މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗު ނާލި އެކްސްޗޭންޖުން ކާމިޔާބުކޮށް މުހިންމު މޮޅެއް ހޯދައިފިއެވެ. އޮފްއެފްސީއާ ވާދަކޮށް ނާލި އެކްސްޗޭންޖުން މި މެޗު ކާމިޔާބު ކުރީ 108 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.
މި މެޗުގެ ގުރުދިމާވުމުން ނާލި ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 169 ލަނޑު ވަނީ ހަދާފައެވެ. ނާލި ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 7 ބޯޅައިން 36 ލަނޑު ހެދި މުހައްމަދު އާމިރެވެ.
ޖަވާބުގައި އޮފްއެފްސީ ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 69 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 21 ބޯޅައިން 20 ލަނޑު އެއްކުރި އިސްމާއިލް ޝަރީފްއެވެ.
މިއަދު ކުޅުނު ދެވަނަ މެޗު މޭރީ ކޯނަރ ކާމިޔާބުކުރީ ހަފްލާންއާ ވާދަކޮށް 55 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ހަފްލާން އިން ގަސްތުކުރީ ހޮވުމަށެވެ. އެގޮތުން މޭރީ ކޯނަރ އިން ފުރަތަމަ ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 149 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ބޯޅައިން 27 ލަނޑު ހެދި މުހައްމަދު އަޒްލީއެވެ.
ޖަވާބުގައި ހަފްލާން ޓީމުން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 94 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 26 ލަނޑު ހެދި ހުސެއިން ޝަރީފްއެވެ.