ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު 5 ގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ނަރުދަމާގެ ނިޒާމަށް ގެއްލުން ލިބުނު 38 އެޕާޓްމަންޓެއްގެ މަރާމާތު މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އިމާރާތުގެ ނަރުދަމާ ހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެ ސަބަބުން އެ ޓަވަރުގެ 38 އެޕާޓްމަންޓެއްގައި ދިރިއުޅޭ ފަރާތްތަކަށް އާންމު ދިރިއުޅުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އެޗްޑީސީން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދިން މަޢުލޫމާތުގައި ބުނެފައިވަނީ، ނަރުދަމާއަށް ގެއްލުން ލިބުނު އެޕާޓްމަންޓްތަކުގެ މަރާމާތު މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން، މިހާރު ކުރިއަށްދަނީ ވައިގޮޅީގައި ހުރި އޭސީ ޔުނިޓުތައް ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ނަރުދަމާ ހޮޅިތަކަށް ލިބިފައިވާ ގެއްލުންތައް ތަފްސީލީ ގޮތެއްގައި ދެނެގަނެ، މަރާމާތުގެ މަސައްކަތްތައް ވަރަށް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެޗްޑީސީން ފާހަގަކުރިއެވެ.
މި މަރާމާތުގެ މަސައްކަތް ކުރިއަށްދާއިރު، އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އެޗްޑީސީގެ މުވައްޒަފުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ހުރިހާ އެޕާޓްމަންޓްތަކެއްގެ ނަރުދަމާގެ މައްސަލަ އެއްކޮށް ހައްލުކޮށް، ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ނިމުމެއް ގެނައުމެވެ.