އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް މިއަދު ނައްތާލައިފިއެވެ.
މި ތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގައެވެ. މިއަދު ނައްތާލި ތަކެއްޗަކީ މި ހިނގާ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އުމުރުން 34 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޗައިއޮން، މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ވޭޕްތައް ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.