ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ނަފްސާނީ ބަލީގެ ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ނާޒިމްގެ އަރިހުގައި ޞިއްޙީ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މަނަދޫގައި މި ޚިދުމަތްތައް ޤާއިމުކޮށްފައިވަނީ އެކަމަށް ޚާއްޞަ ފަންނީ ބޭފުޅުންނާއެކުގައެވެ.
ނ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސް އަޙްމަދު މައިމޫން ވިދާޅުވީ، ނަފްސާނީ ބަލީގެ ޚިދުމަތާއި ފިޒިއޮތެރަޕީގެ ޚިދުމަތަކީ ނ. އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ، އަދި އަތޮޅަށް ނުހަނު ބޭނުންތެރި ދެ ޚިދުމަތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރެވިގެންދާނެ ކަމުގެ ޔަޤީންކަން މައިމޫން ދެއްވިއެވެ.
މީގެ އިތުރުން، އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ނ. އަތޮޅަށް ކުރައްވަމުންދާ މި ދަތުރުފުޅަކީ އަތޮޅުގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މަނަދޫގެ އިތުރުން އެ އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާފަރު، މާޅެންދޫ އަދި މިލަންދޫގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތުދެއެވެ.