސަމާލުކަންދޭށެވެ!
1 ރަތް މޭބިސްކަދުރު، 2 ލޮނުމިދު، 3 ޒައިތޫނި 4 ކޯލީފްލާވަރ، 5 ކެބެޖް، 6 ބެލް ޕެޕަރ، 7 މެކަޑެމިއާ ނަޓްސް، 8 ކްރޭންބެރީ، 9 އަލަނާސި، 10 ރަނގަޅަށް ހަންނޮޅައި ސާފުކޮށްފަ ހުންނަ ކުކުޅު މަސް
މީގެ ތެރޭގައި ތަންކޮޅެއް އަގުބޮޑު ބާވަތްތައްވެސް ހިމެނެއެވެ. ނަމަވެސް ބައެއް ބާވަތްތަކަކީ މިހާރުވެސް ގިނަ ބައަކު ޢާންމުކޮށް ބޭނުންކުރާ ބާވަތްތަކެވެ. ވީމާ އޮތީ ސަމާލުކަންދީގެން ބޭނުންކުރުމެވެ. މިބުނަނީ ވީވަރަކުން ގިނައިން ބޭނުންކުރުމުގެ ވާހަކައެވެ.