ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފިއެވެ. މި މަގާމަކީ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުން ފިޔަވައި އެހެން ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުން ހޮވޭ، އާންމު ހިއްސާދާރުންގެ މަސްލަހަތު ބޯޑުގައި ތަމްސީލުކުރާ ފަރާތެކެވެ.
މި މަގާމަށް ހޮވޭ ފަރާތެއްގެ ދައުރަކީ، އެ ފަރާތެއް އިންތިހާބުކުރާ އަހަރީ އާންމު ޖަލްސާއިން ފެށިގެން، އޭގެ ފަހުން ބާއްވާ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
މި މަގާމަށް ކުރިމަތިލާން އެދޭ ޝަރުތުހަމަވާ ހިއްސާދާރުން، "ޕަބްލިކް ޑައިރެކްޓަރުކަމަށް އެދޭ ފޯމު" އާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 12 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ. ފޯމު ހުށަހެޅޭނީ ދިރާގު ހެޑް އޮފީހަށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އެޕްލިކޭޝަން ފޯމުތައް ދިރާގުގެ އޭ.ޖީ.އެމް ޕޭޖުންނާއި، ފެބުރުވަރީ 5 އިން މާރިޗު 12 ގެ ނިޔަލަށް ދިރާގު ހެޑް އޮފީހުން ލިބެން ހުންނާނެއެވެ. ހުށަހަޅާ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބޯޑުގެ އާރް.އެން.ޖީ (RNG) ކޮމިޓީންނެވެ. މި މަރުހަލާގައި ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ދިރާގުން ބުނެއެވެ.
ކޮމިޓީން ޝޯޓްލިސްޓް ކުރާ ނަންތައް ބޯޑުގެ ހުއްދައާއެކު އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ހިމަނައި، ވޯޓަށް ހުށަހެޅޭނެއެވެ. މި މަގާމަށް ހޮވޭނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތެކެވެ. ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ ޖަލްސާއަށް ހާޒިރުވާ، ނުވަތަ އޮންލައިންކޮށް ބައިވެރިވާ، ނުވަތަ ޖަލްސާގައި ހިއްސާދާރުން ތަމްސީލުކުރާ ފަރާތްތަކަށެވެ.
ވޯޓުލުމުގެ އުސޫލު ހަމަޖެހިފައިވާ ގޮތުން، ކޮންމެ ހިއްސާދާރަކަށް ވެސް ވޯޓު ދެވޭނީ އެ ފަރާތަކަށް ނިސްބަތްވާ ޖުމްލަ ހިއްސާގެ އަދަދަށް، ކޮންމެ ހިއްސާއަކަށް ވޯޓެއްގެ އުސޫލުންނެވެ.