އިޤްތިޞާދުގައި ދައުރުވާ 100 ރުފިޔާގެ ނޫޓު މަދުވުމުން، އަލުން ޗާޕުކޮށްގެން ރާއްޖެ ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އިޤްތިޞާދުގައި ދައުރުވާ 100 ރުފިޔާގެ ނޫޓު މަދުވުމުން، އަލުން ޗާޕުކޮށްގެން ރާއްޖެ ގެނެސްފި

އިޤްތިޞާދުގެ ތެރޭގައި ބޭނުންކުރަމުންދާ 100 ރުފިޔާގެ ނޫޓު ދައުރުވާ މިންވަރު މަދުވުމާ ގުޅިގެން، އަލުން ޗާޕުކޮށްގެން 100 ރުފިޔާގެ އައު ނޫޓު ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ އޮތޯރިޓީން ނެރެފައިވާ "ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ތެރޭގައި ހިމެނޭ 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން، އައު ސްޓޮކެއް މިއަދު އެ އޮތޯރިޓީގެ ޚަޒާނާއަށް ގެނެސްފައިވާ ކަމަށެވެ.

އެމްއެމްއޭއިން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، އަލަށް ގެނައި ނޫޓުތައް ދައުރުކުރަން ފެށި ނަމަވެސް، މިހާރު ބޭނުންކުރަމުންދާ 100 ރުފިޔާގެ ނޫޓުތައްވެސް އޭގެ އާދައިގެ މަތިން ބާޒާރުގައި ދައުރުވަމުންދާނެއެވެ. މި ބަދަލާއެކު މުާމަލާތްތައް ހިންގުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދެއްވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ ކުރީކޮޅުވެސް ރާއްޖޭގެ ބާޒާރުގައި 100 ރުފިޔާގެ ނޫޓު މަދުވުމުގެ ސަބަބުން އެމްއެމްއޭއިން ވަނީ އައު ނޫޓުތަކެއް ޗާޕުކޮށްގެން ގެނެސްފައެވެ. އެ ފަހަރު ގެނައި ނޫޓުތައް ދައުރުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ "ރަން ދިހަފަހެއް" ނޫޓު ސީރީޒަކީ ޕޮލިމަރ ނޫޓުތަކެއް ކަމުން، މިއީ އާދައިގެ ކަރުދާސް ނޫޓުތަކަށްވުރެ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ނޫޓުތަކެކެވެ. ނަމަވެސް އިޤްތިޞާދީ ހަރަކާތްތައް އިތުރުވުމާއި ފައިސާ ބޭނުންކުރާ މިންވަރު މަތިވުމުގެ ސަބަބުން، ދައުރުވާ ފައިސާގެ މިންވަރު ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ދަނީ ދޭތެރެއަކުން ނޫޓުތައް ޗާޕުކޮށް އިތުރުކުރަމުންނެވެ.

މިއަދު އޮންލައިން