ފާއިތުވި 48 ގަޑިއިރުތެރޭ 464،819 ރުފިޔާ ފުލުހުން ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފާއިތުވި 48 ގަޑިއިރުތެރޭ 464،819 ރުފިޔާ ފުލުހުން ހޯދައިފި

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޖުމުލަ 464،819 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. މި ފައިސާތަކަކީ މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސް ސްޓޭޝަންތަކުން ކުރި މަސައްކަތުން ހޯދާފައިވާ ފައިސާއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފައިސާ ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެގޮތުން ގަލޮޅު ފުލުހުން 365،099 ރުފިޔާ އަނބުރާ ހޯދާފައިވާއިރު، ހެންވޭރު ފުލުހުން ވަނީ 65،000 ރުފިޔާ ހޯދާފައެވެ. މީގެ އިތުރުން މާފަންނު ފުލުހުން ވަނީ ގެއްލިގެން ރިޕޯޓުކުރި 138،552 ރުފިޔާގެ ތެރެއިން 34،720 ރުފިޔާ އަނބުރާ ހޯދާފައެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތްތަކުގެ ތެރޭގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި 18 ކޯލަކަށް އިޖާބަދީ، ދެ ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން 35 ހާދިސާއެއް ރިކޯޑުކޮށް، ޓްރެފިކާ ގުޅޭ 39 މައްސަލައެއް ބަލައި، 738 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވެއެވެ.

ހެންވޭރު ޕޮލިސް ސްޓޭޝަނުން ފާއިތުވި 48 ގަޑިއިރު ތެރޭގައި 13 ކޯލަކަށް އިޖާބަދީފައިވާއިރު، ހަ ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވެއެވެ. އެ ސްޓޭޝަނުން 24 ހާދިސާއެއް ރިކޯޑުކޮށްފައިވާއިރު، ޓްރެފިކް ފުލުހުން ވަނީ 101 މައްސަލައެއް ބަލާފައެވެ. އަދި ޖުމުލަ 752 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާފަންނު ޕޮލިސް ސްޓޭޝަނުން 25 ކޯލަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން 10 ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެ، 33 ހާދިސާއެއް ވަނީ ރިކޯޑުކޮށްފައެވެ. އެ ސަރަޙައްދުގެ ރައްކާތެރިކަމަށްޓަކައި 777 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާއިރު، އާންމުކޮށް މައްސަލަތައް ހުށަހެޅޭ 112 ސަރަޙައްދެއްވެސް ވަނީ ޚާއްޞަ ސަމާލުކަމެއް ދީގެން ބަލައި ފާސްކޮށްފައެވެ.

މިއަދު އޮންލައިން