ރައީސް ކުރިއަށްގެންދަވާ މަޝްރޫއުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަސައްކަތްތަކެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
ރައީސް ކުރިއަށްގެންދަވާ މަޝްރޫއުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަސައްކަތްތަކެއް: ވަޒީރު


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިކަމުގެ ދާއިރާއަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކުގެ ދަށުން ކުރިއަށްގެންދަވާ މަޝްރޫއުތަކަކީ މި ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަސައްކަތްތަކެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ގދ. ފިޔޯރީގައި މަސް ފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސް ފެކްޓަރީތަކާއި ކޯލްޑް ސްޓޮރޭޖުތައް މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި މިފަދަ ވަސީލަތްތައް ގާއިމުކުރާއިރު، އެ ރަށްރަށުގެ މަސްވެރިކަމުގެ މާހައުލަށް ގެއްލުން ނުވާނެހެން އަދި މަސްވެރިކަން ހަލާކުނުވާނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މަސްވެރިކަން ރަނގަޅު އަހަރުތަކުގައި މަސްވެރިން 120،000 ޓަނަށްވުރެ ގިނަ މަސް ކިރުވާ ކަމަށެވެ. ނަމަވެސް ރާއްޖެއިން އަހަރެއްގެ މައްޗަށް ބޭރުކުރެވެނީ ގާތްގަނޑަކަށް 70,000 ޓަނުގެ މަސްކަން ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން 85 އިންސައްތަ މަސް ބޭރުކުރަނީ "ރޯ މެޓީރިއަލް" ނުވަތަ އެއްވެސް ވަރަކަށް އަގު އެއްނުކޮށް (ވެލިއު އެޑް ނުކޮށް) ކަމަށާއި، އަގު އެއްކޮށްގެން ބޭރުކުރެވެނީ އެންމެ 15 އިންސައްތަ މަސް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އަގު އެއްކުރުމުގެ ކެޕޭސިޓީގެ ގޮތުގައި މިއަދު އޮތް 50 ޓަނުގެ ކެޕޭސިޓީ 300 ޓަނުގެ ކެޕޭސިޓީއަށް ބަދަލުކުރުން. އޭގެ އެއް މަޝްރޫއު މިތާގައި (ފިޔޯރީގައި) ކުރިއަށްމިދަނީ،" ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއުތަކުގެ ސަބަބުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބި، ރާއްޖެއިން ބޭރުކުރާ މަހުގެ އުފެއްދުންތަކުން ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ފިޔޯރީގައި މިއަދު ފެށުނު މަޝްރޫއަކީ ރައީސް މުޢިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން